ޗައިނާގައި މިލިޔަނަރަކު، ފަސް މިލިޔަން ބޭންކުން ނެގުމަށްފަހު، އެ ފައިސާ ބޭންކު މުވައްޒަފުންގެ އަތުން ގުނުވުމާ ގުޅިިގެން މިކަން ދަނީ ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް ދައުރުވަމުންނެވެ.

ޗައިނާ ފައިސާގެ ފަސް މިލިޔަން ބޭންކުން ނެގުމަށްފަހު، މެޝިން ބޭނުންކޮށް އެ ފައިސާ ބޭންކު މުވައްޒަފުންގެ އަތުން ގުނުވީ، ބޭންކުގެ މުވައްޒަފަކާއެކު ހިނގި ދެބަސްވުމެއްގައި ހިތްހަމަނުޖެހިގެން ކަމަށް ޚަބަރުތައް ބުނެއެވެ.

ފަސް މިލިޔަން ރެންމިންބީ އަތުން ގުނުމަށް ދެ ގަޑިއިރަށްވުރެ ވެސް ގިނަ ވަގުތު ހޭދަވިކަމަށް ވެސް މި ޚަބަރުތަކުގައިވެއެވެ.

ބޭންކު މުވައްޒަފުން އަތުން ފައިސާ ގުނާތަނާއި، އެ ފައިސާ ހިފައިގެން މިލިޔަނަރު ދާ ފޮޓޯއާއި ވީޑިއޯ ސޯޝަލް މީޑިއާގައި މިހާރު ދަނީ ވަރަށް ބޮޑަށް ދައުރުވަމުންނެވެ.

މި ހާދިސާގެ ފޮޓޯއާއި ވީޑިއޯ މިހާރު ދައުރުވަމުން ދިޔަނަމަވެސް މިކަން އަސްލު ހިނގާފައިވަނީ 2021ވަނަ އަހަރު ކަމަށް ވެސް މައުލޫމާތުލިބެއެވެ.

ބޭންކް އޮފް ޝަންހާއީގެ ބްރާންޗެއްގައި މިހާދިސާ ހިނގީ، ކޮވިޑް ތެރޭގައި، އެ މީހާ ބޭންކަށް ފައިސާ ނަގަން އައިއިރު، މާސްކު ނާޅާ ހުރުމުން ބޭންކުގެ ސެކިއުރިޓީ އޮފިސަރު އޭނާ ހުއްޓުވައި، މާސްކު އަޅައިގެން ނޫނީ އެތެރެއަށް ނުދެވޭނެ ކަމަށް ބުނުމުން އެކަމާ ހިތްހަމަނުޖެހިގެން ކަމަށް އެ ބޭންކުން ބުނެފައިވެއެވެ.

ޗައިނާގެ މިލިޔަނަރު، ބޭންކުގެ މުވައްޒަފުންނާމެދު ހިތްހަމަނުޖެހި، އެ ބޭންކުގައި ހުރި އޭނާގެ ދިހަ މިލިޔަނަށްވުރެ ގިނަ ރެންމިންބީ ނަގައި، އެހެން ބޭންކުތަކަށް ޖަމާކޮށްފައިވާކަމަށް ވެސް އޭނާއާ ހަވާލާދީ ރިޕޯޓްކޮށްފައިވެއެވެ.