16 May 2012, 22:49
އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް (އައިއެންއައިއޭ) އިންޑިއާގެ ޖީއެމްއާރާ ހަވާލުކުރުމުގެ ކުރިން ކެބިނެޓްގައި ބައެއް ވަޒީރުން އެކަމާ ދެކޮޅު ހެއްދެވި ކަމަށާއި އެކަމަކީ ކެބިނެޓްގެ ރުހުން ލިބިގެން ކޮށްފައިވާ ކަމެއް ނޫން ކަމަށް މަގާމުން ދުރުކޮށްފައިވާ އެމްޑީޕީގެ އިންތިހާބީ ރައީސް ޑރ. އިބްރާހިމް ދީދީ (ޑީޑީ) ވިދާޅުވެއްޖެ އެވެ.
ދި ޓީވީގެ ހަބަރުތެރެއިން ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން ޑރ. ޑީޑީ މިރޭ ވިދާޅުވީ ޖީއެމްއާރަށް އެއާޕޯޓް ހަވާލުކުރުމުގެ ވާހަކަ ކެބިނެޓްގައި އެންމެ ފުރަތަމަ މަޝްވަރާ ކުރީ ގާސިމް އިބްރާހިމް ހޯމް މިނިސްޓަރަކަށް ހުންނެވި ދުވަސްވަރުގައި ކަމަށާއި އެކަމާ ދެކޮޅަށް ގާސިމް ވަރަށް ބޮޑަށް ވަކާލާތު ކުރައްވަން ފެއްޓެވުމުން އެ މައްސަލައިގައި އިތުރަށް ކެބިނެޓްގައި މަޝްވަރާ ކުރެއްވުން ރައީސް ނަޝީދު ހުއްޓަވާ ލައްވާ އެކަން މަނާކުރެއްވި ކަމަށެވެ.
"ގާސިމް އެންމެ ބޮޑަށް ބާރު އެޅުއްވައި ދެކޮޅު ހެއްދެވީ ވާދަވެރިކަމެއް ނެތި ގައުމަށް ފައިދާއެއް ނުވާނެ ގޮތަށް އެއާޕޯޓް އެ ގޮތަށް ނުދިނުމަށް. ދެން އެ ވާހަކަ ދައްކަން ފެއްޓެވީމަ އެ ދުވަހު ކަންކުރެއްވި ގޮތަކީ އެކަމާ މަޝްވަރާކުރެއްވުން އެއްކޮށް ހުއްޓަވާ ލައްވައި އަޅުގަނޑުމެންނަށް ވެސް ހިޔާލެއް ހުށަހެޅުމަށް ވެސް ފުރުސަތެއް ނުދެއްވާ ކެބިނެޓްގައި އެކަމާ މެދު މަޝްވަރާ ކުރެއްވުން މުޅިން ހުއްޓަވާ ލެއްވީ. ދެން ފެނުނީ ކުއްލިއަކަށް އެއާޕޯޓް ބަޔަކާ ހަވާލުކޮށް އެވޯޑްކުރިތަން، އެއީ ކެބިނެޓުން ރުހުމެއް އޮވެގެނެއް ނޫނޭ، އެއާޕޯޓް އިންޑިއާގެ ޖީއެމްއާރާ ހަވާލުކުރީކީ. އެހެންވީމާ އަޅުގަނޑުމެންނަށް ފެނިގެން ދިޔައީ ޑިކްޓޭޓާޝިޕެއްގެ ގޮތުގައި ވެރިކަން ކުރަމުން ދިޔަތަން ޑިމޮކްރަސީގެ ނަމުގައި،" ޑރ. ޑީޑީ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ތިން އަހަރު ދުވަހުގެ ތެރޭގައި ދައުލަތުގެ ވަސީލަތްތައް ބޭނުންކޮށްގެން ރައީސް ނަޝީދު ކުރެއްވި ކަމަކީ ނޯބަލް ޕްރައިޒް ހޯއްދަވަން ކުރެއްވި މަސައްކަތްތަކެއް ކަމަށާއި އެކަންތައްތައް އެންޓި ކޮރަޕްޝަން ކޮމިޝަނުން ތަހުގީގު ކުރައްވަން ޖެހޭ ކަމަށެވެ. އަދި ވިދާޅުވީ ތިމާވެށީގެ ޗެމްޕިއަނެއް ކަމަށް ދުނިޔޭގައި ޕްރޮމޯޓްވެ ވަޑައިގެންނެވިއިރު ތިމާވެށީގެ މައްސަލަތަކުން ރާއްޖެ ސަލާމަތް ކުރުމަށް އެމަނިކުފާނު ކުރެއްވި ކަމެއް ނެތް ކަމަށެވެ.
"މިއީ ވަރަށް ހިތާމަހުރި ކަމެއް، އަޅުގަނޑަށް ގަބޫލުކުރެވެނީ އެބޭފުޅާ ފިލްމެއް ކުޅުއްވިއްޔޭ، އެބޭފުޅާ ދުނިޔޭގެ އެހެން ތަންތަނުގައި ތަގުރީރު ކުރެއްވިޔަސް އެބޭފުޅާގެ އަމިއްލަ ނަފްސް ޕްރޮމޯޓް ކުރެއްވުމަށްޓަކާ ކުރެއްވި ކަންތައްތަކެއްގެ ގޮތުގައި ފާހަގަ ކުރެވުނީ. ދިވެހި ރާއްޖެ އަށް އޭގެއިން ފައިދާތަކެއް ލިބޭ ގޮތަށް ކުރެވުނު މަސައްކަތެއް ގޮތުގައެއް ނުބެލެވޭ،" ޑރ. ޑީޑީ ވިދާޅުވި އެވެ.
އާދައިގެ މަތިން މިރޭވެސް ޑރ.ޑީޑީ ވިދާޅުވީ ރައީސް ނަޝީދަށް ޕާޓީގައި އޮންނާނެ ހަމައެކަނި ހައިސިއްޔަތަކީ އާންމު މެންބަރަކަށް ވެސް ލިބިގެންވާ ހައިސިއްޔަތެއް ކަމަށާއި ކޯޓުތަކަށް ގޮސްގެން ވެސް އެމްޑީޕީގެ މެންބަރުން އޭނާޔާ ހަވާލުކުރެއްވި މަސްއޫލިއްޔަތު އަދާކުރެއްވުމަށް ކުރެވެން އޮތް މަސައްކަތެއް ކުރައްވާނެ ކަމަށެވެ.
"އަޅުގަނޑު އެންމެ ފަހު މަރުހަލާޔަށް ދަންދެން، އިންޑިޕެންޑެންޓް މުއައްސަސާތަކަށް ގޮސްގެން އަޅުގަނޑުމެން މަސައްކަތް ކުރާނަން އަޅުގަނޑުގެ ހައްގު ހޯދަން، ޕާޓީގެ ވަކި ބަޔަކު އަޑީގައި ތިއްބަވައިގެން ހިންގަވާފައި އެވާ ބަޣާވާތް ގާނޫނާއި ގަވާއިދާއި ހިލާފަށް ކަން ސާބިތުކޮށް ދިނުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނަން. އޭގެ ފަހުގައި ހުރިހާ ދޮރުތަކެއް ބަންދުވީމައި ދެންވެސް އިރާދަކުރެއްވިއްޔާ އަޅުގަނޑު ދިވެހި ރައްޔިތުންނަށް ސިޔާސީ ގޮތުން ހިދުމަތް ކުރުން ހުއްޓައެއް ނުލާނަން، އިތުރު ހިތްވަރަކާއި އެކީ ސިޔާސީ ގޮތުން ގައުމަށް ފައިދާ ހުރި ކަމެއް ކުރާނަން. އެއީ ފަރުދީ ގޮތުން ކަމަށްވިޔަސް، ޖަމާއަތަކާއި ގުޅިގެން ކަމަށްވިޔަސް އެއީ ޕާޓީއަކާއި ގުޅިގެން ކަމުގައިވިޔަސް، މިވަގުތު ރާއްޖެއަށް އެންމެ ފައިދާ ހުރި ގޮތަކީ ކޮބައިކަން ބަލައި އެގޮތަކަށް އަޅުގަނޑު ކުރިއަށް ދާނަން. އެ ގޮތް އަޅުގަނޑު ވަރަށް އަވަހަށް އިއުލާން ކުރާނަން،" ޑރ. ޑީޑީ ވިދާޅުވި އެވެ.
ރައީސް ނަޝީދަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ޑރ.ޑީޑީ ވިދާޅުވީ ވެރިކަމުން އިސްތިއުފާދެއްވަން ޖެހިވަޑައިގަތީ ވެސް ނަޝީދު އަމިއްލަފުޅަށް އިހުމާލުވެވުނު ރައްޔިތުން ގަބޫލު ނުކުރާ އެތައް ކަމެއްގެ ސަބަބުން ކަމަށެވެ. އަދި ރައީސް ނަޝީދަކީ ސިޔާސީ ގޮތުން ދެކޮޅު ހަމަނުޖެހޭ ކަންކަން ކުރައްވާ ބޭފުޅެއް ކަމަށް ވިދާޅުވި އެވެ.