29 Oct 2023, 10:40
ޣައްޒާއަށް އިސްރާއީލުން ދެމުންގެންދާ ހަމަލާތަކަކީ ހުޅަނގުގެ އުފެއްދުމެއް ކަމަށް ތުރުކީވިލާތުގެ ރައީސް ރަޖަބް ތޮއްޔިބް އުރުދުޣާން ވިދާޅުވެއްޖެއެވެ.
އުރުދުޣާން މިހެން ވިދާޅުވީ ތުރުކީވިލާތުގެ ވެރި ރަށް އިސްތަންބޫލްގައި ހޮނިހިރު ދުވަހު ބޭއްވި ފަލަސްތީނަށް ތާއީދުކުރާ އެއްވުމެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ހުޅަނގުގެ ގައުމުތަކަށް ފާޑުވިދާޅުވެ، އުރުދުޣާން ހާމަކުރެއްވި ގޮތުގައި އެމީހުން ބޭނުންވަނީ އަންހެނުންނާއި ކުޑަކުދިން މެރުން އެއީ ހުއްދަ ކަމެއްގެ ގޮތުގައި ހެދުމަށެވެ.
"އަޅުގަނޑުމެން އިސްރާއީލަކީ ހަނގުރާމައިގެ ކުށްވެރިއެއްގެ ގޮތުގައި ތައާރަފް ކުރާނަން. އެކަމަކު ހުޅަނގުގެ ލީޑަރުން ޖަވާބެއް ނުދޭ- ހަނގުރާމަ ހުއްޓާލުމަށް ވެސް ގޮވާފައެއް ނުވޭ. އަޅުގަނޑު އަހާލަން ބޭނުންވަނީ ކިތައް އަންހެނުން، ކިތައް ކުދިން އިތުރަށް މަރުވާން ޖެހޭތޯ،؟" އެއްވުމުގައި އޭނާ ވާހަކަފުޅު ދައްކަވަމުން އުރުދުޣާން ވިދާޅުވިއެވެ.
އޮކްޓޯބަރު ހަތްވަނަ ދުވަހު އިސްރާއީލުގެ ދެކުނުން ހަމާސްއިން ހިނގި ހަމަނުޖެހުންތަކުގެ ސަބަބުން އިސްރާއީލުގެ އާންމުން މަރުވުން ތުރުކީން ކުށްވެރިކުރި ނަމަވެސް އުރުދުޣާން މި ހަފްތާގައި ވަނީ އެ ހަނގުރާމަވެރި ޖަމާއަތަކީ ފަލަސްތީނުގެ "މިނިވަންކަމުގެ ހަނގުރާމަވެރިން" ކަމަށް ވިދާޅުވެފައެވެ.
ވިއޮން ނޫހުން ރިޕޯޓުކޮށްފައިވާ ގޮތުގައި ހަނގުރާމަ ހުއްޓުވުމަށް އެދި އުރުދުޣާން ވަނީ ޔޫރަޕިއަން ކޮމިޝަނަށް ގޮވާލައްވާފައެވެ. އަދި އިތުރަށް ކިތައް މީހުން މަރުވަންޖެހޭތޯ ކިތައް ޓަނުގެ ބޮމް އަދި ޣައްޒާއަށް ވައްޓާލަން ޖެހޭތޯ އުރުދުޣާން ވަނީ ސުވާލުވެސް ކުރައްވާފައެވެ.
އެއްގަމު މަގުން ޣައްޒާއަށް އަރައި އިސްރާއީލުން ހަނގުރާމަ ފަށައިފިނަމަ، ބޮޑު މުސީބާތެއް ކުރިމަތިވެދާނެ ކަމަށް އދ ގެ ހައި ކޮމިޝަނަރު ފޯ ހިއުމަން ރައިޓްސް ވޯލްކާ ޓާކް ވަނީ ވިދާޅުވެފައެވެ.
ފަލަސްތީނަށް ތާއީދުކޮށް ތުރުކީވިލާތުގައި އެއްވުމެއް ބޭއްވިއިރު، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އަންނަނީ ފަލަސްތީނަށް ތާއީދުކޮށް އެއްވުންތައް ބާއްވަމުންނެވެ.