29 Oct 2023, 10:30
ޔަހޫދީ އިސްރާއިލުން ފަލަސްތީނަށް ދެމުން ގެންދާ ހަމަލާތަކުގެ ސަބަބުން ހުޅަނގު އައްސޭރީގެ ހާލަތު ގޯސްވެ ކޮންޓްރޯލު ނުކުރެވޭ ހިސާބަށް ގޮސްފައިވާ ކަމަށް ދުނިޔޭގެ ފަގީރުކަން ނައްތާލަން މަސައްކަތްކުރާ ޖަމިއްޔާއެއް ކަމަށްވާ އެކްޝަން އެއިޑުން ރިޕޯޓުކޮށްފިއެވެ.
އިސްރާއީލު ސިފައިން އަންނަނީ ރެފިއުޖީ ކޭމްޕްތަކާއި އަވަށްތަކާއި ރަށްރަށުގައި ރެއާއި ދުވާލު އަސްކަރީ ރެއިޑްތައް ހިންގައި މީހުން ހައްޔަރު ކުރަމުންނެވެ. ފަލަސްތީނުގެ ވަފާ ނޫހުން ރިޕޯޓުކޮށްފައިވާ ގޮތުގައި ބުދަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި އިސްރާއީލުގެ އިސްތިއުމާރީ ބާރުތަކުން ޖެނިން ރެފިއުޖީ ކޭމްޕަށް ދިން ހަމަލާއެއްގައި ފަލަސްތީނުގެ ތިން މީހަކު މަރުވެ، އިތުރު 12 މީހަކު ވަނީ ޒަހަމްވެފައެވެ.
ޖެނިން ރެފިއުޖީ ކޭމްޕްގައި ކުދިން ގޮވައިގެން ދިރިއުޅޭ މަންމައެއް ކަމަށްވާ ނޫރު ބުނި ގޮތުގައި މިއަދާ ހަމައަށް ވެސް ބައެއް ކުދިން ނިދަނީ އެކުދިންގެ އަތް މައްޗަށް އުފުލާލައިގެންނެވެ. އެއީ، އިސްރާއީލުން ހިންގާ ރެއިޑްތަކުގައި ކޭމްޕަށް ވަދެގަނެ އަތް އުފުލައިގެން ތިބުމަށް ބުނާތީ، ބިރުން ގޮސް އެކުދިންނަށް މިހާރު ނިދީގައިވެސް އަތް އުފުލެނީ ކަމަށް ނޫރު ބުންޏެވެ.
"އެމީހުންނަށް ހީވަނީ ރައްކާތެރިކަމެއް ނެތްހެން. މިތިބަ ފިރިހެން ކުދިންނަށް މިއަދު ގޭތެރޭގައިވެސް ރައްކަތެރިކަމެއް ނެތް. ނަފްސާނީ ހަމަޖެހުމެއް ނެތް." ނޫރު ބުންޏެވެ.
ރެފިއުޖީ ކޭމްގައި ދިރިއުޅޭ އެހެން މަންމައަކު ބުނި ގޮތުގައި އިސްރާއީލްގެ ސްނައިޕަރުން ކޭމްޕް ވަށާލިއެވެ. ކޭމްޕް ތެރޭގައި ހުރި އެއްވެސް އެއްޗެއް ކިރިޔާ ހެލިލި ނަމަވެސް ސީދާ މަރާލަން އެ މީހުން ބަޑިޖެހި ކަމަށާއި، ކޭމްޕަށް ވަންނަ ހުންނަ ދިމާގައި ހުރި 15 ފިހާރައާއި، އެތައް ގެއެއް އަދި ޔޫތް ކްލަބް ހައުސްވެސް އިސްރާއީލުން ވަނީ ހަލާކުކޮށްލާފައި ކަމަށް ވަފާ ނޫހަށް އޭނާ ބުންޏެވެ. އަދި ކޭމްޕް ތެރެއިން ހިނގަން ހުންނަ ހަނި މަގުތައްވެސް އިސްރާއީލުން ވަނީ ހަލާކުކޮށްލާފައެވެ.
"އެއީ ބިރުވެރި ހުވަފެނެއް. 27 ގަޑިއިރު އަހަރެން ހުރީ ނުނިދާ ކުދިން ބޮމުގެ އަޑު އިވޭ ކޮންމެ ފަހަރަކު އެކުދިން ހަޅޭއްލަވައި ރޮއެ ގަނޭ." އޭނާ ކިޔައިދިނެވެ.
އަދި ކޭމްޕުގައި ދިރިއުޅުނު މީހަކު ގޭތެރޭގައި ހުއްޓާ މަރާލާފައިވާ ކަމަށާއި އިތުރު ފަސް ކުޑަކުއްޖަކުވެސް ހަމަ އެގޮތަށް މަރާލާފައިވާ އޮތް ކަމަށް އޭނާ ބުންޏެވެ.
މި މަހުގެ ހަތް ވަނަ ދުވަހު ފެށި ހަމަލާތަކުގައި ނޫނަސް ޖެނިން ރެފިއުޖީ ކޭމްގައި ދިރިއުޅޭ މީހުންނަނީ އަސްކަރީ ރެއިޑްތަކުގެ ޝިކާރައަށް ވަރަށް ގިނައިން ބައެކެވެ. ޖުލައި މަހު ޖެނިންގައި އިސްރާއީލު ސިފައިން ފެށި ބޮޑު އަސްކަރީ އޮޕަރޭޝަނެއްގައި ފަލަސްތީނުގެ 14 މީހަކު ވަނީ މަރުވެފައެވެ.
އެހެން މަންމައެއް ކަމަށްވާ ފަރާ ބުނި ގޮތުގައި ކޭމްޕުގައި އެމީހުން ދިރިއުޅެނީ ވަރަށް އުދަގުލުގައެވެ. ބިރުވެރިކަމާ، މާޔޫސްކަމާއި ހާސްކަމުގައެވެ. އަދި ހާއްސަކޮށް މައިންނާއި ފިރިން ގެއްލިފައިވާ އަންހެނުން ދައްކަނީ އާދަޔާ ހިލާފު ހިތްވަރެއް ކަމަށް ފަރާ ބުންޏެވެ.
ހުޅަނގު އައްސޭރީގައި ދިރިއުޅޭ އާންމުންނަށް ކޮންމެ ދުވަހެއްގެ ދިރިއުޅުން ވަނީ ދަތި އުދަގޫ ކަމަކަށްވެފައެވެ. ޗެކް ޕޮއިންޓުތައް ހަދައި އެކި ތަންތަނަށްދާ މީހުން ހުއްޓުވައި، ދަތުރުފަތުރު ކުރުން އިސްރާއީލުން އޮތީ ދަތިކޮށްފައެވެ. ސިއްހީ ހިދުމަތް ފަރުވާއާއި، ތައުލީމާއި ކޮންމެ ދުވަހަކު ދިރިއުޅުމަށް ބޭނުންވާ ތަކެއްޗެއް ނުލިބެއެވެ. އެތައް ބަޔަކަށް ވަނީ ގެދޮރު ދޫކޮށްލަން މަޖުބޫރުވެފައެވެ.
ހުޅަނގު އައްސޭރީގެ ހާލަތު ގޯހުން ގޯހަށް ހިނގައިދާނެ ބިރު އޮތްއިރު، ބައިނަލްއަގްވާމީ އިންސާނީ ގާނޫނުގެ ދަށުން އިސްރާއީލުގެ ސަރުކާރަށް އިހުތިރާމްކޮށް، ރެފިއުޖީން ހިމެނޭ ގޮތަށް ފަލަސްތީނުގެ ރައްޔިތުންގެ ހައްގުތަކާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް އެކްޝަންއެއިޑުން ގޮވާލައެވެ.
އެކްޝަންއެއިޑް ފަލަސްތީނުގެ އެޑްވޮކޭޝަން އެންޑް ކޮމިއުނިކޭޝަންސް ކޯޑިނޭޓަރު ރިހާމް ޖަފާރީއާ ހަވާލާދީ ވަފާ ނޫހުން ރިޕޯޓުކޮށްފައިވާ ގޮތުގައި އިރުމަތީ ގުދުސް ހިމެނޭ ގޮތަށް ހުޅަނގު އައްސޭރީގައި ފަލަސްތީނުގެ ރައްޔިތުންނަށް ވަޒަންވެރިވާ މީހުންގެ ހަމަލާތަކާއި ރެފިއުޖީ ކޭމްޕްތަކަށް އަރައިގަތުމާއި ކުޑަކުދިންނާއި އަންހެނުން ހިމެނޭ ގޮތަށް އާންމުންނަށް އަމާޒުކޮށްގެން ގެދޮރު ހަލާކުކުރުމާއި ބިން އަތުލުން ފަދަ ކަންކަން ކުރިއަށްދެއެވެ. ރިހާމް ވަނީ ގިނަ ބަޔަކަށް ސިއްހީ ފަރުވާއާއި، ތައުލީމާއި ދިރިއުޅުމުގެ ވަސީލަތްތައް ލިބުން ދަތިވެފައިވާތީ، އެކަމަށް ކަންބޮޑުވުންވެސް ފާޅުކޮށްފައެވެ.