ޔުއޭފާ ވިމެންސް ނޭޝަންސް ލީގު ގްރޫޕް އޭ ތުރީގައި ޖަރުމަނުވިލާތާއި ވޭލްސް ބައްދަލު ކުރި މެޗް ޖަރުމަނުވިލާތުން ކާމިޔާބުކޮށްފިއެވެ.

ޖަރުމަނުވިލާތުގައި ކުޅުނު މި މެޗް އެ ޓީމުން ކާމިޔާބުކުރީ ހީކުރި ވަރަށް ވުރެ ފަސޭހަ ކަމާއެކު ފަސް ލަނޑު އެއް ލަނޑުންނެވެ.

ދެ ޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗްގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ޖަރުމަނު ޓީމުންނެވެ. މި މެޗްގައި ޖަރުމަނުން ކާމިޔާބު ކުރި ފުރަތަމަ ލަނޑު މެޗްގެ 25 ވަނަ މިނެޓްގައި ޖަހާ އެ ޓީމަށް ލީޑު ނަގައިދިނީ ލެއާ ޝުލާއެވެ. މި މެޗްގައި ވޭލްސްއިން ކާމިޔާބުކުރި ހަމައެކަނި ލަނޑު މެޗްގެ 42 ވަނަ މިނެޓްގައި ޖަހައި މެޗްގެ ނަތީޖާ ހަމަހަމަ ކޮށްދިނީ ސެރީ ހޯލަންޑްއެވެ.

ފުރަތަމަ ހާފް މި ނަތީޖާ އޮވެގެން ނިމުނު ނަމަވެސް ދެވަނަ ހާފްގެ ކުޅުން ފެށިތާ ފުރަތަމަ މިނެޓްގައި ޖަރުމަނު ޓީމުން ވަނީ އަނެއްކާ ވެސް މެޗްގެ ލީޑު ނަގައިފައެވެ. މި ލަނޑުވެސް ޖަހައިދިނީ ފުރަތަމަ ލަނޑު ޖަހައިދިން ޝުލާއެވެ.

މި މެޗްގައި ޖަރުމަނުގެ ލީޑު ފުޅާކޮށްދިނީ މެޗްގެ 80 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީއަކުން ޖިއުލިއާ ގްވިންއެވެ. މި ލަނޑު ޖެހިތާ ހަ މިނެޓް ފަހުން ޖަރުމަނުވިލާތުގެ ހަތަރު ވަނަ ލަނޑު އެ ޓީމަށް ކާމިޔާބުކޮށް ދިނީ ސްޖޮއެކާ ނުސްކެންއެވެ. އަދި ފަހު ލަނޑު މެޗް ނިމެން ދެ މިނެޓަށް ވެފައިވަނިކޮށް ޖަހައިދިނީ ނިކޯލް އެންޔޯމީއެވެ.

މި ކާމިޔާބީއާއެކު ޖަރުމަނުވިލާތް މިހާރު އުޅެނީ ކުޅުނު ތިން މެޗުން ލިބިފައިވާ ހަ ޕޮއިންޓާއެކު ގްރޫޕްގެ ދެވަނައިގައެވެ. އަދި ވޭލްސް އުޅެނީ ޕޮއިންޓެއް ނުލިބި ގްރޫޕްގެ އެންމެ ފުލުގައެވެ. މިގްރޫޕްގެ އެއްވަނައިގާ ކުޅުނު ތިން މެޗްވެސް ކާމިޔާބުކޮށް ލިބިފައިވާ ނުވަ ޕޮއިންޓާއެކު އުޅެނީ ޑެންމާކްއެވެ. އަދި ތިންވަނައިގައި އުޅެނީ 3 ޕޮއިންޓް ލިބިފައިވާ އައިސްލޭންޑްއެވެ.