28 Oct 2023, 11:58
ފަލަސްތީނުގެ ދިފާއުގައި މަސައްކަތްކުރާ ހަމާސް ޖަމާއަތުން ޣައްޒާގެ އެންމެ ބޮޑު ހޮސްޕިޓަލް، އަލް ޝިފާ ހޮސްޕިޓަލްގެ އަޑީގައި ބިންގަރާސް ހަދައިގެން އެތަން ބޭނުންކުރަމުން އަންނަ ކަމަށް ބުނެ، އިސްރާއީލްގެ އަސްކަރިއްޔާއިން ދެއްކި ވާހަކަތައް ހަމާސް އިން ދޮގުކޮށްފިއެވެ.
ހަމާސްގެ ސިޔާސީ ގޮފީގެ މެންބަރު، އިއްޒަތް އަލް ރިޝްގު ނެރުނު ބަޔާނަކާ ހަވާލާދީ މިޑްލް އީސްޓް މޮނިޓާއިން ރިޕޯޓުކޮށްފައިވާ ގޮތުން ޝިފާ ހޮސްޕިޓަލާ ގުޅުވައި އިސްރާއީލުން ހަމާސްއަށް ކޮށްފައިވަނީ ދޮގު ތުހުމަތެކެވެ. އަދި މިފަދަ ތުހުމަތުތަކުގެ ސަބަބުން ޒަޚަމްވެފައިވާ އެތައް ބަޔަކާއި ގެދޮރު ގެއްލިފައިވާ 40،000 އަށް ވުރެ ގިނަ މީހުން ތިބި ހޮސްޕިޓަލަށް އަމާޒުކޮށް އިސްރާއީލުންނަށް ހަމަލާތައް ދޭން ފަސޭހަ ވާނެ ކަމަށްވެސް އެ ބަޔާނުގައިވެއެވެ.
ޣައްޒާގެ ސިއްހީ ނިޒާމް ފުޑާލަން އިސްރާއީލުން ކުރާ މަސައްކަތް މިހާރުން މިހާރަށް ހުއްޓުވުމަށް އެމެރިކާއަށާއި، އަރަބި ގައުމުތަކަށް ރިޝްގް ވަނީ ގޮވާލައްވާފައެވެ.
ހަމާސްއިން މި ބަޔާން ނެރެފައި ވަނީ އަސްކަރީ މަރުކަޒެއް ކަމަށް ބުނެ ހޮސްޕިޓަލް ހުސްކުރުމަށް އިސްރާއީލުން ގޮވާލުމުން އެކަމުގެ ރައްދުގައެވެ.
ހަމާސްއިން ޝިފާ ހޮސްޕިޓަލް ބޭނުން ކުރާ ކަމުގެ ހެކި އެބަހުރި ކަމަށް އިސްރާއީލްގެ އަސްކަރިއްޔާއިން ވަނީ ބުނެފައެވެ. އަދި އިސްރާއީލްގެ ޝިފާ ހޮސްޕިޓަލް ހުރި ސަރަހައްދުގެ ސެޓަލައިޓް ފޮޓޯއަކާއި 3ޑީ ކުރެހުމެއްވެސް އިސްރާއީލްގެ އަސްކަރިއްޔާއިން ވަނީ ދައްކާލާފައެވެ. އޭގައި، ހަމާސްގެ މުޖާހިދުން ތިބޭނެ ކަމަށް ބުނާ ތަންތަން ވެސް ދައްކާލާފައިވެއެވެ. އަދި ޝިފާ ހޮސްޕިޓަލްގެ އަޑީގައި ބިންގަރާސް ހަދައިގެން ހަމާސް މުޖާހިދުން ތިބި ކަމަށް އިސްރާއީލުން ބުނެއެވެ.
ރިޕޯޓުތައް ބުނާ ގޮތުގައި ޝިފާ ހޮސްޕިޓަލްގައި ޒަހަމްވެފައި ތިބި މީހުންގެ އަދަދު ވެސް 10،000 އާ ގާތް ކުރެއެވެ. އަދި 2،000 ސިއްހީ އެހީތެރިން ހޮސްޕިޓަލްގައި މަސައްކަތް ކުރާއިރު، އެ ހޮސްޕިޓަލްގެ އެތެރޭގަޔާއި ބޭރުގައި ބައިލައްކައާ ގާތް ކުރާ އަދަދަކަށް މީހުން އެބަތިއްބެވެ.
އިސްރާއީލް އަސްކަރިއްޔާގެ ތަރުޖަމާނު ޑެނިއަލް ހަގާރީ ބުނި ގޮތުގައި ހޮސްޕިޓަލް ބޭރުގައި ބިންގަރާސްތަކެއް ހުރި ކަމުގެ އިންޓަލިޖެންސް މައުލޫމާތު ވެސް އެ މީހުންނަށް ވަނީ ލިބިފައެވެ. އަދި އެ ތަންތަނަށް ވަނުމަށް ހަމާސްގެ މުޖާހިދުން ބޭނުން ކުރަނީ ހޮސްޕިޓަލަށް ވަންނަ ދޮރުތަކުގެ ބަދަލުގައި އެ ބިންގަރާސްތައް ކަމަށް ވެސް ހަގާރީ ބުނެފައިވެއެވެ.