ރާމަﷲ (މޭ 16): ފަލަސްތީނުގެ ބިމުގައި އިސްރާއީލެވެކިޔާ ދައުލަތެއް 1948ގައި އުފެއްދުމާގުޅިގެން ފަލަސްތީނުގެ ރައްޔިތުންނަށް އެމީހުންގެ ބިމާއި ވަޒަނާއި ގެދޮރާއި މިނިވަންކަމާއި މިލްކިއްޔާތު ގެއްލިގެންދިޔަ ބޮޑު މުސީބާތް (ނަކްބާ) އަށް 64 އަހަރު ފުރުމުގެ ހިތާމައިގާ އިސްރާއީލާދެކޮޅަށް ފަލަސްތީނުގެ ރައްޔިތުން އިއްޔެ ކުރި މުޒާހަރާއާ ދެކޮޅަށް އިސްރާއީލު ސިފައިން ބަޑިޖަހައި ފަލަސްތީނުގެ 300 އަށް ވުރެ ގިނަ މީހުން ޒަޚަމްކޮށްލައިފި އެވެ.

ފަލަސްތީނުގެ ރެޑް ކްރެސެންޓް ބުނި ގޮތުގައި އިސްރާއީލު ސިފައިން ރަބަރު އުންޑައިން ޙަމަލާދިނުމުގެ ސަބަބުން ގިނަ މީހުން ޒަޚަމްވީ ރާމަﷲ އާއި ޚަލީލު ސަހަރުގައި ކުރިމުޒާހަރަތަކުގަ އެވެ. ޒަޚަމްވި މީހުންގެ ތެރެއިން ގިނަ މީހުންނަށް ހޮސްޕިޓަލުތަކުގައި އެޑްމިޓްކޮށްފައިވާ އިރު ކުޑަކޮށް ޒަޚަމްވި މީހުންނަށް ފަރުވާދީފައި ވަނީ މަގުމަތީގަ އެވެ. ނަކްބާގެ މުސީބާތުގެ ދުވަހުގައި، ފަލަސްތީނުގެ ހިފާފައިވާ ހުރިހާ ބިންތަކެއްގައި ފަލަސްތީނުގެ ކުދި ބޮޑު ރައްޔިތުން ކުރި މުޒާހަރާތަކުގައި އެމީހުންގެ މުސީބާތް ހައްލުވުމުގެ ބަދަލުގައި އެމުސީބާތް އިތުރަށް ބޮޑުވެ އެމީހުންގެ ހައްޤުތައް އަނބުރައި ހޯދައިދިނުމުގައި ބައިނަލްއަޤްވާމީ މުޖްތަމައު އިހްމާލުވެފައިވާ ކަމުގެ ޝަކުވާ ކޮށްފައިވެ އެވެ.

ނަކްބާގެ ދުވަސް ފާހަގަކުރުމަކީ ފަލަސްތީނުގައި އެންމެބޮޑު ޤައުމީ ހަރަކާތެވެ. އާންމު ރައްޔިތުންގެ އިތުރުން ޒާތީ އިދާރާއާއި މިނިވަންކަމަށް މަސައްކަތްކުރާ ޖަމާއަތްތައްވެސް ބައިވެރިވެގެންހިންގާ އެންމެފުޅާ ޤައުމީ ޙަރަކާތެކެވެ. ފަލަސްތީނުގެ ނަކްބާ ނުވަތަ މުސީބާތް ފަލަސްތީނުގެ ރައްޔިތުންނަށް ކުރިމަތިވީ ދެވަނަ ބޮޑުހަނގުރާމައިގެ ސެޓްލްމެންޓްތަކުގެ ދަށުން 1948 ގައި ފަލަސްތީނުގެ ބިމުގައި އިސްރާއީލެވެކިޔާ ޔަހޫދީ ޒަޔަނިސްޓް ދައުލަތެއް އުފައްދައި ފަލަސްތީނުގެ ރައްޔިތުންގެ ތިންބައިކުޅަ ދެބައިމީހުން ފަލަސްތީނުގެ ބިމުން ބޭރުކޮށް ރެފިއުޖީންނަށް ހެދުމަށްފަހުދުނިޔޭގެ ކަންކޮޅުތަކުން (ޚާއްސަކޮށް ޔޫރަޕުން) ޔަހޫދީން ގެނަސް ފަލަސްތީނުގެ ބިމުގައި ގެދޮރުއަޅައިދީ އެމީހުން ވަޒަންވެރިކުރުވުމުން ކުރިމަތިވި މުސީބާތެކެވެ.

މިއީ ފަލަސްތީނުގެ ރައްޔިތުން ފިޔަވައި އެހެން އެއްވެސް ރައްޔިތަކަށް ފަހުގެ ތާރީޚުގައި ދިމާވެފައިނުވާ ބޮޑު މުސީބާތެކެވެ. މިމުސީބާތަށް އިއްޔެ 64 އަހަރު ފުރުނު އިރު ވަޒަނުން ބޭރުކޮށްފައިވާ ފަލަސްތީނުގެ ރެފިއުޖީންގެ ޢަދަދުވަނީ 6 މިލިޔަނަށް އަރާފަ އެވެ. މީގެތެރެއިން 70% ރެފިއުޖީން ދިރިއުޅެނީ ފަލަސްތީނުގެ އަވަށްޓެރި ޤައުމުތައް ކަމަށްވާ ލުބްނާން، އުރުދުން، ސޫރިޔާއަދި މިސްރުގައެވެ. ފަލަސްތީނުގެ ބޮޑު މުސީބާތް އިތުރަށް ބޮޑުވެގެންގޮސް މުޅި ފަލަސްތީން އިސްރާއީލުގެ އަޅުވެތިކަމުގެ ދަށަށް ދިޔައީ 1967 ގެ ހަނގުރާމައިގާ ފަލަސްތީނުގެ ހުޅަނގު އައްސޭރިއާއި ޣައްޒާވެސް އިސްރާއީލުން ހިފައި ދުނިޔޭގެ ކަންކޮޅުތަކުން ޔަހޫދީން ގެނަސް އެބިންތަކުގައިވެސް ވަޒަންވެރިކުރުވަން ފެށުމުންނެވެ.

ފާއިތުވި ސާޅީހަކަށް އަހަރު ތެރޭގައި އިސްރާއީލުންވަނީ ހުޅަނގު އައްސޭރީގައި ހަތަރު ލައްކައަށްވުރެ ގިނަ ޔަހޫދީން ދުނިޔޭގެ އެކިޤައުމުތަކުން ގެނަސް އެބިންތަކުގައި ވަޒަންވެރިކުރުވާފައިވެއެވެ. މީގެބަދަލުގައި އިސްރާއީލު ގެންދަނީ ގެދޮރުއަޅާނެބިން ފަލަސްތީނުގެ ރައްޔިތުންނަށްނުދީ ފަލަސްތީނުގެ ރައްޔިތަކު ގެއެއް ބިނާކުރިނަމަވެސް އެގެއެއް ތަޅައި ބިމާހަމަކުރަމުންނެވެ. މީގެއިތުރުން ހުޅަނގު އައްސޭރިއާއި ގައްޒާއިން ފޭބުމަށް އިސްރާއީލަށް ގޮވަލާ އދ. ގެ ޤަރާރުތައް ތަންފީޒުކުރުމަށްވެސް އިސްރާއީލުން ގެންދަނީ ދެކޮޅުހަދަމުންނެވެ. ނަކްބާއަށް 64 އަހަރު ފުރުނުއިރު ފަލަސްތީނުގެ ރައްޔިތުންނަށް އެއްވެސް ޙައްލެއް ހޯދައިދިނުމުގައި އދ. އާއި ބައިނަލްއަޤްވާމީ މުޖްތަމަޢުވަނީ ނާކާމިޔާބުވެފައެވެ.

ހިފާފައިވާ ބިންތަކުގައި ފަލަސްތީނުގެ ރައްޔިތުންނަށް މިނިވަން ދައުލަތެއް ޤާއިމްކޮށް ދިނުމުގައި އދ. އާއި ބައިނަލްއަޤްވާމީ މުޖްތަމަޢު ނާކާމިޔާބުވެފައިވާއިރު ހިފާފައިވާ ބިންތަކަށް ދުނިޔޭގެ ކަންކޮޅުތަކަށް ޔަހޫދީން ގެނަސް އެމީހުން ވަޒަންވެރިކުރުވުމަށް އިސްރާއީލު ހިންގަމުން ގެންދާ މަޝްރޫޢުވެސް އދ. އާއި ބައިނަލްއަޤްވާމީ މުޖްތަމަޢަށް ހުއްޓުވިފައެއްނުވެއެވެ. މިކަމުގެ ސަބަބުން މެދުއިރުމަތީގެ ސުލްޙައިގެ ވާހަކަތައްވެސްވަނީ ނާކާމިޔާބުވެފައެވެ. ފާއިތުވި 64 އަހަރު ތެރޭގައި އިސްރާއީލުން ފަލަސްތީނުގެ އާންމުންނާ ދެކޮޅަށް އެތަށް ޤަތްލުއާންމެއް ހިންގައި ހަނގުރާމައިގެ އެތަށް ޖަރީމާތަކެއް ހިންގާފައިވާއިރު މިއިން އެއްވެސް މައްސަލައެއް ބަލައި މިޖަރީމާތަކުގައި މަސްއޫލުވާ އިސްރާއީލުގެ މަސްއޫލުވެރިން ބައިނަލްއަޤްވާމީ ޢަދާލަތުގެ ކުރިމައްޗަށް ޙާޒިރު ކުރެވިފައެއްވެސް ނުވެއެވެ.

ނަކްބާގެ މުނާސަބަތުގައި ފަލަސްތީނުގެ ރައްޔިތުން ކުރި މުޒާހަރާތަކުގައި އެމީހުންވަނީ އެމީހުންގެ ބިމާއި ވަޒަނާއި މިނިވަންކަން އަނބުރައި ހޯދައި އެބިމުގައި ފަލަސްތީނުގެ މިނިވަން ދައުލަތެއް އުފައްދުމަށް ވަޢްދުވެފައެވެ. (އަލްޖަޒީރާ)