28 Oct 2023, 16:13
ޔުއޭފާ ވިމެންސް ނޭޝަންސް ލީގު ގްރޫޕް އޭ ވަންގައި އިންގްލަންޑް އާއި ބެލްޖިއަމް ބައްދަލުކުރި މެޗް އިންގްލަންޑް ކާމިޔާބުކޮށްފިއެވެ.
އިންގްލަންޑްގެ ކިންގް ޕަވާ ސްޓޭޑިއަމްގައި ކުޅުނު މި މެޗް އެ ޓީމުން ކާމިޔާބުކުރީ އެއް ލަނޑު ސުން ލަނޑުންނެވެ.
ދެ ޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗްގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ އިންގްލަންޑްއިންނެވެ.
މި މެޗްގައި އެ ޓީމުން ކާމިޔާބުކުރި ހަމައެކަނި ލަނޑު މެޗްގެ 13 ވަނަ މިނެޓްގައި ޖަހާދިނީ ލޯރެން ހެމްޕްއެވެ. މި ލަނޑު އިންގްލަންޑްއިން ކާމިޔާބު ކޮށްފައި ވަނީ ބެލްޖިއަމްގެ ޖަސްޓީން ވެންހާއިވާމާޓް ފޮނުވާލި ހަމަލައެއް އިންގްލަންޑްގެ ކީޕާ މެރީ އާޕްސް ދިފާއުކޮށް ދަނޑީގައި ޖެހިފާ ނިކުންތާ އިރުކޮޅެއް ފަހުންނެވެ.
އެންމެ ފަހުން ކުޅުނު މެޗްގައި ނެދަލަންޑްސް އަތުން ބަލިވި އިންގްލަންޑްއަށް މި މެޗްގައި ލަނޑު ޖަހާނެ އިތުރު ފުރުސަތު ލިބިގެންދިޔަ ނަމަވެސް އެއިން އެއްވެސް ފުރުސަތެއްގެ ބޭނުން ހިފޭގޮތެއް ނުވިއެވެ. މި މެޗްގައި ބެލްޖިއަމްއިން ވެސް ވަނީ ދޭތެރެ ދޭތެރެއިން އިންގްލަންޑްގެ ގޯލަށް ނުރައްކާ ކޮށްފައެވެ.
މި ކާމިޔާބީއާއެކު އިންގްލަންޑް މިހާރު އުޅެނީ ކުޅުނު ތިން މެޗުން ލިބިފައިވާ ހަ ޕޮއިންޓާއެކު ގްރޫޕްގެ އެއްވަނައިގާ އުޅޭ ނެދަލަންޑްސްއާ ޕޮއިންޓްގެ ގޮތުން ހަމަވެ ނަމަވެސް ފައިދާ ގޯލަށް ބަލާއިރު ދެވަނައިގައެވެ.
ބެލްޖިއަމް އުޅެނީ ހަތަރު ޕޮއިންޓާއެކު ގްރޫޕްގެ ތިން ވަނައިގައެވެ. އިންގްލަންޑްއިން މި ފަހަރުގެ ވިމެންސް ނޭޝަންސް ލީގުގައި މަސައްކަތް ކުރަމުންދަނީ މި މުބާރާތުގެ ފައިނަލުން ޖާގަހޯދާ މިއަންނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ އޮލިމްޕިކް ގޭމްސްއިން ގްރޭޓް ބްރިޓަން އަންހެން ޓީމަށް ޖާގައެއް ހޯދުމަށެވެ. ނަމަވެސް މިކަން ކުރުމަށްޓަކައި އެންމެ ފުރަތަމަ އެ ޓީމަށް ޖެހިފައިވަނީ ގްރޫޕްގެ އެއްވަނަ މަގާމް ކަށަވަރު ކުރާށެވެ.