17 May 2012, 08:49
ގައުމަކަށް އައިސް ގޮސް އުޅޭ މީހުންނާ ބެހޭ ހުރިހާ މައުލޫމާތެއް ރައްކާތެރިކޮށް، އެމީހުންނާ ބެހޭ ގޮތުން ސަލާމަތީ ގޮތުން ބަލަން ޖެހޭ ކަންކަން ބަލައި، ގާނޫނާއި ގަވާއިދާ ޚިލާފަށް އެ ގައުމަކަށް އައިސް ގޮސް އުޅޭ މީހުން ދެނެގަންނަ ނިޒާމަކީ އިމިގްރޭޝަން ބޯޑާ ކޮންޓްރޯލް ނިޒާމެވެ.
ރާއްޖޭގައި ވެސް ބޯޑާ ކޮންޓްރޯލް ސިސްޓަމެއް ގާއިމްކުރުމަށް އޮކްޓޫބަރު 17، 2010ގައި މެލޭޝިޔާގެ ނެކްސްބިޒާ އެކު ޑިޕާޓްމަންޓް އޮފް އިމިގްރޭޝަން އެންޑު އެމިގްރޭޝަނުން ސޮއިކުރުމުގެ ކުރި އެވެ. ރާއްޖެ އަށް ކޮންމެހެން ބޭނުންވެފައިވާ ފުރިހަމަ ނިޒާމެއް ގެނައުމަށެވެ.
އެހެން ނަމަވެސް އެ ޕްރޮޖެކްޓާ ގުޅިގެން އޭރުގެ ސަރުކާރުގެ ތެރެއިން ހާއްސަކޮށް އިމިގްރޭޝަންގެ ތެރެއިން ފެންމަތި ކުރުވި މައްސަލަތަކާ އެކު އެ ޕްރޮޖެކްޓްގެ އެއްބަސްވުމުގައި އެގޮތަށް ސޮއި ނުކުރުމަށް އޭސީސީ އިން އިމިގްރޭޝަނަށް އެންގި އެވެ. އެކަމަކު ކަންވީ އެހެނެއް ނޫނެވެ. މިނިވަން އޭސީސީގެ އެންގުމަށް ބީރުކަންފަތެއް ދިނުމަށް ފަހު އިމިގްރޭޝަނުން ވަނީ ނެކްސް ބިޒާ އެކު އެ އެއްބަސްވުމުގައި ސޮއިކޮށްފަ އެވެ.
އެ ޕްރޮޖެކްޓުގެ މަސައްކަތް ހުއްޓާލުމަށް އޭސީސީން އެންގީ ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމާ ބެހޭ ގާނޫނުގެ ދަށުން ރާއްޖޭގައި ހިނގާ ކޮރަޕްޝަންގެ އެންމެހައި އަމަލުތައް ހުއްޓުވުގެ ޒިންމާ އެޅިފައިވާ މުއައްސަސާގެ ހައިސިއްޔަތުން ފުރިހަމަ ބާރާ އެކު އެވެ.
އެ މަސައްކަތް ކުރިއަށް ދިޔަ ގޮތުގެ ފުރިހަމަ ތަހުގީގެއް ކުރުމަށް ފަހު އެ މަޝްރޫއޫގައި ކޮރަޕްޝަނަށް މަގުފަހިވާގޮތަށް ހުރި ގިނަ ކަންތައްތަކެއް ފާހަގަކޮށް، އެ މަޝްރޫއު ކުރިއަށް ގެންދާ ނަމަ އަލުން ބިޑްކޮށްގެން ކުރިއަށް ގެންދިއުމަށް އޭސީސީން އެންގި އެވެ. އެ އެންގުމާ ގުޅިގެން އޭސީސީގެ އެންގުންތަކަށް ސަރުކާރުން ބޯލަނބާނޭ ކަމަށް ބުނެ އޭރުގެ ސަރުކާރުން އެ މަޝްރޫއު ކުރިއަށް ގެންދިއުން ހުއްޓާލި އެވެ. ނަމަވެސް އޭގެ އަށް މަސް ފަހުން ފެނިގެން ދިޔައީ މުޅިން ތަފާތު މަންޒަރެކެމެވެ. އޮކްޓޯބަރު 18، 2011ގައި ވަޒީރުންގެ މަޖިލީހުގެ ޖަލްސާ އިން ބޯޑާ ކޮންޓްރޯލް ޕްރޮޖެކްޓުގެ މަސައްކަތް ހިންގުމަށް ޓަކައި ނެކްސްބިޒް ލިމިޓެޑާ އެކު ކުރެވިފައިވާ އެގްރިމެންޓަށް އަމަލު ކުރަން ނިންމި އެވެ. އޭރުވެސް އުފެދުނު ސުވާލަކީ އޭސީސީން ގޮތެއް ނިންމާފައިވަނިކޮށް އެހެން ގޮތަކަށް މި ޕްރޮޖެކެޓްގެ ކަންކަން އެނބުރިގެން ދަނީ ކޮންބައެއް މަސަލަހަތެއް އޮވެގެން ހެއްޔޭ އެވެ؟
ބޯޑާ ކޮންޓްރޯލް ސިސްޓަމްގެ މައްސަލަ ހިލިގެން ދިޔައިރު އިމިގްރޭޝަން ކޮންޓްރޯލާއަކަށް ހުންނެވީ މިހާރުގެ ވެސް ކޮންޓްރޯލާ އަދި އޭރުގެ ނައިބު ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ޅިޔަނު، އިލްޔާސް ހުސައިން އިބްރާހިމެވެ. އެ ނިޒާމުގެ މައްސަލަ "ހިލުންގަނޑެއް"ގެ ގޮތުގައި ނެންގެވީ ކޮންޓްރޯލާގެ ދަށުން އޭރު މަސައްކަތް ކުރެއްވި އާދަމް ނަސީރެވެ. އޭނާއަކީ އޭރުގެ ރައީސުލްޖުމްހޫރިއްޔާގެ ގާތް ފޭވަރިޓެކެވެ. މައްސަލަ ފެށިގެން އައި ގޮތާއި މައްސަލަތަކުން ފެޅި ކުރިތަކަށް ބަލާއިރު އެއީ ސިޔާސީ މައްސަލަ ގަނޑަކަށް ވެސްވި އެވެ. އާހިރުގައި އިލްޔާސަށް ޖެހިވަޑައިގަތީ އިމިގްރޭޝަނުން ނުކުމެ ވަޑައިގަންނަވާށެވެ. އޭގެ ފަހުން ކަންވީ ގޮތާއި މިހާރު ސަރުކާރު ބަދަލުވުމުން ކަންވަމުންދާ ގޮތަށް ބަލާއިރު ސުވާލު އުފެދޭ ކަންކަން މި ޕްރޮޖެކެޓްގައި ވަރަށް ގިނަ އެވެ.
މައްސަލަ މިހާރު ގުޑުވާ ނުލެވި އޮންނަނީ ޝަރުއީ ކޯޓުތަކުން ނެރެން ފެށި އަމުރުތަކެއްގެ ސަބަބުންނެވެ. އެ މައްސަލައިގައި އޭސީސީން ސިވިލް ކޯޓަށް ދިޔުމުން އެ ކޯޓުން ހުކުމްކޮށްފައި ވަނީ ބޯޑާ ކޮންޓްރޯލްގެ މަސައްކަތް ހުއްޓާލުމަށް އެންގުމުގެ ބާރު އޭސީސީ އަށް ލިބިގެން ނުވާ ކަމަށެވެ. އޭސީސީން އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރުމުން އެ މައްސަލައާ މެދު ޝަރީއަތުން ގޮތެއް ނިމެންދެން ބޯޑާ ކޮންޓްރޯލް ގާއިމް ކުރުމުގެ އެއްވެސް މަސައްކަތެއް ނުކުރުމަށް ހައިކޯޓުން ވަގުތީ އަމުރެއް ނެރުނެވެ. އެއާ އެކު ބޯޑާ ޕްރޮޖެކްޓު ވަނީ ފާޑެއްގެ ތާއްޓެއްގެ ތެރޭގަ އެވެ.
މައްސަލަތައް ދިމާވެގެން މިއުޅެނީ އާދައިގެ ޕްރޮޖެކްޓެއް ނޫނެވެ. ރާއްޖޭގެ ގައުމީ ސަލާމަތާ ގުޅިފައިވާ އަދި އަގުގެ ގޮތުން ބަލާއިރު 500 މިލިއަން ރުފިޔާގެ އަގު ބޮޑު ޕްރޮޖެކްޓެކެވެ. މިއީ ރައްޔިތުންގެ ފައިސާއެވެ. އެހެން ނަމަވެސް މައްސަލަ ކޮޅެއް މެދެއް ނިމޭ ހިސާބެއް ނޭނގި މިދަނީ ދިގުދެމިގެނެވެ.
ޝަރުއީ މަރުހަލާގައި މި މައްސަލަ ދިގު ދަންމާލުމުގެ ބަދަލުގައި އިމިގްރޭޝަނުން އޭސީސީއާއި ވާހަކަ ދައްކައިގެން މިކަން ހައްލުކުރުމަށް އާބިޓްރޭޝަނަކަށް ދިއުމުގެ ފުރުސަތު ވެސް އެބައޮތެވެ. ނަމަވެސް މިހާތަނަށް ވެސް އެފަދަ ކަމެއް ކުރާތަނެއް ފެނިގެނެއް ނުދެވެ. އެއްވެސް ފަރާތަކުން އެފަދަ ޝައުގުވެރި ކަމެއް ވެސް ގެންގުޅެފައެއް ނުވެ އެވެ. އަބަދުވެސް ފެންނަނީ ކޮންމެވެސް ދިމާއަކު މި ޕްރޮޖެކްޓާ މެދު ސުވާލު އުފެދޭނެ ކަންކަން އަންނަ ތަނެވެ.
އޭސީސީގެ ވަކީލުންގެ ޓީމުން ހައިކޯޓުގެ ޝަރީއަތުގެ މަޖިލީހުގައި ވިދާޅު ވަނީ މެލޭޝިޔާގެ ނެކްސްބިޒާ ހަވާލުކޮށްގެން އެ މަސައްކަތް ކުރަން އިމިގްރޭޝަނުން ނިންމާފައިވާ އިރު މިހާރު ކަނޑައަޅާފައިވާ ވަރަށް ވުރެ މާކުޑަ ޚަރަދެއް ކޮށްގެން އިމިގްރޭޝަނަށް ބޭނުންވާ ފަދަ ޒަމާނީ ބޯޑާ ކޮންޓްރޯލް ސިސްޓަމެއް ގާއިމްކުރެވިދާނެ ކަމަށެވެ.
އޭސީސީގެ ވަކީލުންގެ ޓީމުން ބުނާ ގޮތުގައި އެމެރިކާ ސަރުކާރުން ހިލޭ އެހީގެ ގޮތުގައި މޯލްޓާގައި ގާއިމްކޮށްފައިވާ ބޯޑާ ކޮންޓްރޯލް ސިސްޓަމަކީ ވެސް 1.5 މިލިއަން އެމެރިކާ ޑޮލަރުގެ ސިސްޓަމެކެވެ. އަދި އަވަށްޓެރި ސްރީލަންކާގައި ގާއިމްކޮށްފައިވާ ބޯޑާ ކޮންޓްރޯލް ސިސްޓަމަށް 2.2 މިލިއަން އެމެރިކާ ޑޮލަރު ޚަރަދު ކުރާއިރު ރާއްޖޭގައި ގާއިމްކުރާ ބޯޑާކޮންޓްރޯލް ސިސްޓަމަށް 175.5 މިލިޔަން ޑޮލަރު ޚަރަދުވާނެ ކަމަށެވެ.
މިކަންކަން މިހެން އޮތް އިރު މިހާރު އަނެއްކާ ވެސް ކޮންޓްރޯލާއަކަށް ހުންނެވީ ރައީސް ވަހީދުގެ ޅިޔަނު އިލްޔާހެވެ. އަދި ބޯޑަ ކޮންޓްރޯލް ސިސްޓަމްގެ މަޝްރޫއު ހުއްޓާލުމަށް ހައި ކޯޓުން ވަގުތީ އަމުރެއް ނެރެފައި އޮތަސް، މި މުއްދަތުގެ ތެރޭގައި ވާހަކަ ދައްކައިގެން ހައްލެއް ހޯދަން އިރުޝާދު ދެއްވާފައިވާނެ ކަމަށް ރައީސް ވަހީދު ގެންދަވަނީ ބާރު އަޅުއްވަމުންނެވެ.
ރައީސް ވަހީދު އިންޑިއާއަށް ފުރާވަޑައިގެންނެވުމުގެ ކުރިން ނޫސްވެރިންނާ ބައްދަލުކުރެއްވުމުން، ކުރީ ސަރުކާރެކޭ އެއްގޮތަށް މި ސަރުކާރުން ވެސް އޭސީސީގެ އެންގުމާ ހިލާފަށް ބޯޑަ ކޮންޓްރޯލް ސިސްޓަމްގެ މަސައްކަތްތައް ކުރިއަށް ގެންދަނީ ކީއްވެގެންތޯ ސުވާލުކުރުމުން ވިދާޅުވީ އެއީ ވެސް ވަރަށް ބޮޑު މަޝްރޫއެއް ކަމަށާއި ކުއްލިއަކަށް އެ ޕްރޮޖެކްޓް ހުއްޓާލުމުން ލިބިދާނެ ގެއްލުންތަކެއް ވެސް ހުރެދާނެ ކަމަށެވެ. އަދި މާލީގޮތުން ސަރުކާރަށް ޒިންމާވާން ޖެހޭ ކަންތައްތަކެއް ވެސް ހުރެދާނެ ކަމަށެވެ. ނަމަވެސް ކޯޓުގެ އަމުރަށް އިހުތިރާމު ކުރައްވާނެ ކަމަށް ވިދާޅުވި އެވެ.
ވިދާޅުވި އެވެ: "އަޅުގަނޑުގެ އިރުޝާދަކަށްވެފައި އޮންނާނީ ދެ ފަރާތުން ވާހަކަ ދައްކައިގެން ހުރި މައްސަލަތައް ހައްލުކުރެވޭތޯ ބަލާށޭ ފުރަތަމަ. ކޯޓުގެ ފަރާތުން ވަގުތީ އަމުރެއް ނެރުއްވާފައި އެ އޮތީ. މިވަގުތު ހުއްޓިފައި އޮތް ކަމުގައި ވިއަސް މި ފުރުސަތުގެ ތެރޭގައި ދެ ފަރާތުން ވާހަކަ ދައްކައިގެން ހައްލު ހޯދުމަށް އަޅުގަނޑު އިރުޝާދުދީފައިވާނެ."
ރައީސް އޮފީހުން ބުނެފައި ވަނީ ބޯޑަ ކޮންޓްރޯލް މަޝްރޫއާ މެދު ސުވާލުއުފެދޭ ކަންތައްތަކެއް ހުރި ނަމަވެސް ސަރުކާރުގެ ސިޔާސަތަކީ އެ މަޝްރޫއު ކުރިއަށް ގެންދިއުން ކަމަށެވެ. މައްސަލަ އުފެދިފައިވާ އަދި ސުވާލުތައް ކުރިމަތިވެފައިވާ ޕްރޮޖެކްޓެއް އޭސީސީގެ ނިންމުމާ ދެކޮޅަށް ކުރިޔަށް ގެންދަން ބާރު އަޅާއެޅުމަކީ ވަރަށް ބޮޑަށް ސުވާލު އުފެދޭ ކަމެކެވެ. އެކަމަކު މީގެ މާނައަކީ ރާއްޖެ އަށް ބޯޑާ ކޮންޓްރޯލް ސިސްޓަމެއް މުހިންމު ނުވުމެއް ނޫނެވެ.
ރައްޔިތުންގެ މަޖިލީހިގެ ކުޑަހުވަދޫ ދާއިރާގެ މެންބަރު އަހުމަދު އާމިރު ވިދާޅުވި ގޮތުގައި ޒަމާނީ ޓޭކްނޮލޮޖީއާ އެއްގޮތަށް ބޯޑާ ކޮންޓްރޯލް ސިސްޓަމެއް ރާއްޖޭގައި ގާއިމްކުރުން އެއީ އިމިގްރޭޝަންގެ މަސައްކަތް އެންމެ ޒިންމާދާރުކޮށް ކުރުމަށްޓަކައި އެޅޭ ރަނގަޅު އެއް ފިޔަވަޅެކެވެ. އެކަން ނުކުރެވި ލަސްވާ ކޮންމެ ލަސްވުމަކީ ވަރަށް ބޮޑަށް ކަންބޮޑުވާން ޖެހޭ ކަމެކެވެ.
"ބޯޑާ ކޮންޓްރޯލް ސިސްޓަމެއް ރާއްޖޭގައި ގާއިމްކުރުން އެއީ އިމިގްރޭޝަންގެ މަސައްކަތް އެންމެ ޒިންމާދާރުކޮށް ކުރުމަށްޓަކައި އެޅޭ އެއް ރަނގަޅު ފިޔަވަޅެއް. އެކަން ނުކުރެވި ލަސްވާ ލަސްވުމަކީ އަޅުގަނޑުމެން ވަރަށް ބޮޑަށް ކަންބޮޑުވާން ޖެހޭނެ ކަމެއް. އަޅުގަނޑުމެންނަށް ރާއްޖޭގައި ވޯކްޕާމިޓް ނެތި މަސައްކަތްކުރަމުންދާ މީހަކު އެނގެނީކީ ނޫން. މިކަމުގަ ވިސްނަވާ ގައުމީ ނަޒަރަކުން ގައުމަށް އެކަމުން ލިބިދާނެ ގެއްލުމާ ތަކުލީފަކީ ކޮބައިކަން އެގޮތަށް ވިސްނާށޭ،" އާމިރު ވިދާޅުވި އެވެ.
ތަޖުރިބާކާރު ބައެއް އެހެން ބޭފުޅުން ވިދާޅުވާ ގޮތުގައި އަދި މިކަމުގައި ގައުމީ ނަޒަރަކުން ގައުމަށް އެކަމުން ލިބިދާނެ ގެއްލުމާ ތަކުލީފަކީ ކޮބައިކަން ދެނެގަނެ މި ޕްރޮޖެކްޓު ވީހާ ވެސް އަވަހަކަށް ކުރިއަށް ގެންދިޔުމަށް މަސައްކަތް ކުރުމަކީ ކޮންމެހެން ވެސް ކުރަން ޖެހޭ ކަމެކެވެ. އެކަމަކު އެކަން ކުރަންވާނީ އޭސީސީން އުފައްދާ ސުވާލުތަކަށް ޖަވާބުދީ ޕްރޮޖެކްޓްގައި ދިމާވެފައިވާ މައްސަލަ ސާފު ކުރުމަށް ފަހު އެވެ.
ރައްޔިތުންގެ މަޖިލީހުގެ ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު އަބްދުލް ޣަފޫރު މޫސާ ވިދާޅުވި ގޮތުގައި ނެކްސްބިޒަށް އެ ޕްރޮޖެކްޓް ދިނުމުގެ ސަބަބުން އެ ކަމަށް ހިނގާ ޚަރަދު ވަރަށް ބޮޑަށް އިތުރުވެގެން ދާނެވެ. އެއީވެސް ރައްޔިތުންގެ ފައިސާ ކަމަށް ވާތީ އެކަން ހަރުދަނާ ގޮތެއްގައި ވީހާވެސް އަވަހަކަށް ކޮށް ނިންމަން ޖެހެ އެވެ.
އޭނާ ވިދާޅުވީ ބޯޑާ ކޮންޓްރޯލާ ބެހޭ ގޮތުން އޭސީސީން ނިންމި ނިންމުމަކީ އޭނާ ވެސް ތާއީދު ކުރާ ނިންމުމެއް ކަމަށެވެ.
"ބޯޑާ ކޮންޓްރޯލް ސިސްޓަމަކީ އެ ސިސްޓަމަށް ހިނގާ ޚަރަދަށް ވުރެ އިތުރުވާނެ މިހާރު ބިޑުކޮށްފައި އޮތް މީހުންނަށް ދީފިއްޔާ. ހަގީގަތުގައި މިކަން ނިމިގެންދާ އިރު ރާއްޖޭގެ ރައްޔިތުންގެ އަތުން އެ ފައިސާ ދެއްކިގެން އެދަނީ. އަޅުގަނޑު ވަރަށް ބޮޑަށް ތާއީދު ކުރަން އޭސީސީން ނިންމާފައިވާ ނިންމުމަށް،" ޣަފޫރު ވިދާޅުވި އެވެ.
އޭސީސީ ސުވާލު އުފައްދާ ހުއްޓުވާފައި މަޝްރޫއެއް ކުރިޔަށް ގެންދަން ކުރީގެ ސަރުކާރުން ވެސް އަދި މިހާރުގެ ސަރުކާރުން ވެސް ބާރު އަޅަނީ ކީއްވެގެންތޯ ސުވާލު އުފެދެ އެވެ. ޖަވާބަކަށް އެއީ މުހިންމު ޕްރޮޖެކެޓަކަށް ވުމުން އަދި އަގު ބޮޑު ޕްރޮޖެކްޓަކަށްވެފައި، ބަޔަކާ އެކު އެއްބަސްވުމެއް އޮތުމުނޭ ބުނެފާނެ އެވެ. އެކަމަކު އޭސީސީގެ ބާރު އޭރުން ވަންނަނީ ކޮންތާކަށްތޯ ސުވާލެއް ނު އުފެދޭ ހެއްޔެވެ؟