16 May 2012, 21:04
އެމްޑީޕީ މީހުން ކޭމްޕް ޖަހައިގެން މުޒާހަރާ ކުރަމުން އަންނަ ދަރުބާރުގޭ ފުރަގަހުން އޮންނަ އުސްފަސްގަނޑު އަތުލަން ފުލުހުން އަދި އެއްވެސް މަސައްކަތެއް ނުކުރާކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
މިއަދު ހަވީރުން ފެށިގެން އެސްއެމްއެސް މެދުވެރިކޮށާއި ސޯޝަލްނެޓްވޯކުތަކުގައި ފަތުރަމުންދާ މެސެޖަކީ ފުލުހުންގެ ބެލުމުގެ ދަށަށް އުސްފަސްގަނޑު މިއަދު ނޫނީ މިރޭގެ ވަގުތެއްގައި ގެނަން ފުލުހުންގެ ފޯސްއެއް އުސްފަސްގަނޑަށް އަންނާނެ ކަމަށެވެ.
އެ މެސެޖްތަކާ ގުޅިގެން ފުލުހުންގެ މީޑިޔާ ކޯޑިނޭޓާ ހަސަން ހަނީފް ސަން އޮންލައިންއަށް މިއަދު ވިދާޅުވީ އުސްފަސްގަނޑު އަތުލައި އެތަން ފުލުހުންގެ ބާރުގެ ދަށަށް ގެނައުމަށް ފުލުހުން އަދި އެއްވެސް މަސައްކަތެއް ނުކުރާ ކަމަށާއި ފުލުހުންނަށް ނިސްބަތްވާ ގޮތައް އެފަދަ ދޮގުވާހަކަތައް ފަތުރަމުންދާތީ އެކަމާ ހިތާމަކުރައްވާ ކަމަށެވެ.
"މިގޮތައް މި ރޯލްވެގެންދާ އެސްއެމްއެސްތަކުން މީހުންގެ ހިތުގައި ބުރުވެރިކަން އުފެދިގެން ދާނެ ކަމަށް މޯލްޑިވްސް ޕޮލިސް ސާވިސް އިން ގަބޫލުކުރަން، އުސްފަސްގަނޑަށް ފުލުހުން އަރައިގަންނަން އުޅޭކަމަށް ބުނެ ފޮނުވަމުންދާ މަސެޖްތަކުގައި އެއްވެސް ހަގީގަތެއް ނެތް، ފުލުހުން އަދި އެކަމަށް އެއްވެސް މަސައްކަތެއް ނުކުރޭ،" ހަނީފް ވިދާޅުވި އެވެ.
ސަރުކާރުގެ އެއްވެސް މުއައްސަސާއަކުން އެފަދަ ކަމަކަށް ފުލުހުންގެ ކިބައިން އެދިފައިވޭތޯ ދެންނެވުމުން ހަނީފް ވިދާޅުވީ އެފަދަ ކަމަމަށް އެދިފައިވާ ކަން "އަދި އެނގިވަޑައިގެންފައި ނުވާ" ކަމަށެވެ.
ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުގައިވާ އުސްފަސްގަނޑަށް އެމްޑީޕީން އެއްވެ މުޒާހަރާ ކުރަން ފެށީ ރާޅުގަނޑު ސަރަހައްދު ފުލުހުންނާއި ސިފައިންގެ ބެލުމުގެ ދަށަށް ގެނެސް އެތަނުގައި މުޒާހަރާ ކުރުން މަނާކުރުމާއި ގުޅިގެންނެވެ. އެ މައްސަލަ އަދިވެސް ދަނީ ކޯޓުގައި ހިނގަމުންނެވެ.
އެންމެ ފަހުން ބޭއްވި ކެބިނެޓް ބައްދަލުވުން ނިންމާފައި ވަނީ މާލޭ ސިޓީ ކައުންސިލުން އުސްފަސްގަނޑު ދޫކޮށްފައި ވަނީ ސަރުކާރާއި އެކު ވެފައިވާ އެއްބަސްވުމާ ހިލާފަށް ކަމަށް ބުނެ އެތަން ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުން ނަގައި ހައުސިން މިނިސްޓްރީއަށް ބަދަލުކުރުމަށެވެ. މިދިޔަ ހޯމަ ދުވަހުގެ ކުރިން އުސްފަސްގަނޑު ހައުސިން މިނިސްޓްރީ އާއި ހަވާލުކުރުމަށް ނޯޓިސް ދިން ނަމަވެސް އެކަމަށް ސިޓީ ކައުންސިލުން އިޖާބަ ދީފައެއްނުވެ އެވެ.