ހަތަރު ސަތޭކަ ފަސްދޮޅަސް ނުވަ ފޫޓް މަތިން ވައްޓާލި ޓެނިސް ބޯޅައެއް ހިފައިގެން، އެމެރިކާގެ ނިއުޔޯކުގެ 18 އަހަރުގެ ޒުވާނަކު ދުނިޔޭގެ ރެކޯޑް ފޮތުން ޖާގަ ހޯދައިފިއެވެ.

ކެމެރަން ހެއިނިގް ކިޔާ މި ޒުވާނާ ވަނީ އެންމެ އުސްމިނުން ޓެނިސް ބޯޅަ ހިފުމުގެ ރެކޯޑް މުގުރާލުމަށްޓަކައި ދެ އަހަރު މަސައްކަތް ކޮށްފައެވެ.

ޑްރޯނެއް ބޭނުންކޮށްގެން 469 ފޫޓް އުސްމިނުން އެ ބޯޅަ ވައްޓާލުމުން ކެމެރަން ބޯޅަ ހިފުމަށްފަހު އޭނާ ބުނެފައިވަނީ ހީކުރީ ގޮތާއި ޚިލާފަށް ބޯޅަ ހިފި ވަގުތު އެހާބޮޑަށް އަތަށް ތަދުނުވާ ކަމަށެވެ.

އެންމެ އުސްމިނުން ބޯޅަ ހިފުމުގެ ރެކޯޑް ޤާއިމްކުރުމަށް ޖެހެނީ، އަންގިވެސް ނުލައްވާ ހުސްއަތާ ބޯޅަ ހިފާށެވެ.

ކެމަރަން ކިޔާދިން ގޮތުގައި އޭނާ ފުރަތަމަ އަހަރު ފަރިތަކުރީ އަތަށް އަންގިއެއް ލައްވައިގެން ބޯޅަ ހިފުމަށެވެ. އަދި އަންގި ނުލައްވާ ބޯޅަ ހިފަން ފަރިތަވުމުން ރެކޯޑް މުގުރާލުމުގެ މަސައްކަތް ފެށީކަމަށް ކެމެރަން ބުންޏެވެ.

އެންމެ އުސްމިނުން ޓެނިސް ބޯޅަ ހިފުމުގެ ކުރީގެ ރެކޯޑަކީ 75 ފޫޓެވެ.