ޔުއޭފާ ވިމެންސް ނޭޝަންސް ލީގު ގްރޫޕް އޭ ވަންގައި ނެދަލަންޑްސް އާއި ސްކޮޓްލަންޑް ބައްދަލުކުރިމެޗް ނެދަލަންޑްސް ކާމިޔާބުކޮށްފިއެވެ.

ނެދަލަންޑްސްގައި ކުޅުނު މިމެޗް އެޓީމް ކާމިޔާބުކުރީ ހީކުރި ވަރަށް ވުރެ ފަސޭހަ ކަމާއެކު ހަތަރު ލަނޑު ސުންލަނޑުންނެވެ. ދެޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ނެދަލަންޑްސް އިންނެވެ.

މިމެޗްގައި ނެދަލަންޑްސްއިން ކާމިޔާބުކުރި ފުރަތަމަ ލަނޑު މެޗްގެ 12 ވަނަ މިނެޓްގައި ކާމިޔާބުކޮށް އެޓީމަށް ލީޑު ނަގައިދިނީ ޑެނިއެލޭ ވެން ޑެ ޑޮންކްއެވެ. މިމެޗްގައި އެޓީމްގެ ލީޑު މެޗްގެ 32 ވަނަ މިނެޓްގައި ފުޅާކޮށްދިނީ އެސްމީ ބްރުގްޓްސްއެވެ. މިމެޗްގެ 52 ވަނަ މިނެޓްގައި ނެދަލަންޑްސްގެ ތިންވަނަ ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ލެނެތު ބީރެންސްޓައިންއެވެ. އަދި ފަހު ލަނޑު މެޗްގެ 71 ވަނަ މިނެޓްގައި ޖަހާދިނީވެސް ތިންވަނަ ލަނޑ ޖަހާދިން ބީރެންސްޓައިންއެވެ.

މިމުބާރާތުގައި މިހާތަނަށް އިންގްލަންޑާއި ބެލްޖިއަމްއާ ދެކޮޅަށް ދައްކާފައިވާ ކުޅުމުގެ ސަބަބުން މިމެޗަކީ ނެދަލަންޑްސްއަށްވެސް އުނދަގޫ މެޗަކަށް ވާނެކަމަށް ކުރިން ހީވި ނަމަވެސް އެކަން އެހެން ވާގޮތެއް ނުވިއެވެ. ގިނަ ބަޔަކު ގަބޫލް ކުރާ ގޮތުގައި ސްކޮޓްލަންޑަށް ދިމާވެފައިވާ އަނިޔާގެ މައްސަލަތަކަކީ މިމެޗްގައި އެހާ ރަނގަޅު ކުޅުމެއް ނުދެއްކުނު އެއް ސަބަބެވެ. މިގޮތުން މެދުތެރެއަށް ކުޅޭ މުހިންމު ހަތަރު ކުޅުންތެރިން މިމެޗްގައި އަނިޔާގެ ސަބަބުން ނުފެނެއެވެ.

މިކާމިޔާބީއާއެކު ނެދަލަންޑްސް މިހާރު އުޅެނީ ގްރޫޕް އޭ ވަންގައި މިހާތަން ކުޅުނު ތިން މެޗުން ލިބިފައިވާ ހަ ޕޮއިންޓާއެކު ގްރޫޕްގެ އެއްވަނައިގައެވެ. ނަމަވެސް އެއީ ފައިދާ ގޯލަށް ބަލާއިރުއެވެ. ދެވަނައިގައި އުޅޭ އިންގްލަންޑްއަށް ވެސް ވަނީ ހަ ޕޮއިންޓް ލިބިފައެވެ. އަދި ސްކޮޓްލަންޑް އުޅެނީ އެއް ޕޮއިންޓާއެކު ގްރޫޕްގެ އެންމެ ފުލުގައެވެ.