29 Oct 2023, 18:14
ހަނގުރާމައިގައި ޒަޚަމްވަމުންދާ ޣައްޒާގެ މީހުންނާއި، އިމާރާތްތަކުގެ ދަށުގައި ތާށިވެފައި ތިބި މީހުންނަށް ދިރިހުރުމުގެ އެއްވެސް އުންމީދެއް ދޭން އިސްރާއިލުން ބޭނުން ނުވާކަމަށް ޣައްޒާގެ ސިއްހަތާ ބެހޭ ވަޒީރު މައި އަލްކައިލާ ވިދާޅުވެއްޖެއެވެ.
އަލްކައިލާ ނެރުއްވި ނޫސްބަޔާނަކާ ހަވާލާދީ ވަފާ ނޫހުން ރިޕޯޓުކޮށްފައިވާ ގޮތުން ޣައްޒާގެ ހާލަތު އިތުރަށް ގޯސްވެފައިވަނީ މުޅި ޣައްޒާގެ މުއާސަލާތީ ޙިދުމަތް ކަނޑަލުމުންނެވެ.
އަލްކައިލާ ފާހަގަކުރެއްވި ގޮތުގައި ޣައްޒާގައި ރޭ އާންމުންނާ ދެކޮޅަށް ގިނަ ގަތުލުއާންމުތަކެއް ހިންގާފައިވާއިރު، ކަރަންޓާއި މުވާސަލާތު ވަނީ މުޅިން ކެނޑިފައެވެ. ހަމަލާތަކުގެ އަސަރުކުރި މީހުން ތިބި ސަރަހައްދަށް މެޑިކަލް ޓީމްތައް އައުމަށް ވެސް އިސްރާއީލުން ވަނީ ދެކޮޅު ހަދާފައެވެ.
މި މަހުގެ ހަތްވަނަ ދުވަހު ހަނގުރާމަ ފެށި ފަހުން ގާތްގަޑަކަށް 70 އިންސައްތަ ކުޑަކުދިންނާއި، އަންހެނުންނާއި އުމުރުން ދުވަސްވީ މީހުން ހިމެނޭ ގޮތަށް 7،300 އަށް ވުރެ ގިނަ މީހުން ވަނީ ޝަހީދުވެފައި ކަމަށް އަލްކައިލާގެ ބަޔާނުގައި ވަނީ ފާހަގަކުރައްވާފައެވެ. އަދި، އެތައް ހާސް ބަޔަކު އިމާރާތްތަކުގެ ދަށުގައި ތާށިވެފައިތިބިއިރު، ޣައްޒާގެ އިންސާނީ ހާލަތު ބަޔާން ކުރަން ދަތި ކަމަށް ވެސް ވަޒީރުގެ ބަޔާނުގައި ވިދާޅުވެފައިވެއެވެ.
"ޣައްޒާގައި ހިނގަމުންދާ ކަންކަމަކީ ނަސްލު ނައްތާލުމެއް. އާންމުންނާއި ސިއްހީ ހިދުމަތްތެރިން މެރުމާއި، ފަރުވާދޭ މަރުކަޒުތަކާއި އެމްބިއުލާންސްތައް ނައްތާލުމާއި، ހޮސްޕިޓަލްތަކަށް ބޭނުންވާ ތެޔޮ ހިފެހެއްޓުމާއި، މުހިންމު މެޑިކަލް ސާމާނުތައް އެތެރެވުން ހުއްޓުވުމާއި، ޒަޚަމްވެފައިވާ މީހުންނާއި ބަލި މީހުން ޣައްޒާއިން ނުކުތުން ހުއްޓުވުން،" އަލްކައިލާ ފާހަގަކުރެއްވިއެވެ.
މެޑިކަލް ޓީމުތައް ޣައްޒާއަށް ވަނުން މަނާ ކުރުމާއި، މުއާސަލާތީ ހިދުމަތް ކަނޑާލާފައިވާކަން ވެސް އަލްކައިލާ ފާހަގަކުރެއްވިއެވެ.
އިސްރާއީލްގެ އަނިޔާވެރިކަން ފެށުނީއްސުރެ ޣައްޒާގެ ރައްޔިތުން ސަލާމަތްކޮށް، އިސްރާއީލުގެ ލާއިންސާނީ އަނިޔާވެރިކަން ހުއްޓުވުމަށާއި ސިއްހީ އެހީ ފޯރުކޮށްދިނުމަށް އެދި ހުރިހާ ގައުމުތަކަށާއި ބައިނަލްއަޤްވާމީ ޖަމިއްޔާތަކަށާއި މުއައްސަސާތަކަށް އެ ވުޒާރާއިން އިލްތިމާސް ކުރަމުން އަންނަ ކަމަށް ވެސް އެ ބަޔާނުގައި އަލްކައިލާ ވިދާޅުވިއެވެ.