އެއީ 1948 ވަނަ އަހަރެވެ. އަރަބި އިސްރާއީލް ހަނގުރާމައިގެ ދުވަސްވަރެވެ. ފަލަސްތީނުގެ ޓައުން އަލްމަޖްދާލް އިން ފިލަން މަޖުބޫރުވި ގާތްގަނޑަކަށް 10،000 މީހުންގެ ތެރެއިން ސުއާދު އަލް އަލޭމް އަކީ އެކެކެވެ. އޭރު ސުއާދަކީ ޒުވާން އަންހެނެކެވެ.

ސުއާދުގެ އުމުރުން މިހާރު 90 އަހަރެވެ. އޭނާއަށް އަދިވެސް މަޖުބޫރު ވެފައި ވަނީ އިސްރާއީލަށް ފިލަން ދުވުމަށެވެ.

"އަހަންނަށް ކޮންމެ ދުވަހަކު 20 ފަހަރު މަރު ފެނޭ. އުޑުމަތިންނާއި ބިމުންވެސް. ކޮންމެ ގޮވުމަކުން އަހަރުމެންނަށް ނަފްސާނީ ގޮތުން އަސަރުކުރޭ." ސީއެންއެންއަށް ދިން އިންޓަވިއުއެއްގައި ސުއާދު ބުންޏެވެ.

ޣައްޒާ ބޯޑަރުގެ އުތުރުން އެންމެ 10 މޭލު ދުރުގައި އޮންނަ އަލްމަޖްދާލް މިހާރު ނެތް ތަނެއް ފަދައެވެ. އެއީ އެއް ޒަމާނެއްގައި ޓެކްސްޓައިލް އުފެއްދުމަށް މަޝްހޫރު ބާޒާރެކެވެ. އެތަން ވަނީ 1948 ން 1949 ށް ކުރި އަރަބި އިސްރާއީލް ހަނގުރާމައިގައި ބިމާ ހަމަކޮށްފައެވެ.

މި ހަނގުރާމައަށް ފަހު ފަލަސްތީނުގެ 700،000 އެއްހާ މީހުން ފޮނުވާލި ނުވަތަ ގެދޮރު ދޫކޮށް ދިޔައިރު، އިސްރާއީލަށް ބަދަލުވި މަދުވެގެން 80 އިންސައްތަ މީހުންނަކީ އަރަބިންނެވެ. މިއަދު ޣައްޒާގައި ދިރިއުޅޭ މީހުންގެ ދެބައިކުޅަ އެއްބައި މީހުންނަކީ ރެފިއުޖީން ނުވަތަ އެ މީހުންގެ ސީދާ ދަރިކޮޅުގެ މީހުންނެވެ.

1948 ވަނަ އަހަރު ގެދޮރު ދޫކޮށް ދިޔަ ގިނަ ބަޔަކު ހީކޮށްގެން ތިބީ މަދު ދުވަސްކޮޅެއްގެ ތެރޭގައި އެ މީހުންގެ ގެއަށް އަބުރާ ދެވޭނެ ކަމަށެވެ. ނަމަވެސް އިސްރާއީލުން އެ މީހުން އެނބުރި އައުމަށް ހުއްދައެއް ނުދޭ ކަމަށާއި އޭގެ ފަހުން ގިނަ ބަޔަކު ތިބީ ފަގީރުކަމުގެ ތެރޭގައި ކަމަށް ސީއެންއެން އިން ރިޕޯޓުކުރެއެވެ.

އެ ހާދިސާއަށް ފަލަސްތީނު މީހުން ކިޔަނީ ނަކްބާއެވެ.

"އަހަރެން އުޅުނީ 1948 ވަނަ އަހަރުގެ ނަކްބާ، މިހާރު ދިރިއުޅެމުން މިދަނީ 2023 ވަނަ އަހަރުގެ ނަކްބާ،" ޣައްޒާގެ ދެކުނުގެ ޚާން ޔޫނިސްގައި ހުންނަ ވަގުތީ ރެފިއުޖީ ކޭމްޕެއްގައި ހުރި ޓެންޓެއްގައި އިށީނދެގެން އިން ސުއާދު ބުންޏެވެ.

"މި ދެވަނަ ހަނގުރާމަ މާ ގޯސް " ސުއާދު އިތުރަށް ބުންޏެވެ.

ގެދޮރު ގެއްލި ރެފިއުޖީ ކޭމްޕްގައި ތިބެން ޖެހުނު ޣައްޒާގެ އާއިލާއެއް ފޮޓޯ/ސީއެންއެން

މީގެ 10 ދުވަސް ކުރިން ބޮމުގެ ހަމަލާތަކެއް ދިން ދަނޑިވަޅެއްގައި އަމިއްލަ ގެއިން ނުކުމެގެން އައީ ކަމަށާއި ރަގަޅަށް ކާން ނުލިބި ފެންވަރާ ސާފުވެސް ނުވާ ކަމަށް ސުއާދު ބުންޏެވެ. ހަކުރުބައްޔަށްވެސް ފަރުވާ ކުރަމުން އަންނަ ސުއާދު ބުނީ ރަގަޅަށް ކާން ނުލިބުމާއި ގަވާއިދުން ބޭސް ނުލިބުމުގެ ސަބަބުން އުދަގޫތަކާ ކުރިމަތިވެފައިވާ ކަމަށެވެ. އަދި އެންމެން ބޭނުންކުރަމުންދިއުމުގެ ސަބަބުން ފާހާނާތައް ވަރަށް ހަޑިވެފައިވާތީ، ފާހާނާއަށްވެސް ނުދާ ކަމަށް ސުއާދު ބުންޏެވެ.

ޣައްޒާގައި ދިރިއުޅޭ ގިނަ މީހުންނަށް މިއަދުވެސް ކިޔަނީ ރެފިއުޖީންނެވެ. އަދި އެ މީހުންގެ ކާބަފައިން ދިރިއުޅުނު ރަށްތަކުގެ ނަންތައް އެ މީހުންނަށް ބޭނުންކުރެއެވެ.

ނަވާރަ ސަތޭކަ ފަސްދޮޅަސް ހަތް ވަނަ އަހަރު މިސްރާއި އުރުދުން އަދި ސީރިއާއާއެކު ކުރި ހަ ދުވަހުގެ ހަނގުރާމައިގައި އިސްރާއީލުން ވަނީ ޣައްޒާ ހިފާފައެވެ. ގާތްގަނޑަކަށް 40 އަހަރު ވަންދެން އެގޮތަށް ހިފާފައި އޮތުމަށްފަހު، 2005 ވަނަ އަހަރު ޣައްޒާގައި ވަޒަންވެރިވި އިސްރާއީލުގެ މީހުން އަބުރާ އިޒްރާއީލަށް ގެންދިޔައެވެ. އޭގެ ދެ އަހަރުން ފަހުން ފަލަސްތީނުގެ ވެރިކަމާ ހަމާސް ހަވާލުވުމުން، އިޒްރާއީލުން ވަނީ ޣައްޒާ އެއްކޮށް ބަންދުކޮށްފައެވެ.

މި މަހުގެ ހަތް ވަނަ ދުވަހުން ފެށިގެން އިސްރާއީލުން ޣައްޒާއަށް ދެމުން ގެންދާ ހަމަލާތަކުގައި ޣައްޒާގެ 70000 ށްވުރެ ގިނަ މީހުން ވަނީ ޝަހީދުކޮށްލާފައެވެ.