29 Oct 2023, 10:53
އިޒްރޭލު ޔަހޫދީން ފަލަސްތީނަށް ދެމުންދާ ލާއިންސާނީ އަނިޔާތަކުގައި ހާލުގައި ޖެހިފައިވާ މުސްލިމުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އިންޓަނޭޝަނަލް އެއިޑްސް ކެމްޕެއިން (އައިއޭސީ)ން ހުޅުވާފައިވާ ފަންޑަށް މިހާތަނަށް 23 މިލިއަނަށް ވުރެ ގިނަ ރުފިޔާ ލިބިއްޖެއެވެ.
އައިއޭސީގެ "ޣައްޒާ އެމަޖެންސީ ރިލީފް 2023" ފަންޑަށް މިހާތަނަށް ވަނީ 23،987،108 ރުފިޔާ (ތޭވީސް މިލިއަން ނުވަ ލައްކަ އަށްޑިހަ ހަތްހާސް އެއްސަތޭކަ އަށް ރުފިޔާ) ލިބިފައެވެ. އަދި 13،023 ޑޮލަރު ވެސް ވަނީ ލިބިފައެވެ.
ރާއްޖޭގެ އެންމެ ބޮޑު އެހީގެ އެއް ޖަމިއްޔާ އައިއޭސީން އޮޑިޓުތަކާއި ރިޕޯޓުތަކުގެ އިތުރުން ލިޔެކިޔުންތައް ހާމަނުކުރާ ކަމަށް ބުނެ ބައެއް ފަރާތްތަކުން އަންނަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.
އެ ކަންބޮޑުވުންތަކަށް ރައްދު ދެމުން އައިއޭސީން މީގެ ކުރިން ބުނެފައި ވަނީ އެ ޖަމިއްޔާއިން އޮޑިޓުތަކާއި ރިޕޯޓުތަކުގެ އިތުރުން ލިޔެކިޔުންތައް ހާމަކުރާ ދެފުށް ފެންނަ ނިޒާމަކުން ފަންޑުގެ ކަންކަން ބަލަހައްޓަމުން އަންނަ ކަމަށެވެ. އަދި ދިވެހީންގެ ފަރާތުން އެހާ ބޮޑު އެއްބާރުލުމެއް އެ ޖަމިއްޔާއަށް ލިބެނީ އެގޮތަށް ކަންކަން ކުރާތީ ކަމަށް އައިއޭސީން ބުނެފައިވެއެވެ.
އައިއޭސީން މިހާރު ވެސް އަންނަނީ ޣައްޒާގެ ހާލުގައި ޖެހިފަ ތިބި މުސްލިމުންނަށް އެހީ ފޯރުކޮށްދިނުމަށް މަސައްކަތް ކުރަމުންނެވެ. އެގޮތުން ކާބޯތަކެއްޗާއި އެހެނިހެން ޒަރޫރީ ބޭނުންތައް ފުއްދުމަށްޓަކައި އެ ޖަމިއްޔާއިން އަންނަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.
އިސްރާއީލުން ވައިގެ މަގުންނާއި އެއްގަމުން ވެސް ޣައްޒާއަށްދޭ ހަމަލާތައް ވަރުގަދަކޮށް، އެ ސަރަހައްދުގެ ފޯނާއި އިންޓަނެޓުގެ ޚިދުމަތް ވަނީ ކަނޑާލާފައެވެ. އޭގެ ސަބަބުން، ޣައްޒާގައި ދިރިއުޅޭ މީހުންނާ މުޅިން ގުޅުން ކެނޑި، އެ ސަރަހައްދުގައި ތިބި މީހުންގެ ހާލަތު ބެލޭނެ އެއްވެސް ގޮތެއް ވަނީ ނެތިފައެވެ.
އިސްރާއީލުން މިމަހުގެ ހަތް ވަނަ ދުވަހުން ފެށިގެން މެދުކެނޑުމެއްނެތި ހަމަލާތައް ދެމުންދާއިރު، ޣައްޒާއިން މިހާތަނަށް 7،700އަށް ވުރެ ގިނަ މީހުން ޝަހީދުކޮށްފައިވެއެވެ. އޭގެ ތެރޭގައި 3،500އަށް ވުރެ ގިނަ ކުޑަކުދިން ހިމެނެއެވެ. މީގެ އިތުރުން އެ ހަމަލާތަކުގައި ގާތްގަނޑަކަށް 19،734 މީހުންނަށް އަނިޔާވެފައިވެއެވެ.