އިންޑިއާގައި މިހާރު ކުރިއަށްދާ އައިސީސީ ކްރިކެޓް ވޯލްޑް ކަޕްގައި ދެކުނު އެފްރިކާއިން ޕާކިސްތާން ބަލިކޮށް، މިމުބާރާތުގެ ސެމީފައިނަލަށް ދިއުމަށް ކުރާ އުންމީދު އާކޮށްފިއެވެ.

ޗެއްނާއީގައި ކުޅުނު މިމެޗު ދެކުނު އެފްރިކާ ކާމިޔާބުކުރީ އެއް ވިކެޓުންނެވެ. މިމެޗުގެ ޓޮސް ދިމާވުމުން ޕާކިސްތާނުން ބޭނުންވީ އެންމެ ފުރަތަމަ ބެޓް ކުރާށެވެ. މިގޮތުން އެޓީމުން އެންމެ ފުރަތަމަ ކުޅެން އަރާ 46 އޯވަރު ހަތަރު ބޯޅައަށް ހުރިހާ ކުޅުންތެރިން ނުބައިވެގެން ހެދުނީ 270 ލަނޑެވެ.

މި މެޗުގައި ޕާކިސްތާން ޓީމަށް އެންމެ ރަނގަޅަށް ކުޅެފައިވަނީ 52 ލަނޑު ހަދައިދިން ސައުދު ޝަކީލްއެވެ. އަދި ކެޕްޓަން ބާބަރު އަޒާމް 50 ލަނޑު ހަދާދިން އިރު ޝަދާބް ހާންވަނީ 43 ލަނޑު ހަދައިދީފައެވެ.

މިއީނިންގްސްގައި ދެކުނު އެފްރިކާ ޓީމަށް އެންމެ ރަނގަޅަށް އުކާފައިވަނީ 10 އޯވަރު 60 ލަނޑަށް ހަތަރު ވިކެޓް ނަގާދިން ތަބްރައިޒް ޝަމްސީއެވެ. އަދި މާކޯ ޔެންސެން ތިން ވިކެޓް ނަގައިދިން އިރު ޖެރާޑް ކޮއެޓްޒީވަނީ ދެ ވިކެޓް ނަގައިދީފައެވެ.

ޖަވާބުގައި ދެކުނު އެފްރިކާއިން ކުޅެން އަރާ 47 އޯވަރު ދެ ބޯޅައަށް ނުވަ ކުޅުންތެރިން ނުބައިވެގެންވަނީ 271 ލަނޑު ހަދާ މެޗު ކާމިޔާބު ކޮށްފައެވެ. އެޓީމަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 91 ލަނޑު ހަދައިދިން އައިޑެން މާކްރަމްއެވެ. އަދި ޕާކިސްތާން ޓީމަށް އެންމެ ރަނގަޅަށް އުކާފައިވަނީ 10 އޯވަރު 45 ލަނޑަށް ތިން ވިކެޓް ނަގާދިން ޝާހީން އަފްރީދީއެވެ. އަދި ހަރިސް ރައުފް، މުހަންމަދު ވަސީމް އަދި އުސާމާ މީރުއިން ކުރެ ކޮންމެ ކުޅުންތެރިޔަކު ވަނީ ދެ ވިކެޓް ނަގައިދީފައެވެ.

މިކާމިޔާބީއާއެކު ދެކުނު އެފްރިކާ މިހާރު އުޅެނީ ހަ މެޗުން ލިބިފައިވާ 10 ޕޮއިންޓާއެކު ތާވަލްގެ އެއްވަނައިގައެވެ. ދެވަނައިގައި ރަން ރޭޓަށް ބަލާއިރު އޮތް އިންޑިއާ އެއް މެޗު މަދުން ކުޅެފައިވުމުން މާދަމާ އިންގްލަންޑާއި ދެކޮޅަށް ކުޅޭ މެޗު ކާމިޔާބު ކުރެވިއްޖެނަމަ އަނެއްކާވެސް އެއްވަނައަށް އެރުމުގެ ފުރުސަތު ލިބިގެންދާނެއެެވެ. އަދި ޕާކިސްތާން އުޅެނީ ހަތަރު ޕޮއިންޓާއެކު ތާވަލްގެ ހަ ވަނައިގައެވެ.