29 Oct 2023, 08:43
ބޮލީވުޑްގެ އެކްޓަރު ޓައިގާ ޝްރޮފް އާއި ސާރާ ޢަލީ ޚާން އެކީގައި ކުޅެން ހަމަޖެހިފައި އޮތް ފިލްމު "ހީރޯ ނަމްބަރު1" އިން ސާރާ ވަކިވުމުން ފިލްމަށް ޓައިގާގެ ކުރީގެ ލޯބިވެރިޔާ ދިޝާ ގެންނަން ނިންމައިފިއެވެ.
ދިޝާ އާއި ޓައިގާ މީގެ ކުރިން ވަނީ ފިލްމު "ބާޣީ2"ގައި އެކީގައި މަސައްކަތް ކޮށްފައެވެ. ފެށޭ އަހަރު މަސައްކަތް ފަށަން ތައްޔާރު ވެފައިވާ ފިލްމުން ސާރާ ވަކިވެފައި ވަނީ ފިލްމުގެ ޝެޑިއުލް ތަކާއި ސާރާގެ ޝެޑިއުލްއާ ފުށު އަރާތީ ކަމަށް ރިޕޯޓު ތަކުން ވަނީ ބުނެފައެވެ.
ފިލްމު "ހީރޯ ނަމްބަރު1" ގެނެސްދޭ ޕްރޮޑަކްޝަން ޓީމުން ބުނެފައި ވަނީ ސާރާ އަކީ ފިލްމުގައި ކުޅޭ ރޯލަށް އެންމެ އެކަށީގެންވާ ބަތަލާއަށް ވީނަމަވެސް ދިޝާ ފިލްމަށް އައުމުން އެކަމާ އުފާކުރާ ކަމުގައެވެ. ސަބަބަކީ ދިޝާ އާއި ޓައިގާގެ ކެމިސްޓްރީ އަކީ ގިނަ ބަޔަކަށް ވަރަށް ކަމުދާ އޮން ސްކްރީން ކެމިސްޓްރީއަށް ވުމެވެ.
މިއީ ދިޝާ އާއި ޓައިގާގެ ލޯބި ގުޅުން ނިމުމަކަށް އައުމަށްފަހު ދެ ތަރިން އެކީގައި ފިލްމަކުން ފެންނާނެ ފުރަތަމަ ފަހަރެވެ. ދެ މީހުންގެ ދެމެދު އޮތް ލޯބީގެ ގުޅުމަށް ނިމުމެއް ގެނައި ނަމަވެސް ޓައިގާ އާއި ދިޝާ އަކީ ވަރަށް ގާތް ރަޙްމަތްތެރިންނެވެ. އެގޮތުން ދިޝާ އަކީ ޓައިގާގެ މަންމަ އައިޝޭ ދަތު އަދި ކޮއްކޮ ކްރިޝްނާ ޝްރޮފަކީ ވަރަށް ގާތް ފަރާތެކެވެ.

ދިޝާ ޓައިގާ ޝްރޮފްގެ ކޮއްކޮ ކްރިޝްނާ ޝްރޮފްއާ އެކު
ފިލްމު "ހީރޯ ނަމްބަރު1" އަކީ 1997ވަނަ އަހަރު ޑައިރެކްޓަރު ޑޭވިޑް ދަވަން އުފެއްދި ހެއްވާ މަޖާ ފިލްމާ އެއްވެސް ގުޅުމެއް ހުރި ފިލްމެއް ނޫން ކަމަށާއި ފިލްމުގެ ސްޓޯރީ ވަރަށް ތަފާތު ވާނެކަމަށް ޕްރޮޑަކްޝަން ޓީމުން ވަނީ ބުނެފައެވެ. ޑައިރެކްޓަރު ޖަގަން ޝަކްތީގެ އެކްޝަން އެޑްވެންޗާ ފިލްމު "ހީރޯ ނަމްބަރު1"ގެ މަސައްކަތް އަންނަ އަހަރު ފަށަން ނިންމާފައިވީ ނަމަވެސް ފިލްމުގެ ބައެއް އެކްޝަން ސީންތައް ޓައިގާ ވަނީ ޝޫޓުކޮށް ނިންމާފައެވެ. ޓައިގާ އާއެކު މި ފިލްމުން ރިތިކް ރޯޝަންގެ ދެބެއިންގެ ދެދަރި ޕަޝްމިނާ ރޯޝަން ވެސް ފެންނާނެއެވެ.