27 Oct 2023, 22:05
މީހަކު ރަހީނުކޮށް އަނިޔާ ކުރުމުގެ ތުހުމަތުގައި ބިދޭސީއަކު ހައްޔަރުކޮށްފިއެވެ.
މީހަކު ރަހީނުކޮށް، އަނިޔާ ކުރި ކަމުގެ ތުހުމަތުގައި ފުލުހުން ހައްޔަރު ކޮށްފައިވަނީ ބަންގްލަދޭޝްއަށް ނިސްބަތްވާ އުމުރުން 37 އަހަރުގެ ފިރިހެނެކެވެ. އެކަމަކު، އެ މައްސަލައާ ގުޅޭ ތަފުސީލެއް މިހާތަނަށް ފުލުހުން ހިއްސާކޮށްފައެއް ނުވެއެވެ.
އެ މީހާ ހައްޔަރުކޮށް، ބަންދާ މެދު ގޮތެއް ނިންމަން މިއަދު ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން އެ ކޯޓުން ވަނީ އެ މީހާގެ ބަންދަށް 15 ދުވަސް ޖަހައިދީފައެވެ.
ހުށަހަޅާފައިވާ ބަޔާންތަކާއި އަނިޔާ ލިބުނު މީހާގެ ބަހުންނާއި ހާދިސާ ހިނގި ސަރަހައްދުން ނަގާފައިވާ ފޮޓޯތަކުން އޭނާ މީހަކު ރަހީނުކޮށް، އިންޒާރުދީ އަނިޔާވެރި އަމަލުތަކެއް ހިންގުމުގައި ބައިވެރިވެފައިވާ ކަމަށް ބެލެވޭ ކަމަށް ބަންދު އަމުރުގައި ބުނެފައިވެއެވެ.
އެ އަމުރުގައި ބުނެފައިވަނީ އިތުރު ބަޔަކާ އެކު އޭނާ ބައިވެރިވެ އަނިޔާވެރި އަމަލުތަކެއް ކަމަށް ބެލެވޭ ކަންތައްތަކެއް އޭނާ ހިންގާފައިވާ ކަމަށް ބެލެވޭ ކަމަށެވެ. އަދި، އޭނާ އަކީ ރާއްޖޭގައި ގާނޫނާ ހިލާފަށް އުޅޭ މީހެއް ކަމަށް ވާތީ ފިލައިގެން ދިއުމުގެ އިހުތިމާލު އޮތް ކަމަށް ވެސް އެ އަމުރުގައި ވަނީ ބުނެފައެވެ.
ގެއެއްގެ ތެރޭގައި ރަހީނުކޮށްފައި ހުރި ބިދޭސީއަކު އަމިއްލައަށް ސަލާމަތްވި މައްސަލައެއް މި މަހު އަށްވަނަ ދުވަހު ވަނީ ސަމާލު ކަމަށް އައިސްފައެވެ. އެ މީހާ ރަހީނުކޮށް، ފައިސާ ފޭރުނު މައްސަލަ ފުލުހުން ތަހުގީގު ކުރަން ވެސް ފެށިއެވެ.
އެކަމަކު، މިއަދު ބަންދުގެ މުއްދަތު ޖެހި މީހާއަކީ މި މައްސަލައިގައި ހިމެނޭ މީހެއް ނުވަތަ ނޫން ކަމެއް މިހާތަނަށް އެނގިފައެއް ނުވެއެވެ.