އިޒްރޭލުން ފަލަސްތީނުގެ މުސްލިމުންނަށް ދެމުންގެންދާ ލާއިންސާނީ އަނިޔާތައް ދިފާއުކުރުމުގައި އަރަބި ގައުމުތަކުން އެދެވޭ ފިޔަވަޅުތަކެއް ނާޅާކަން ފާހަގަކުރައްވާ ކުރީގެ ރައީސް މައުމޫނު އަބްދުލްގައްޔޫމު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

އެކްސްގައި އަރަބި ބަހުން ކުރެއްވި ޕޯސްޓެއްގައި ރައީސް މައުމޫނު ވިދާޅުވީ އެންމެ ފަހުގެ ހަތިޔާރާއެކު ވަރުގަދަ ލަޝްކަރުތައް ގެންގުޅުނު ނަމަވެސް، އަރަބި ބޮޑު ގައުމުތަކުން ފަލަސްތީނުގެ ދިފާއުގައި އެކަށީގެންވާ ރައްދެއް މިހާތަނަށް ދީފައި ނުވާ ކަމަށެވެ. އެހެންކަމުން އެ ލަޝްކަރު ތަކުން ލިބޭ ފައިދާއަކީ ކޮބައިތޯ އެމަނިކުފާނު ވަނީ ސުވާލު އުފައްދަވައިފައެވެ.

"ފަލަސްތީނުގެ އާންމުންނާ ދެކޮޅަށް އިޒްރޭލު ސިފައިން ދެމުންގެންދާ އަނިޔާވެރި ހަމަލާތަކާއި، ދުވާލެއްގެ މައްޗަށް އެތައް ސަތޭކަ ބަޔަކު ޝަހީދުވަމުން ދާތަން ފެނުމަކީ، އަޅުގަނޑުމެން، ދުނިޔޭގެ މުސްލިމުންނަށް ލިބޭ ވަރަށް ބޮޑު ހިތާމައެއް،" ރައީސް މައުމޫނުގެ ޕޯސްޓުގައި ވިދާޅުވިއެވެ.

މީގެ އިތުރުން އެހެން ޕޯސްޓެއްގައި ރައީސް މައުމޫނު ވިދާޅުވީ ރެޔާއި ދުވާލު މެދު ނުކެނޑި އިޒްރޭލުން ޣައްޒާއަށް ބޮން އަޅައި ތަފާތު ހަމަލާތައް ދެމުންދާ ކަމަށާއި ކުށެއްނެތް އެތައް ސަތޭކަ ރައްޔިތުން ކޮންމެ ދުވަހަކު ޝަހީދުވަމުންދާކަމަށެވެ.

އެހެންނަމަވެސް އެކަންކަން ހުއްޓުވައި އެކަމާ ދެކޮޅަށް އަޑުއުފުލާނެ ބައިނަލްއަގްވާމީ ބޮޑެތި މުޖުތަމައުތައް ކޮބައިތޯ މައުމޫނު ވަނީ ސުވާލު އުފައްދަވައިފައެވެ.

މިމަހުގެ ހަވަނަ ދުވަހު އިޒްރޭލުން ހަމަލާތައް ދޭން ފެށިފަހުން އދ.ގެ އޭޖެންސީގެ ހިޔާވަހިކަން އެތައް ސަތޭކަ މީހުން ވަނީ ހޯދާފައެވެ. ފަލަސްތީނުގެ ސިއްހީ ވުޒާރާއާ ހަވާލާދީ އަލްއަހްރަމް ނޫހުން ރިޕޯޓުކުރާ ގޮތުގައި އިސްރާއީލުގެ ލާއިންސާނީ ހަމަލާތަކުގެ ސަބަބުން މިހާތަނަށް ޣައްޒާގެ 7000 މީހުން ވަނީ ޝަހީދުވެފައެވެ. އަދި 19000 މީހުން ވަނީ ޒަހަމްވެފައެވެ.

އާންމުންނަށް ބޭނުންވާ ފެނާއި ކަރަންޓު އަދި ކާބޯތަކެތި ފޯރުކޮށްދިނުން ވެސް އިޒްރޭލުން އޮތީ މަނާކޮށްފައެވެ. އެހެންކަމުން ފަލަސްތީނުގެ ހާލުގައި ޖެހިފައިވާ ފަރާތްތަކަށް ޒަރޫރީ ބޭނުންތައް ފުއްދުމުގައި ވެސް ވަނީ ދަތިތަކާ ކުރިމަތިވެފައެވެ.

މީގެ އިތުރުން ރޭ އިޒްރޭލުން ވަނީ ފަލަސްތީނަށް އެއްގަމު މަގުން އަރާ ހަމަލާތައް ވަރުގަދަކޮށްފައެވެ. އަދި ފަލަސްތީނުގެ މުވާސަލާތީ ޚިދުމަތްތައް ވެސް ވަނީ އެއްކޮށް ކަނޑާލާފައެވެ.