17 May 2012, 09:23
ސްރީލަންކާ ސިފައިންގެ ކުރީގެ ވެރިޔާ އަދި މިހާރުގެ އިދިކޮޅު ލީޑަރ ޖެނެރަލް ސަރަތު ފޮންސެކާ ޖަލަށް ގެންދަނީ
ކޮލަމްބޯ (މޭ 17): ސްރީލަންކާގެ އިދިކޮޅު ލީޑަރ އަދި އެޤައުމުގެ ސިފައިންގެ ކުރީގެ ވެރިޔާ ޖެނެރަލް ސަރަތު ފޮންސެކާ ޖަލުން މިނިވަންކުރުމާބެހޭގޮތުން ރައީސް މަހިންދަ ރާޖަޕަކެސަގެ ސަރުކާރުން ވިސްނަމުންގެންދާ ކަމަށް ޚަބަރު ލިބިއްޖެއެވެ.
ރައީސް ރާޖަޕަކްސްގެ ވަރަށް އަރިސް ޕާލަމެންޓް މެންބަރަކާ ޙަވާލާދީ ސްރީލަންކާގެ މީޑިޔާ ޚަބަރުދޭގޮތުގައި ފޮންސެކާ މިނިވަންކުރުމަށް ރާޖަޕަކްސަގެ ސަރުކާރުން ބޭނުންވެއެވެ. އެހެންކަމުން ފޮންސެކާ މިނިވަންކުރާނެކަން ރާޖަޕަކްސަ ވަރަށް އަވަހަށް އިޢްލާން ކުރައްވާނެ އެވެ.
ޖެނެރަލް ފޮންސެކާ ޖަލުގައި ބަންދުކޮށްފައިވަނީ އޭނާގެ މައްޗަށް ދެމައްސަލައެއް ސާބިތުވުމާގުޅިގެންނެވެ. އެއްމައްސަލައަކީ ކޮރަޕްޝަނުގެ މައްސަލައެކެވެ. އަނެއް މައްސަލައަކީ ފޮންސެކާ، ސިފައިންގެ ވެރިއަކަށް ހުންނެވި ދުވަސްވަރު ސިފައިންގެ ޤާނޫނާއި އަދި ޤަވާއިދާ ޚިލާފަށް އޭނާ ކަންތައްތަކެއް ކުރައްވާފައިވުމެވެ. މީގެތެރެއިން ސިފައިންގެ ޤާނޫނާއި ޤަވާއިދާ ޚިލާފުވި މައްސަލާގައި ފޮންސެކާގެ މައްޗަށް ޙުކުމް އިއްވާފައިވަނީ ޢަސްކަރީ ކޯޓަކުންނެވެ.
މިދެމައްސަލަ ފޮންސެކާގެ މައްޗަށް ސާބިތުވެފައިވީ ނަމަވެސް ސްރީލަންކާގެ ދާޚިލީ ކަންތައްތަކުގެ ތެރެއަށް ވަންނަކަމުގެ ތުހުމަތުކުރެވިފައިވާ އެމެރިކާއާއި ސްރީލަންކާގެ އިދިކޮޅު ފަރާތްތަކުން ފޮންސެކާއާމެދު ދެކެނީ ސިޔާސީ ކުށްވެރިއެއްގެ ގޮތުގައެވެ.
ފޮންސެކާއާއި ރާޖަޕަކްސަ އާދެމެދު މައްސަލަޖެހުނީ ސްރީލަންކާގެ ރިޔާސީ އިންތިޚާބުގައި ރާޖަޕަކްސައާ ވާދަކުރައްވަން ފޮންސެކާ ނިންމެވި ހިސާބުންނެވެ. ފޮންސެކާ ސިޔާސީ މައިދާނަށް ވެދެވަޑައިގެން ރާޖަޕަކްސައާ ވާދަކުރެއްވައިގެން ބަލިވުމާއެކު ސްރީލަންކާގެ ފުލުހުންވަނީ ޤައުމުގައި ހަމަނުޖެހުން ހިންގުމަށް މަސައްކަތްކުރި ކަމުގެ ތުހުމަތުގައި އޭނާ ހައްޔަރުކޮށްފައެވެ. އަދި ކޮރަޕްޝަނުގެ ޢަމަލުތައް ހިންގުމާއި ސިފައިންގެ ޤާނޫނާއި ޤަވާއިދާ ޚިލާފުވެވަޑައިގަތުމުގެ ކުށް ފޮންސެކާގެ މައްޗަށްވަނީ ސާބިތުވެފައެވެ.
މިހުކުމްތައް އޭނާގެ މައްޗަށް ތަންފީޒުކުރަމުން ގެންދަނީ ކޮލަންބޯގެ ވެލިކަޑާ ޖަލުގައެވެ. ފޮންސެކާ ޖަލަށްލުމުގެ ކުރިން ސްރީލަންކާ ސަރުކާރުންވަނީ ކުށްޤަބޫލުކުރައްވައި މަޢާފަށް އެދިވަޑައިގެން ރައީސް ރާޖަޕަކްސައަށް އިލްތިމާސްކޮށްފިނަމަ ފޮންސެކާއަށް މަޢާފް ލިބޭނެކަން ހާމަކޮށްފައެވެ. ފޮންސެކާވަނީ އޭނާއަކީ ކުށްވެރިއެއްނޫން ކަމަށްވިދާޅުވެ ރާޖަޕަކްސައަށް އިލްތިމާސްކޮށްގެން މިނިވަންކަން ހޯދަން ބޭނުންނުވާކަން އެދުވަސްވަރު ހާމަކުރައްވާފައެވެ.
ސްރީލަންކާގެ ދާޚިލީ ހަނގުރާމާގެ ފަހުދުވަސްތަކުގައި ސިފައިން ތަމަޅަ ޓައިގަރުންގެ މައްޗަށް ކާމިޔާބު ހޯދިއިރު ސިފައިންގެ ވެރިޔަކަށް ހުންނެވި ފޮންސެކާއެވެ. ސްރީލަންކާގެ ސިފައިން ޓައިގަރުންގެ މައްޗަށް ކާމިޔާބު ހޯދުމުގެ ފަހަތުގައިވަނީ ފޮންސެކާގެ ޕްލޭންތަކާއި ރޭވުންތަކާ އޭނާގެ ޢަސްކަރީ ޤާބިލްކަން ކަމަށް ސްރީލަންކާގެ ގިނަބަޔަކު ޤަބޫލުކުރެއެވެ. -- ރޮއިޓާސް