28 Oct 2023, 19:10
ފަލަސްތީނުގެ ރައްޔިތުންނަށް އެހީތެރިވުމުގެ ގޮތުން ދިވެހި ފިލްމު އިންޑަސްޓްރީގެ ފަންނާނުން އެއްވެ ކުރިއަށްގެންދާ އިވެންޓުގެ ތެރެއިން ޚާއްޞަ ކުޑަކުދިންގެ ހަވީރެއް ބާއްވައިފިއެވެ.
"އިންސާނިއްޔަތަށް ޓަކައިި" ނަމުގައި ފަލަސްތީނަށް އެހީތެރިވުމަށްޓަކައި ދިވެހި ފިލްމީ ދާއިރާގައި މަސައްކަތް ކުރާ ފަންނާނުން އެއްވެ ބޮޑު އިވެންޓެއް އިއްޔެ ވަނީ ފަށާފައެވެ. ތަފާތު ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދިޔުމަށް އިއްޔެ ފެށި އިވެންޓަކީ ހަފުތާއެއްގެ ނިޔަލަށް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ އިވެންޓެކެވެ.
މިއަދު އާޓިފިޝަލް ބީޗުގައި ބޭއްވި ކުޑަކުދިންގެ ހަވީރަކީ ވެސް ގިނަ އަދަދެއްގެ ފަންނާނުން އަމަލީ ގޮތުން ބައިވެރިވި އިވެންޓެކެވެ.
ފަލަސްތީނުގެ ރައްޔިތުންނަށް އެހީތެރިވުމުގެ ގޮތުން ދިވެހި ފިލްމު އިންޑަސްޓްރީގެ ފަންނާނުން ބޭއްވި ކުޑަކުދިންގެ ހަވީރުގެ ތެރެއިން -- ސަން ފޮޓޯ/ އާއިޝް އަޝްރަފް
މި އިވެންޓު އިންތިޒާމު ކުރުމުގައި އިސްކޮށް އުޅުނު އެކްޓަރު މަރިޔަމް އައްޒަ "ސަން" އަށް ކިޔައިދިން ގޮތުގައި ކުޑަކުދިންގެ ހަވީރުގައި ތަފާތު އެކި ކަހަލަ ފުޑް ސްޓޯލްތައް ބަހައްޓާފައި ހުއްޓެވެ. އޭގެ ތެރެއިން ކޮންމެ ސްޓޯލެއްގައި ވެސް ހުރީ ކުޑަކުދިންނާ ގުޅޭ، ކުޑަކުދިންނަށް ކަމުދާ ފަދަ ތަކެތި ކަމަށް އައްޒަ ފާހަގަކުރިއެވެ.
އަދި ހުރިހާ އުމުރެއްގެ މީހުންނަށް ޚާއްޞަ ކޮށްގެން ޖަމްބަލް ސޭލެއް ވެސް އެ ކުޑަކުދިންގެ ހަވީރުގައި ބޭއްވި ކަމަށް އައްޒަ ފާހަގަކުރިއެވެ.
"ކުޑަކުދިންގެ ހަވީރު އިވެންޓުގައި ލިބޭ ހުރިހާ ފައިސާއެއް ދާނީ ފަލަސްތީނު ފަންޑަށް. އޭގެ 100 ޕަސެންޓް ހަމަ އެއްކޮށް ފަންޑަށް ދާނީ،" އައްޒަ ކިޔައިދިނެވެ.
ފަލަސްތީނުގެ ރައްޔިތުންނަށް އެހީތެރިވުމުގެ ގޮތުން ދިވެހި ފިލްމު އިންޑަސްޓްރީގެ ފަންނާނުން ބޭއްވި ކުޑަކުދިންގެ ހަވީރުގެ ތެރެއިން -- ސަން ފޮޓޯ/ އާއިޝް އަޝްރަފް
މިއަދު 16:00އިން 18:00އަށް ބޭއްވި އެ ކުޑަކުދިންގެ ހަވީރުގައި ތަފާތު އެކި ތަރީންތައް އެކި ކަހަލަ ކެރެކްޓަރުންނަށް ވެގެން ސަރަހައްދުގައި ހަރަކާތްތެރިވިއެވެ. އަދި ގިނަ އަދަދެއްގެ ކުޑަކުދިން ސްޓޯލްތަކުން ފެނުނުއިރު، ޣައްޒާއަށް އެހީވުމަށް ހުޅުވާފައިވާ ފަންޑަށް މީހުން ފައިސާ ހަދިޔާކޮށްފައިވެއެވެ.
ފިލްމީ ދާއިރާއިން މި ހަފުތާގެ ތެރޭގައި އިތުރު ކުޑަކުދިންގެ ހަވީރެއް ވެސް ކުރިއަށް ގެންދިޔުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން ދެން އޮތް ކުޑަކުދިންގެ ހަވީރު ކުރިއަށްދާނީ ހުޅުމާލޭ ސެންޓްރަލް ޕާކުގައެވެ. ނަމަވެސް މި އިވެންޓު ކުރިއަށްދާނެ ދުވަހެއް އަދި ފައިނަލެއް ނުވެއެވެ.