އިންގްލިޝް ޕްރިމިއާ ލީގުގައި އާސެނަލް އާއި ޝެފީލްޑް ޔުނައިޓެޑް ބައްދަލުކުރި މެޗް ފަސޭހަ ކަމާއެކު އާސެނަލް ކާމިޔާބުކޮށްފިއެވެ.

އާސެނަލްގެ ދަނޑުގައި ކުޅުނު މި މެޗް އެ ޓީމުން ކާމިޔާބުކުރީ 5 ލަނޑު ސުން ލަނޑުންނެވެ.

އާސެނަލްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ޝެފީލްޑްގެ ގޯލަށް އާސެނަލްއިން ގިނަ ހަމާލާތަކެއް ފޮނުވާލާފައިވާއިރު ޝެފީލްޑަށް އާސެނަލްގެ ގޯލަށް އަމާޒުކޮށް އެންމެ ހަމަލާއެއްވެސް ފޮނުވާލެވިފައެއް ނުވެއެވެ.

މި މެޗްގެ ފުރަތަމަ ލަނޑު މެޗްގެ 28 ވަނަ މިނެޓްގައި ޖަހާ އާސެނަލްއަށް ލީޑު ނަގައި ދިނީ އެޑީ އެންކޭޓިއާއެވެ. މިމެޗްގެ ފުރަތަމަ ހާފްގައި އިތުރު ލަނޑެއް ފެނިގެން ނުދިޔަ ނަމަވެސް ދެވަނަ ހާފްގައި ވަނީ ގިނަ ލަނޑު ތަކެއް ފެނިގެން ގޮސްފައެވެ. މިގޮތުން މެޗްގެ 50 ވަނަ މިނެޓާއި 58 ވަނަ މިނެޓްގައި އެންކޭޓިއާ ކާމިޔާބު ކުރި ދެލަނޑާއެކު އޭނާ ވަނީ މިމެޗްގައި ހެޓްރިކެއް ހަދާފައެވެ. މިއީ އޭނާ ޕްރިމިއާ ލީގުގައި ކާމިޔާބުކުރި ފުރަތަމަ ހެޓްރިކެވެ.

މި މެޗްގައި އާސެނަލްގެ ހަތަރު ވަނަ ލަނޑު މެޗްގެ 88 ވަަނަ މިނެޓްގައި ލިބުނު ޕެނަލްޓީ އަކުން ކާމިޔާބުކޮށްދިނީ ފަބިއޯ ވިއެއިރާއެވެ. އަދި އާސެނަލްގެ ފަހު ލަނޑު މެޗްގެ އިތުރު ވަގުތުގެ ފަސް ވަނަ މިނެޓްގައި ޖަހާދިނީ ޑިފެންޑާ ޓަކެރީރޯ ޓޮމިޔާސޫއެވެ.

މިކާމިޔާބީއާއެކު އާސެނަލް މިވަނީ މިހާތަނަށް ކުޅުނު 10 މެޗުން ލިބިފައިވާ 24 ޕޮއިންޓާއެކު ތާވަލްގެ ދެވަނައަށް ކުރިއަށް ޖެހިލާފައެވެ. އާސެނަލްއަކީ މި ސީޒަންގައި މިހާތަނަށް ލިގުގައި މެޗަކުން ބަލިނުވެ އޮތް ދެ ޓީމްގެ ތެރެއިން އެއް ޓީމެވެ. މިހާތަނަށް ބަލިނުވެ އޮތް ދެވަނަ ޓީމަކީ މިވަގުތު ތާވަލްގެ އެއްވަނައިގާ އުޅޭ ޓޮޓްނަމް ހިޓްސްޕާއެވެ. މި މެޗުން ބަލިވުމުން ޝެފީލްޑް އުޅެނީ އެއް ޕޮއިންޓާއެކު ތާވަލްގެ އެންމެ ފުލުގައެވެ.