އިންގްލިޝް ޕްރިމިއާ ލީގުގެ ތާވަލްގެ އެއްވަނައިގާ އުޅޭ ޓޮޓްނަމް ހޮޓްސްޕާ އާއި ކްރިސްޓަލް ޕެލަސް ބައްދަލު ކުރި މެޗް ސްޕާސް ކާމިޔާބުކޮށް ޕޮއިންޓް ތާވަލްގައި ފަސް ޕޮއިންޓްގެ ލީޑެއް ނަގައިފިއެވެ.

ޕެލަސްގެ ދަނޑުގައި ކުޅުނު މި މެޗް ސްޕާސްއިން ކާމިޔާބުކޮށްފައިވަނީ ދެ ލަނޑު އެއް ލަނޑުންނެވެ.

ދެ ޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗްގައި ސްޕާސްއިން ގިނައިރު ބޯޅަ ގެންގުޅުނު ނަމަވެސް ގިނަ ހަމަލާ އުފައްދާފައި ވަނީ ޕެލަސްއިންނެވެ. މި މެޗްގެ ފުރަތަމަ ހާފްގައި ދެ ޓީމުން ކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވުއިރު ލަނޑު ޖަހާނެ މާރަނގަޅު ފުރުސަތު ތަކެއްވެސް މި ހާފްގައި އުފެއްދިގެންދިޔަ ތަނެއް ފެނިގެން ނުދިޔައެވެ.

މި މެޗްގެ ދެވަނަ ހާފަށް ސްޕާސް ނިކުތީ ފުރަތަމަ ހާފާއި ހިލާފަށް މާބޮޑަށް ތައްޔާރުވެގެންނެވެ. މި ގޮތުން މެޗްގެ 53 ވަނަ މިނެޓްގައި އުފެއްދި ހަމަލާއެއްގައި ސްޕާސްއިން މެޗްގެ ލީޑު ނެގިއެވެ. ނަމަވެސް މި ލަނޑަކީ ސްޕާސްގެ ޖޭމްސް މެޑިސަން ޕެލަސްގެ ގޯލް ކުރިއަށް ހުރަސް ކޮށްލި ބޯޅައެއް އެ ޓީމްގެ ޑިފެންޑާ ޖޮއެލް ވާޑް ގައިގާ ޖެހިފާ ބައިކޮޅަށް ވަތް ލަނޑެކެވެ.

މި މެޗްގައި ސްޕާސްގެ ދެވަނަ ލަނޑު މެޗްގެ 66 ވަނަ މިނެޓްގައި ޖަހާދީ އެ ޓީމްގެ ލީޑު ފުޅާކޮށްދިނީ ކެޕްޓަން ސޮން ހެއުން މިން އެވެ. މިއީ އޭނާ މި ފަހަރު ލީގުގައި ކާމިޔާބުކުރި އަށް ވަނަ ލަނޑެވެ. މި މެޗްގައި ޕެލަސްއިން ކާމިޔާބުކުރި ހަމައެކަނި ލަނޑު މެޗްގެ އިތުރު ވަގުތުގައި ޖަހަދިނީ ޖޯޑަން އާޔޫއެވެ.

މި ލަނޑާއެކު މެޗްގެ ނަތީޖާ ހަމަހަމަ ކުރުމަށް ޕެލަސްއިން މަސައްކަތް ކުރި ނަމަވެސް އެކަން ކާމިޔާބު ވާގޮތެއް ނުވިއެވެ.

މިކާމިޔާބީއާއެކު ސްޕާސް މިހާރު މިވަނީ ކުޅުނު 10 މެޗުން ލިބިފައިވާ 26 ޕޮއިންޓާއެކު ތާވަލްގެ އެއްވަނައިގައި ފަސް ޕޮއިންޓްގެ ލީޑެއް ނަގާފައެވެ. އެންމެ ގާތުން ވާދަކުރާ އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީ އާއި އާސެނަލްއަށް ލިބިފައިވަނީ 21 ޕޮއިންޓެވެ. ނަމަވެސް މިރެއާއި މާދަމާ ރޭ މި ދެޓީމް ކުޅޭ މެޗްތައް ކާމިޔާބުކޮށްފި ނަމަ އަލުން ދެ ޕޮއިންޓަށް މި ލީޑު ކުޑަވެގެންދާނެއެވެ. ރޭގެ މެޗުން ބަލިވުމުން ޕެލަސް އުޅެނީ 12 ޕޮއިންޓާއެކު ތާވަލްގެ 11 ވަނައިގައެވެ.