ޕީޕީއެމް، ޕީއެންސީގެ ޓިކެޓުގައި ރައްޔިތުންގެ މަޖިލީހަށް ވާދަކޮށްގެން ހޮވޭ އަންހެން މެންބަރުންނަށް އެ ދެ ޕާޓީން ޚާއްޞަ އިނާޔަތެއް ދޭގޮތަށް ހަމަޖައްސަން މަސައްކަތް ކުރައްވާ ކަމަށް އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓުގެ ގޮތުގައި ވާދަކުރައްވައިގެން އިންތިޚާބު ކާމިޔާބު ކުރެއްވި މުއިއްޒު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ކުރިޔަށް އޮތް މަޖިލިސް އިންތިޚާބުގައި ވީހާވެސް ގިނަ އަންހެނުން ބައިވެރިވެ، ހޮވުމަކީ އެމަނިކުފާނު ވަރަށް ބޮޑަށް އެދިވަޑައިގަންނަވާ ކަމެއް ކަމަށެވެ.

"މިގޮތުން، ޕީޕީއެމް/ޕީއެންސީއިން މަޖިލީހުގެ މަދުވެގެން 20 ޕަސެންޓް ގޮނޑިއަށް އަންހެން ބޭފުޅުން ކުރިމަތިލާ ހޮވުމަށް މަސައްކަތްކުރުމަށް ގޮވާލަން،" މުއިއްޒު ވިދާޅުވިއެވެ.

"އަދި، މިކަމަށް ހިތްވަރު ދިނުމުގެ ގޮތުން، ޕީޕީއެމް/ޕީއެންސީ އިން މަޖިލީހަށް ހޮވޭ ކޮންމެ އަންހެން މެންބަރަކަށް މަޖިލީހުން ލިބޭ މުސާރައާއި އެލަވަންސްގެ އިތުރުން ޕާޓީއިން ޚާއްޞަ އެލަވަންސެއް ދޭގޮތަށް ހަމަޖައްސަން އަޅުގަނޑު މަސައްކަތް ކުރާނެ ވާހަކަ ދަންނަވަން."

ޕީއެންސީގެ ރައީސް ކަމަށް ދާދި ފަހުން އައްޔަންކޮށްފައިވާ ޑރ. މުއިއްޒު ވަނީ އެ މަނިކުފާނުގެ އެންމެ ބޮޑު އަމާޒަކީ އަންނަ އަހަރު ބާއްވާ މަޖިލިސް އިންތިޚާބުގައި ވީހާ ވެސް ގިނަ މެންބަރުން ހޮވައި މަޖިލީހުގެ ސުޕަ މެޖޯރިޓީ ހޯދުން ކަމަށް މީގެ ކުރިން ވިދާޅުވެފައެވެ. އެގޮތުން 93 މެންބަރުންގެ ތެރެއިން 60 މެންބަރުން ބޭނުންވާ ކަމަށް މުއިއްޒު ވިދާޅުވެފައިވެއެވެ.

މީގެ އިތުރުން އެންމެ ބޭނުންފުޅުވާ އެއް ކަމަކީ އަންހެން މެންބަރުން ގިނަ ކުރުން ކަމަށާއި އެގޮތުން އެންމެ ރަނގަޅު ގޮތަކީ މަދުވެގެން ތިންބައިކުޅަ އެއްބައި މެންބަރުންނަކީ އަންހެން މެންބަރުންނަށް ވުން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވެފައިވެއެވެ.

މިހާރުގެ 19 ވަނަ މަޖިލީހުގައި 87 މެންބަރުން ތިއްބަވާއިރު، އޭގެ ތެރޭގައި ތިއްބެވީ އެންމެ ހަތަރު އަންހެން މެންބަރުންނެވެ. އޭގެ ތެރޭގައި ޕީޕީއެމް ޕީއެންސީގެ މެންބަރަކު ހިމެނިވަޑައިނުގަންނަވައެވެ.

މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲއަކީ ދަ ޑިމޮކްރެޓްސްގެ މެންބަރަކަށްވާއިރު، އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމްއާއި، ހިންނަވަރު ދާއިރާގެ މެންބަރު ޖީހާން މަހްމޫދު އަދި، ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިންއަކީ އެމްޑީޕީގެ މެންބަރުންނެވެ.

ދެހާސް ނަވާރަ ވަނަ އަހަރުގެ މަޖިލިސް އިންތިޚާބު ބޭއްވީ އޭޕްރިލް ހަޔެއްގައެވެ. މީގެ ކުރިން އީސީން ވަނީ އަންނަ އަހަރު ވެސް މަޖިލިސް އިންތިޚާބު އޭޕްރިލް މަހު ބޭއްވުމަށް މަސައްކަތްކުރަމުން އަންނަ ކަމަށް ބުނެފައެވެ.