ޔުއޭފާ ވިމެންސް ނޭޝަންސް ލީގު ގްރޫޕް އޭ ފޯގައި ސްޕެއިން އާއި އިޓަލީވިލާތް ބައްދަލުކުރި މެޗު ސްޕެއިން ކާމިޔާބުކޮށްފިއެވެ.

އިޓަލީވިލާތުގައި ކުޅުނު މިމެޗު ސްޕެއިން އިން ކާމިޔާބުކުރީ އެއްލަނޑު ސުންލަނޑުންނެވެ. ދެޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެން ދިޔަ މިމެޗުގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ސްޕެއިންއެވެ.

މިމެޗުގެ ފުރަތަމަ ހާފުގައި ދެޓީމުން ކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބުކުރެވިފައެއް ނުވެއެވެ. އަދި ފުރަތަމަ ވަގުތު ހަމަވާން ކައިރި ވުމާއެކު މިމެޗު އެއްވަރު ވެގެން ނިމިދާނެކަމަށް ގިނަ ބަޔަކަށް ހީވެގެންދިޔައެވެ. ނަމަވެސް މިމެޗުގައި ސްޕެއިންގެ ތަރިއަކަށް ވެގެންދިޔައި ދެވަނަ ހާފުގައި ކުޅެން އެރި ބަދަލު ކުޅުންތެރިޔާ ހެނީ ހާމޯސޯއެވެ.

މިއީ އެންމެ ފަހުން ނިމުނު ފީފާ އަންހެން ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިންއިން ހޯދި މެޗަށް ފަހު ބޭއްވި އިނާމް ދިނުމުގެ ރަސްމިއްޔާތުގައި ހިނގާދިޔަ ކަންތައްތަކަށް ފަހު އޭނާ ސްޕެއިން ޤައުމީ ޓީމަށް ކުޅުނު ފުރަތަމަ މެޗެވެ.

ސްޕެނިޝް ފުޓްބޯޅަ ފެޑެރޭޝަންގެ ކުރީގެ ރައީސް އާއި ހާމޯސޯއާ ދެމެދު ހިނގާދިޔަ ކަންތައްތަކާ ގުޅިގެން ގިނަ މައްސަލަތަކަކާއި މާޔޫސް ކަމެއް އިހްސާސް ކޮށްފައިވާ ހާމޯސޯގެ މޫނުމައްޗަށް ވަނީ މިލަނޑާއެކު އަނެއްކާވެސް ހިނިތުންވުން އައިސްފައެވެ. މިއީ އޭނާ ޤައުމީ ޓީމަށް ކުޅުނު 102 ވަނަ މެޗުގައި ޖަހާދިން 52 ވަނަ ލަނޑެވެ.

މެޗަށްފަހު ވާހަކަ ދައްކަމުން ހާމޯސޯ ހާމަކުރިގޮތުގައި އޭނާއަށް އަނެއްކާވެސް ހިނިތުން ވެލެވިއްޖެއެވެ. އަދި ޓީމް މޮޅުވި ލަނޑު ޖަހާދެވުމުން ލިބޭ ހިތްހަމަޖެހުން އިތުރު ކަމަށް އޭނާ ބުންޏެވެ.

ސްޕެއިން މިހާރު އުޅެނީ ގްރޫޕް އޭ ފޯގައި މިހާތަނަށް ކުޅުނު ތިން މެޗުވެސް ކާމިޔާބުކޮށް ލިބިފައިވާ ނުވަ ޕޮއިންޓާއެކު ގްރޫޕްގެ އެއްވަނައިގައެވެ. އަދި އިޓަލީވިލާތް އުޅެނީ ތިން ޕޮއިންޓާއެކު ގްރޫޕްގެ ތިންވަނައިގައެވެ. މިގްރޫޕްގެ ދެވަނައިގައި ހަ ޕޮއިންޓާއެކު އޮތީ ސްވިޑްންއެވެ.