29 Oct 2023, 08:35
ބޮލީވުޑްގެ އިތުރުން ތަމަޅަ ފިލްމުތައް ވެސް ކުޅޭ އެކްޓަރު އާރް މާދަވަން މުހިއްމު ރޯލް ކުޅެފައިވާ ވެބް ސީރީސް "ދަ ރޭލްވޭ މެން"ގެ ޓީޒާ އާއްމުކޮށް ފިލްމު ސްޓްރީމް ކުރާނެ ތާރީޚު އިއުލާނު ކޮށްފިއެވެ.
މި ސީރީސް އަކީ، 1984 ވަނަ އަހަރު އިންޑިއާގެ ބޯޕާލްގައި ހުރި ކެމިކަލް ފެކްޓްރީއެއްގައި ހިނގި ގޭހުގެ ހިތާމަވެރި ޙާދިސާއެއް ދައްކުވައިދޭ ސީރީސް އެކެވެ.
އިއްޔެ ރިލީޒްކުރި "ދަ ރޭލްވޭ މެން"ގެ ޓީޒާއިން ދުނިޔޭގެ އެންމެ ބޮޑު ސިނާޢީ ވިޔަފާރި ކުރިޔަށްދާ މަރުކަޒުގައި ހިނގި ހިތާމަވެރި ކާރިސާއިން އެތައް ބައެއްގެ ފުރާނަ ސަލާމަތް ކޮށްދިން ހާދިސާގެ ކުރުގޮތަކަށް ދައްކުވައިދެއެވެ.
އިންޑިއާއިން ބަތަލުންގެ ގޮތުގައި ސިފަކުރާ ރޭލުވޭ ސްޓޭޝަނުގެ ހަތަރު މުވައްޒަފުންގެ ހިތްވަރުގަދަ ކަމާއެކު އެތައް ހާސް ބައެއްގެ ފުރާނަ އެ ކާރިސާއިން ސަލާމަތްކުރި ގޮތް މި ވެބް ސީރީސް ބެލުންތެރިންނަށް ފެންނާނެއެވެ.
ޔަޝް ރާޖް ފިލްމްސްއާއި ނެޓްފްލިކްސް ގުޅިގެން ގެނެސްދޭ ހަތަރު އެޕިސޯޑުގެ މި ސީރީސް ނެޓްފްލިކްސްގައި ޕްރިމިއާކުރުމަށް ނިންމާފައި ވަނީ މި ފެށޭ ނޮވެމްބަރު މަހުގެ 18 ވަނަ ދުވަހުއެވެ.
މާދަވަންގެ އިތުރުން ކޭކޭ މެނަންއާއި ކުރީގެ ފިލްމީ ތަރި އިރުފާނު ޚާންގެ ފިރހެން ދަރިފުޅު ބާބިލް ޚާން މި ވެބް ސީރީސްގެ މުހިއްމު ރޯލްއިން ފެންނާނެއެވެ.
މީގެ އެތައް އަހަރު ތަކެއް ކުރިން އިންޑިއާގެ ބޯޕާލްގައި ހިނގާދިޔަ ގޭހުގެ ނުރައްކާތެރި ހާދިސާއާ ގުޅިގެން އެ ސިޓީގެ 500،000އާ ކައިރި ޢަދަދެއްގެ މީހުންނަށް ވިހަ ކެމިކަލްއެއް ކަމަށްވާ އައިސޮސައިނޭޓްގެ އަސަރު ކުރިއެވެ. ގޭހުގެ ނުރައްކާތެރި ޙާދިސާ ތަކަކީ ދުނިޔޭގެ އެތައް ޤައުމެއްގައި ދޭތެރެ ދޭތެރެއިން ހިނގާ ހާދިސާތަކެކެވެ.