17 May 2012, 09:33
ޕެރިސް (މޭ 71) : އަވަހާރަކޮށްލާފައިވާ ލީބިޔާގެ ކުރީގެ ޒަޢީމް ކާރނަލް މުޢައްމަރުލްޤައްޒާފީގެ ޢާއިލާގެ ހަރުމުދަލުގެ ތެރޭގައި ހިމެނޭ ލަގްޒަރީ ދެހޮޓަލަކާއި ބައެއްބިން އިޓަލީ ސަރުކާރުން އަތުލައި އެތަކެތި ކޮންފިސްކޭޓްކޮށްފިއެވެ.
އިޓަލީގެ "އަންސާ" ނޫސްއެޖެންސީ ބުނިގޮތުގައި އިޓަލީގައިވާ ގައްޒާފީގެ ޢާއިލާގެ މި މިލްކިއްޔާތު އިޓަލީ ސަރުކާރުން އަތުލައި ކޮންފިސްކޭޓްކުރީ ކޯޓު އަމުރެއްގެ ދަށުންނެވެ. އިޓަލީ ސަރުކާރުން އަތުލި ގައްޒާފީގެ ޢާއިލާގެ ބިމާއި ލަގްޒަރީ ދެހޮޓަލުގެ އަގު 20 މިލިޔަން ޔޫރޯއަށް އަރާކަމަށްވެއެވެ. މިތަކެތިހުރީ މެޑިޓެރޭނިޔަން ކަނޑުގައިވާ އިޓަލީގެ ޓޫރިސްޓް ޖަޒީރާއެއްކަމަށްވާ ބިންތިލީރިޔާގައެވެ. ގައްޒާފީގެ ނަމުގައިވާ ބިމަކީ 150 ހެކްޓަރުގެ ޖަންގަލި ބިމެކެވެ.
މިއީ ވަރަށް ރީތި އަދި ތަފާތު ކާއިނާތްތައް ހިމެނޭ ޖަންގައްޔެއްކަމަށާ މިޖަންގައްޔާއި ލަގްޒަރީ ދެހޮޓަލަކީ ގައްޒާފީގެ ވެރިކަމުގައި އޭނާގެ ދަރިންނަށްޓަކައި ބޮޑުއަގުގައި އިޓަލީން ބައްލަވައިގެންފައިވާ ހަރު މުދާކަމަށްވެއެވެ. ލީބިޔާގެ މިހާރުގެ ސަރުކާރުންވަނީ ގައްޒާފީއާއި އޭނާގެ ޢާއިލާގެ ނަމުގައި ދުނިޔޭގެ އެކިކަންކޮޅުތަކުގައިވާ ބިމާއި ލަގްޒަރީ ހޮޓާތަކާއި ގެތައްފަދަ ހަރުމުދާ ހޯދުމުގެ މަސައްކަތް ފައްޓާފައެވެ. މިކަންކުރަމުން ގެންދަނީ ތަޖްރިބާކާރު ޤާނޫނީ ވަކީލުންގެ ޓީމަކުންނެވެ.
އިޓަލީ ސަރުކާރުން މީގެކުރިންވެސްވަނީ އެޤައުމުގައިވާ ގައްޒާފީއާއި އޭނާގެ ޢައިލާގެ ބިމާއި މުދަލުގެ ތެރޭން 1.1 ބިލިޔަން ޔޫރޯގެ ތަކެތި އަތުލައި އެތަކެތި ކޮންފިސްކޭޓް ކޮށްފައެވެ. މީގެތެރޭގައިވެސް ހިމެނެނީ ބިންބިމާއި ލަގްޒަރީ ހޮޓާތަކާއި ބޮޑެތި ގެތަކާއި ދަނޑުތަކެވެ. ލީބިޔާ ސަރުކާރުންވަނީ މިއީ ލީބިޔާގެ ރައްޔިތުންގެ މުދާކަމަށްބުނެ އިޓަލީ ސަރުކާރާ ދެކޮޅަށް އިޙްތިޖާޖްކޮށްފައެވެ.
ލީބިޔާ ސަރުކާރު ބުނާގޮތުން ގައްޒާފީ މިތަކެތި ބައްލަވައިގެންފައިވަނީ ލީބިޔާގެ ދައުލަތުގެ ފައިސާ ނަހަމަގޮތުގައި ބޭނުންކުރައްވައިގެން ބޮޑުއަގުގައެވެ. އެހެންކަމުން މިތަކެތި އިޓަލީގެ ތަކެތީގެ ގޮތުގައި ހަދައި ކޮންފިސްކޭޓް ކުރުމުގެ ޙައްޤު އިޓަލީ ސަރުކާރަށް ނޯންނާނެ ކަމަށް ލީބިޔާއިން ބުނެއެވެ. -- ބީބީސީ