10:20


ފަނޑިޔާރުންގެ ބިލު އެޖެންޑާކޮށް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ދިހައެއްޖެހި އިރު ފަށައިފި އެވެ.


އިންތިގާލީ މަރުހަލާ ނިމިދިޔައިރުވެސް، ޖަލްސާގެ އެޖެންޑާ ތަރުތީބު ކުރުމުގައި، ބޮޑު ދެޕާޓީ ކަމުގައިވާ ޑީއާރުޕީ އާއި އެމްޑީޕީގެ، މެދުގައި އުފެދުނު ހިޔާލު ފަފާރު ވުމުގެ ސަބަބުން، މަޖިލިސް ހުއްޓުމަކަށް އައިސްފައި އޮތުމަށްފަހު، މިއަދުގެ ޖަލްސާތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި މިވަނީ، އެ ދެފަރާތުގައި އިއްޔެ އެއްބަސްވުމަކަށް އާދެވިފައިވާތީ އެވެ.


ސަންއެފްއެމްގެ ބްރޭކިން ނިއުސް އަށް ދެއްވި އިންޓަވިއެއްގައި ހުޅުހެންވޭރު ދާއިރާގެ މެމްބަރު ރީކޯ މޫސާ މަނިކު އިއްޔެ ވިދާޅުވީ މި ގޮތަށް ނިންމެވީ މަޖިލީހުގެ ޖަލްސާތައް ކުރިއަށް ނުގެންދެވި ލަސްވަމުން ދިއުމާ ޤާނޫނީ ހުސްކަމަކަށް ޤައުމު އައިސްފައިވާތީ އެކަމަށް ހައްލެއް ހޯދައިދެއްވުމަށް ވާދަވެރި ޕާޓީތަކާ އެކު ބޭއްވުނު މަޝްވަރާ ބައްދަލުވުންތަކަށް ފަހު ކަމަށެވެ. މޫސަ ވިދާޅުވީ މިހާރު އެއްބަސްވެފައިވާ ގޮތުން މިއަދު އޮންނަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ އަށް އެންމެ ފުރަތަމަ އެޖެންޑާކުރާނީ ފަނޑިޔާރުންގެ ބިލް ކަމަށާއި އަދި އެބިލް ފާސްކުރުމަށްފަހު ދެން އެބިލް ރައީސުލްޖުމްހޫރިއްޔާ އަރިހަށް ތަސްދީގު ކުރެއްވުމަށް ފޮނުއްވާނެ ކަމަށެވެ. އަދި އެއަށް ފަހު އުއްތަމަ ފަނޑިޔާރު ފާސްކުރުމާއި ސުޕްރީމް ކޯޓުގެ ބެންޗަށް ކަނޑައެޅުމަށް، ޖުޑީޝަލް ސާވިސް ކޮމިޝަންގެ ލަފައާ އެކު ރައީސް ނަޝީދު ފޮނުއްވާ ހަ ނަމެއް ދިރާސާ ކުރުމުގެ މަސައްކަތް މިއަދު ކުރެވޭނެ ކަމަށާއި މިރެއާ ހަމައަށް ޤާނޫނު އަސާސީގެ 145 ވަނަ މާއްދާގައި ބުނާ ސުޕްރީމް ކޯޓް ގާއިމްކުރެވޭނެ ކަމަށް ވެސް މޫސަ ވިދާޅުވި އެވެ.