ސްޕެނިޝް ލަލީގާގައި އެންމެ ފަހުގެ ޗެމްޕިއަން އެފްސީ ބާސެލޯނާ އާއި ރެއާލް މެޑްރިޑް ބައްދަލުކުރި ފުރަތަމަ އެލް ކްލަސިކޯ ރެއާލްއިން ކާމިޔާބުކޮށްފިއެވެ.

ބާސާގެ ދަނޑުގައި ކުޅުނު މި މެޗް ރެއާލްއިން ކާމިޔާބުކުރީ ފަހަތުން އަރާ ދެ ލަނޑު އެއްލަނޑުންނެވެ.

ދެ ޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ގިނަ އިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފެއްދީ ބާސާއިންނެވެ. އަދި މިމެޗްގެ ފެށުންވެސް ރަނގަޅުވީ ބާސާގެއެވެ. މިގޮތުން މެޗްގެ ހަ ވަނަ މިނެޓްގައި އުދެއްދި ހަމަލާއެއްގައި ބާސާއިން ވަނީ ލަނޑެއް ޖަހާ މެޗްގެ ކުރީކޮޅު ލީޑު ނަގާފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އެލް ކްލަސިކޯއެއްގައި މުޅިން އަލަށް ވާދަކުރަމުންދިޔަ އިލްކާއި ގުންޑޮގާންއެވެ. މިއީ އޭނާ ބާސާ އާއި މިސީޒަންގައި ގުޅުނުފަހުން ކާމިޔާބު ކޮށްދިން ފުރަތަމަ ލަނޑެވެ.

މިމެޗްގެ ކުރީކޮޅު ރެއާލްގެ ފަރާތުން މާއެދެވޭ ކުޅުމެއް ފެނިގެން ނުދިޔަ ނަމަވެސް މެޗް ހިނގަމުންދިޔަ ވަރަކަށް އެ ޓީމުން ދިޔައީ މެޗްގެ ތެރެއަށް ބޮޑަށް ވައްނަމުންނެވެ. އަދި މި މެޗްގެ ދެވަނަ ހާފްގައި ރެއާލް ފެނިގެންދިޔައީ ފުރަތަމަ ހާފަށް ވުރެ ވަރުގަދަކޮށެވެ.

މި މެޗްގައި ރެއާލްގެ ފުރަތަމަ ލަނޑު މެޗްގެ 68 ވަނަ މިނެޓްގައި ޖަހާދިނީ އަނެއްކާވެސް އެލް ކްލަސިކޯގައި މުޅިން އަލަށް ވާދަކުރަމުންދިޔަ އަދި ރެއާލްއަށް މި ސީޒަންގައި މޮޅު ކުޅުމެއް ދައްކަމުންދާ ޖޫޑް ބެލިންހަމްއެވެ.

މި މެޗްގައި ދެ ޓީމަށްވެސް ލަނޑު ޖަހާނެ ފުރުސަތު ލިބި ނަމަވެސް އެއިން ފުރުސަތެއްގެ ބޭނުން ނުހިފި މެޗްގެ އިތުރު ވަގުތާއި ޖެހުމުން މިމެޗް އެއްވަރު ވެގެން ނިމިދާނެކަމަށް ގިނަ ބަޔަކަށް ހީވެގެންދިޔައެވެ. ނަމަވެސް އިތުރު ވަގުތުގެ ދެވަނަ މިނެޓްގައި މިމެޗުން ރެއާލް މޮޅުވި ލަނޑު އަނެއްކާވެސް ޖަހާދިނީ ޒުވާން މިޑްފީލް ކުޅުންތެރިޔާ ބެލިންހަމްއެވެ. މިވަގުތު މުޅި ދުނިޔެއަށް ބެލި ކަމުގައި ވީނަމަވެސް އެންމެ ފޯމްގައި ކުޅެމުންދާ އެއް ކުޅުންތެރިޔާކަމަށް ގިނަ ބަޔަކު ގަބޫލްކުރާ ބެލިންހަމް މިމެޗްގައި ޖަހާދިން ދެ ލަނޑާއެކ އޭނާ މިސީޒަންގައި އިންގަލަންޑާއި ކްލަބަށް ކުޅުނު 16 މެޗްގައި މިވަނީ 14 ލަނޑު ޖަހާދީފައެވެ.

މިކާމިޔާބީއާއެކު ރެއާލް އިން މިހާރު މިވަނީ ކުޅުނު 11 މެޗުން ލިބިފައިވާ 28 ޕޮއިންޓާއެކު ތާވަލްގެ އެއްވަނައަށް ފައިދާ ގޯލަށް ބަލާއިރު އަރާފައެވެ. 28 ޕޮއިންޓް ލިބިގެން ދެވަނައިގާ އޮތީ މިސީޒަންގައި ހައިރާން ކުރުވަނިވި ނަތީޖާ ތަކެއް ނެރެމުންދާ ޖިރޯނާއެވެ. އަދި ބާސާ އޮތީ 24 ޕޮއިންޓާއެކު ތާވަލްގެ ތިން ވަނައިގައެވެ.