03 Nov 2023, 10:36
"ވަގުތަކީ ބައެއް ހިތާމަތަކުގެ ފަރުވާއެކެވެ. ނަމަވެސް ލޯބިވާ ފަރާތެއްގެ ވަކިވުމަކީ ދުވަހަކުވެސް ހިތުން ފިލުވައިލެވޭވަރުގެ އެއްޗެއް ނޫނެވެ. އެހަނދާންތައް ދުވަސްވަމުންދާ ވަރަަކަށް ތާޒާވެ އިތުރުވަމުން ދާނެއެވެ. ނަމަވެސް ނަމާދާއި ޒިކުރުން ހިތްވަރު ހޯދާށެވެ."
***
"ހަމައެކަނި ދުޢާކުރީ.. ޒަމްޒަމް ފެންބުއީ..ﷲ ތައާލާއަށް ގިނަގިނައިން ދުޢާ ކުރިން....އެ ބިމަށް ދެވުނީމަ ވަގުތުން ހިތަށް ހަމަޖެހުން ލިބުނު. ރޫހާނީ އުފާވެރިކަމާއި ހިތްހަމަޖެހުން ލިބުނުވަރުންގޮސް ވަގުތުން ހަށިގަނޑަށް އޭގެ ރަގަޅު އަސަރުކުރުވި..ސްޕިރިޗުއަލް ކަނެކްޝަން ދުވަހަކު އެހާ ވަރުގަދަ ނުވޭ. ހުރިހާ ގަޑިއެއްގައި ނަމާދުކޮށް ޒިކުރުކިޔާ ގުރުއާން ކިޔެވުމުގައި ހަރަމްފުޅުގައި ވަގުތުތައް ހޭދަކުރެވުނީ...ކެންސަރު ފަހު ސްޓޭޖްގައިވެސް ބައެއްމީހުން ހަމަ ރަގަޅުވެއެއްނު ދޯ..އަދި ﷲ ތައާލާއާއި އޮތް ގުޅުން ކިތަންމެ ވަރުގަދަވިޔަސް އަޖަލުޖެހުނީމަ ހަމަ ފުރާނަ ދާނެ. ބައެއްފަހަރު އިޓްސް އެ ބެޓާ ޕްލޭސް އަނެއްހެން މާރަގަޅު އެގޮތް......................."
ޒާދާ ރާހާގެ ގައިގާ ބައްދާލާފައި ކޯތާފަތަށް ބޮސްދިނެވެ. "ﷲއަށް ހަމްދުހުރި..."
"މަހްރާގެ ތަޖުރިބާ ކިޔާދީބަލަ.......ކޮންކަހަލަ އިހުސާސްތަކެއް ކުރެވުނީ؟މަންމަހެން ނޫސްވެރިއަކަށްވެގެން އިންޓަވިއު ކުރަން ބޭނުންވެއްޖެ....މަންމަ ބުނޭ ޒާގެ ވެސް އެ ޓެލެންޓްހުރެއޭ ކީއްވެހެއްޔޯ ނޫސްވެރިއަކަށް ނުވާންވީ...." ޒާދާ ދެފައިވަށްކޮށްލައިގެން އެނދުމަތީގައި އިށީދެ އިންއިރު އެމޫނުމަތިން ފެންނަނީ އުފާވެރިކަމާއި ހިތްހަމަޖެހުނެވެ.
ނަމަވެސް ބާސިލްގެ ފޯނުކޯލުން އޭނަގެ ހިތުގެ އުފާވެރިކަން އަނެއްކާ ވަކިވެގެން ހިގައްޖެއެވެ. ބާސިލް އެދުނީ އޭނަގެ ގާތަށް އައުމަށެވެ. ޒާދާއާއި ނުލައި ދިރިނޫޅެވޭނެ ކަމަށެވެ. އޭނަ ހިތާމަކުރަމުންގޮސް ދެތިންފަހަރު އެޑްމިޓްވެސް ކޮށްފިކަމުގައެވެ. ޒާދާއަށް ފޯނާއި ދިމާލަށް ބަލަހައްޓައިގެން އިނދެވުނުއިރު ކަރުނުން ލޯ ފުރުނެވެ.
"ކިހިނެއްވީ ޒާ؟"މަހްރާއަށް އަހައިލެވުނެވެ.
"ބާސިލް ބަލިވީ..."
"އޯ.........."
"ހާޓްބްރޭކް ވީ....މަގޭ ސަބަބުން.."ޒާދާއަށް މޫނުގައި އަތް އެޅުނެވެ.
މަހްރާއަށް ޒާދާގެ ކޮނޑުގައި މަޑުމަޑުން ބައްދައިލެވުނެވެ. ހިތްވަރުދޭން ވާހަކަދެއްކިއެވެ.
***
އެލިޒަބަތް އާއި މެހެރާޒް ޝޭޚުގެ ކުރިމަތީގައި ތިބިއިރު މެހެރާޒްގެ މޫނުމަތިން ފެންނަނީ އުފާވެރިކަމުގެ ކުލަވަރެވެ. އޭނަ ޖައްވަށް އެކުރާ ދަތުރުގެ ކުރިން އެލިޒަބަތް އިސްލާމްދީނަށް ވަނުމަކީ އޭނައަށް ލިބުނު ބަޔާންނުކުރެވޭފަދަ އުފަލެކެވެ. އެލިޒަބަތް ނަމޫނާއަކަށް ބެލީ އޭނައެވެ. ގުރުއާން ކިޔެވުމުގެ އިތުރުން އޭނަ ދޭ ލެކްޗާތައް ބަލާ ފޮތްތައް ކިޔާ ހެދުމުގެ އިތުރުން މެހެރާޒްގެ ރީތި އަޚުލާގުންވެސް އެލިޒަބަތަށް އަސަރުކުރީއެވެ. ޝޭޚުގެ އަޑުދަށުން އެލިޒަބަތް ޝަހާދަތް ކިޔާ ނިމުމާއެކު އެލިޒަބަތަށް ރޮވެންފެށުނެވެ. މެހެރާޒްއަށް މަޑުމަޑުންގޮސް އެލިޒަބަތްގެ ގައިގާ ހިފަހައްޓައިލެވުނެވެ.
"އަލްހަމްދުލިﷲ......"މެހެރާޒްގެ ލޯވެސް ތެމުނެވެ.
ދެމީހުން އެކީގައި ވާހަކަދައްކަމުން ބޭރަށް ނުކުތްއިރު ސްނޯފައިބަން ފެށީ ހުރިހާ ހަޑިތަކާއި މިލަތަކުން ބިންގަނޑު ދޮވެލަމުންނެވެ. އެލިޒަބަތުއަށްވެސް އިހުސާސްކުރެވުނީ ހުރިހާ ފާފަތައް ފޮހެވި އާފެށުމަކުން ފެށުނުހެންނެވެ. ހިދާޔަތް ލިބުމާއެކު އެމޫނުމަތީގައިވި އުޖާލާކަން އެތައް ގުނަ އިތުރުވިއެވެ.
"އިޓްސް ސްނޯވިން...."މެހެރާޒްއަށް ބުނެވުނެވެ.
"ވަރަށް ހުދު. ސާފު. މިވެސް ސައިން އެއްކަން ނޭގޭ............."އެލިޒަބަތުގެ ނަޒަރު ހުއްޓިފައިވީ ފަޒާގައި ނަށަމުންދާ އެތައް މިލިއަން ސްނޯއެތިކޮޅުތަކާއި ދިމާލަށެވެ.
***
ބޯކޮށް ސްނޯ ފޭބުމުގެ ސަބަބުން މަގުތަކުގައި ފުނިޖެހިފައި ހުރި ސްނޯތައް ކަހާލީ އުޅަދުތަކާއި މީހުންނަށް ފަސޭހައަކަށެވެ. ކޮންމެ ގެއެއްގެ ކުރިމަތީގައި އޮންނަ ވިނަގަނޑުގެ ބަދަލުގައި ސްނޯގެ ދޫލައެކެވެ. ފުރާޅުތަކާއި ގަސްތަކާއި ހުރިހާތަނެއްވަނީ ސްނޯގެ ފޭރާން ލައްވާފައެވެ. ބަލާބަލާ ފޫހިނުވާފަދަ ހުވަފެނީ މަންޒަރަކަށްވިޔަސް ފިނިގަދަކަމުން ބޭރަށް ނިކުމެ އުޅުން ބައެއްމީހުންނަށް ކިތަންމެހާވެސް އުދަގުލެވެ.
ޒާދާ އޭނަގެކައިވެންޏާއި ބެހޭގޮތުން ބައްޕަ އަދްރިއަން އާއި މަޝްވަރާ ކުރީ މަންމަގެ އެދުމަށެވެ. ބާސިލްއަކީ ރަގަޅު ޒުވާނެއްކަމަށާއި އެނޫން މީހަކާއި ކައިވެނި ކުރަން ބޭނުންނުވާ ކަމުގައި ބުނިއިރު ޒާދާގެ ލޯ ތެމުނެވެ. ބައްޕައަށް އެ ކަރުނައިން ސިހުރު ހަދައިލެވޭނެކަމުގައި އޭނަ އުއްމީދުކުރިއެވެ. ޒުހަލްއާއި އޭނަގެ އާއިލާ ގުޅި ހުރިހާކަމެއް ރަގަޅުކަމަށް މަހްރާވަނީ ބުނެފައެވެ. މަހްރާއަށް އަދިވެސް ބާސިލްއާއި އިދްރާކްއަކީ އޭނަގެ ދެބެންގެ ދެދަރި ކުދިން ކަމުގައި ގަބޫލުކުރަން ފަސޭހައެއްނޫނެވެ. ޚާއްސަކޮށް ބާސިލްގެ ފޮނި މިޒާޖެވެ.
"ޒާދާ ބޭނުމިއްޔާ ބައްޕަ ވަލީ ދޭނަން..އެކަމަކު ކައިވެންޏަށްފަހު ޒާދާ މިގެއިން ދާން ޖެހޭނީ. ދުޝްމަނެއްގެ ދަރިއަކަށް މަރުހަބާއެއް ނުކިޔޭނެ..." އަދްރިއަން ގެ މޫނުމަތިން ފެނުނީ ނުރުހުމުގެ ކުލަވަރެވެ.
"ޒާދާ ބައްޕަ ބުނާގޮތަށް ހަދާށޭ ނުބުނަންތަ؟"ކާއިނާތު ހަރުކަށި ގޮތަކަށް ބުނެލިއެވެ.
"ބައްޕައާއި އަންކަލް ޒުހަލްގެ އޮތް މައްސަލައެއްގެ ސަބަބުން އަޅުގަނޑުމެންގެ ދިރިއުޅުން ސެކްރިފައިސް ކުރަން ޖެހޭނެތޯ؟ އެހެންނޫނަސް އަންކަލް ޒުހަލްއަށް އޯކޭ. ބައްޕަ ސްޓަބްންކަމުން ގޮތުގައި ހިފެހެއްޓެވީ.."ޒާދާގެ އެ ޖުމްލައާއެކު މޫނަށް ހޫނު އެތިފަހަރެއް އެރިއެވެ.
"ޒާދާގެ ބައްޕައޭ. ރެސްޕެކްޓްކޮށްބަލަ...."ކާއިނާތު ރުޅިއަންނަގޮތްވިއެވެ.
މަންމަ އޭނަގެ މޫނުމަތީ ޖެހުމުން ގަތް ލަދާއިއެކު ހިތް ކުދިކުދިވިއެވެ. އިރުގަނޑެއްވާންދެން މޫނުގައި ފިރުމައިލަ ފިރުމައިލާ ޒާދާއަށް ހުރެވުނެވެ. އެއަށްފަހު އޭނަ ކޮޓަރިއާއި ދިމާލަށް ދުއްވައިގަތެވެ. ދޮރު ބަންލާފައި ޖެހުމުން ކާއިނާތުގެ ހިތްވެސް ގުޑައިގެން ދިޔަފަދައެވެ.
"ވަލީ ދޭނެކަމެއްނެތް.."
"އެއީ ކީއްވެތަ؟"
"އެއީ އަހަންނަށް ތި ނިންމުން ރަގަޅުނުވީމަ...ޒާދާ މިގެއިން ދާން ބޭނުންނުވާތީ...."ކާއިނާތު އަޑުހަރުކޮށް ބުނެލިއެވެ."ފިރިހެނުންނަށް ތިކަހަލަ ނިންމުންތައް ނިންމަން ވަރަށް ފަސޭހަވާނެ. އެކަމަކު ތިއީ ހަމަ ވިސްނާނުލާ ބުނެލި އެއްޗެއް. ޓޭކް އިޓް ބެކް އަދްރިއަން...ޒާދާއަށް ވިސްނައިދީ...." ކާއިނާތު އަދްރިއަންގެ އަތުގައި ހިފަހައްޓައިލިއެވެ.
***
ޒާދާއަށް ކާއިނާތު ވިސްނާދީދީ ވަރުބަލިވީއިރުވެސް ގޮތުގައި ހިފެހެއްޓިއެވެ. ޒާދާ ބުނީ ބާސިލް އޭނަދެކެ އެވަރަށް ލޯބިވާއިރު އަދި އޭނައަށްޓަކާ ދުނިޔެއާއި ވަކިވެގެންދާއިރު ކުޅިބަލަން ދުރުގައި ހުރުން ފަސޭހަނޫންކަމަށެވެ.
"މަޖުނޫނުދޯ..ތިގޮތަށް ކުރީކޮޅު ދަޅަ ދައްކާނެ. ތިއީ މަކަރުވެރި ލޯބި. ފިރިހެނުން ބުނާ ބަހުގައި ހިފަހައްޓައިގެން މައިންބަފައިން ދޫކޮށް ދިޔައީމަ އަދިވެސް މަންމަ މިހިރީ އެކަމުގެ ހިތާމައިން އަރައިނުގަނެވިފާ. އެކަން އެނގޭތަ؟ ޒާދާ......ކިހިނެއްވެފައި ތިހިރީ؟ އަހަރެން މިބުނަނީނު މި ޒަމާނުގައި ތިބުނާ ތެދުވެރި ލޯތްބެއްވާ ފިރިހެނަކު ނެތޭ. ތިކަން ހުއްޓާލާ..ނޫނީ މަށަށް މަންމަ ނުކިޔާތި. ތި ކައިވެންޏަށްފަހު މަށަށް ފެންނަ ހިސާބަށް އައިސްގެންނުވާނެ...."ކާއިނާތު އަޑުކޮޅަށް ހަޅޭއްލަވައިގަތެވެ.
އަޑުހަރުކަމުން ރާހާވެސް ކޮޓަރިން ނުކުމެ ފާރަށް ލެނގިލައިގެން މަންމައާއި ޒާދާގެ ހަގުރާމަ ބަލަން މޮޅުވެރިވެފައި ހުއްޓެވެ.
"މަހްރާގެ ވެސް ކަޒިންއެއްނު އެއީ. މަންމަ ބޭނުންނުވިޔަސް ފެމިލީ އޮތީ ގުޅިފައި..."
"އަހަންނަށް ހެވޭ...މިބުނީނު އޭނައާއި ކައިވެނިކޮށްފައި މަންމަ ނުކިޔާށޭ...."ކާއިނާތު އަމުރުކުރިއެވެ.
"އެންމެ ރަަގަޅު. އަހަރެން ދަނީ....."ޒާދާ އޭނަގެ ބެކްޕެކް ތައްޔާރުކުރަންފެށިއެވެ."މަންމަގެ ރުޅި މަޑުވެ މާފުދިން ދުވަހަކުން އަންނާނަން. އިންތިޒާރުކުރާނަން.......އައިމް ސޮރީ.................................."
"ބައްޕައަށްވުރެ އެހެން ފިރިހެނަކު މުހިއްމުވީ؟ ޒާދާދެކެ ބައްޕަވީ ލޯބި އެއްވެސް އެއްޗަކަށް ނުވި ދޯ..ކިހާ ލޯބިން ބަލާބޮޑުކުރީ..."ކާއިނާތު ވިސްނައިދޭން އުޅުނެވެ.
"އިމޯޝަނަލް ބްލެކްމެއިލް ވޯކެއްނުކުރާނެ މަންމާ....އަޅުގަނޑުދެކެ ބައްޕަ ލޯބިވީނަމަ...މިބުނީ އެހާ ބޮޑަށް ލޯބިވީނަމަ އަޅުގަނޑުގެ އިހުސާސްތަކާއިމެދު ވިސްނާނެ...މިއަދު މިދަނީ މަޖުބޫރުވެގެން..."
ރާހާގެ ލޮލުން ކަރުން އޮހިގަތެވެ.
"ދޮންތާ. ޕްލީޒް. ޑޯންޓް ލީވް..."
ޒާދާ ރާހާގެ ގައިގާ އޮޅުލައިގަތެވެ."ސޮރީ ސްވީޓްހާޓް....."
ޒާދާ ނުކުމެގެން ދާން ހިނގައިގަތުމުން ކާއިނާތު ތުންފިތައިލިއެވެ."ރާހާ...މިއަދަށްފަހު ރާހާގެ ހުންނާނީ ހަމައެކަނި ބޭބެއެއް. ދައްތައެއް ނުހުންނާނެ. ޝީ ޑައިޑް...އެނގިއްޖެތަ؟"
"އޯކޭ މަންމާ...މިއަދަށްފަހު އަޅުގަނޑު އެންމެނަށްޓަކާ މަރުވެއްޖައިން. ބައްޕަ ކައިރީވެސް މަންމަ ބުނެދޭތި..."
"ތިދިޔަ ބާރުމިނުގައި އަދި އެނބުރި އަންނާނެ. އެކަމަކު މިގޭގެ ދޮރުތައް ޒާދާއަށްޓަކާ ބަންދުވާނެކަން ހަދާންކުރާތި....."
ޒާދާގެ ހިތަށް ތީރުތަކެއްހެރިގެން ދިޔަހެން ހީވިއެވެ. ނަމަވެސް އޭނައަށް ވަނީ މަޖުބޫރުވެފައެވެ. ކޮންމެވެސް ދުވަހަކުން އޭނަގެ އާއިލާއިން އޭނައާއި ބާސިލް ބަލައިގަންނާނެއެވެ. ދަރިންނަށްޓަކާ ހިތް މަޑުނުވާނީ ހިލައަށްވުރެ ހިތް ގަދަމީހުނެވެ. އޭނަގެ މައިންބަފައިން ހަރުކަށިކަން ދެއްކިޔަސް ހިތް އުއްކޮޅެއްހާ މަޑުވާނެއެވެ. އޭނަގެ ދުޢާއަކީ އެފަދަ ދުވަހެއް ދެއްކެވުމެވެ.
"ﷲ ގަންދީ ހުވާކޮށްފައި މިބުނަނީ. ނާންނާނަން...."ޒާދާ ދުއްވައިގަތީ ވެހެމުން ދިޔަ ސްނޯތަކުގެ ތެރެއަށެވެ. ކާއިނާތު ސޯފާއަށް ތިރިވިއިރު ރާހާ ރޮމުންއައިސް ކާއިނާތުގެ ގައިގާ ހިފައިގަތެވެ.
***
ބާސިލްއަށް "ސަޕްރައިޒް"އެއް ދިނުމަށް ނިންމައިގެން އޭނަ އެގެއަށް ދިޔައީ އަންގާލުމެއްނެތިއެވެ. ސިކުއިރިޓީއަށް ޒާދާ އެނގޭކަމުން އޭނަ ގެއަށް ވެއްދިއެވެ. ލައިގެން ހުރި ކަޅުކުލައިގެ ކެހެރި ކޯޓު ބޭލިނަމަވެސް ގޭތެރޭގައި ވި ހީފިލާފަދަ ހޫނުކަމުން ހަށިގަނޑަށް އަރާމެއް ލިބުނެވެ. ގޭތެރޭގައި ބަޔަކު ނެތްކަމަށް ހީކުރެވުނަސް ކޮންމެވެސް ދިމާލަކުން ބާސިލްގެ އަޑު އިވުނުހެން ހީވެގެން އެދިމާލަށް ހިނގައިގަނެވުނެވެ. ޒާދާ ދޮރާއި ހަމަޔަށް ދެވުނުއިރު ބާސިލްއާއި ދެނީޒް ކޮންމެވެސް ވާހަކައެއް ދައްކަނީއެވެ. އޭނަ ބާސިލްއަށް ގޮވަން އަނގަ ހުޅުވައިލިވަގުތުން ދަނީޒް ބުނި ޖުމްލައިވިފައި ސިހި އަނގަ ހުޅުވުނުގޮތަށް ހުރެވުނީއެވެ. ބާސިލްގެ ޖަވާބުން މުޅި ހަށިގަނޑާއެކު ފުރާނަވެސް ގަނޑުވިހެން ހީވިއެވެ. ޒާދާ ވަގުތުން ފަހަތަށް ޖެހުނުގޮތަށް މަޑުމަޑުން ހިގަމުންގޮސް ސިޓިންރޫމްގައި އަޅުވާފައި އޮތް ކޯޓުނެގިއެވެ.
ޒާދާއަށް އިވުނު އަޑުތަކަށްފަހު ބާސިލްއާއި ދަނީޒްއާއިމެދު ދެކުނު ނަޒަރު ބަދަލުވެ އޮތްހާ އިހުތިރާމެއް ނެތިގެން ދިޔައެވެ.
އޭނަ ވަނީ މަންމަގެ ގާތަށް ނުދާން ހުވާކޮށްފައެވެ. އެހެންނޫނަސް ބާސިލް އޭނަ ހާސިލްކުރަން މަސައްކަތްކުރާނެއެވެ. އޭނަ ކޮންމެތާކު ހުއްޓަސް ހޯދާނެކަމަށް ބާސިލްވަނީ ބުނެފަނޫންހެއްޔެވެ؟
ވީމަ އަލުން އެނބުރި އާއިލީ މީހުންގާތަށްވެސް ދެވޭކަށްނެތެވެ. ޒާދާ އޭނަގެ ދަބަހުގައިވި ޕާސްޕޯޓަށް ބަލާލުމަށްފަހު ނިންމީ ދުވަސްގަނޑަކަށް ނަމަވެސް ގައުމުން ބޭރަށް ދަތުރުކުރުމަށެވެ. އެއާޕޯޓުގެ ލައުންޖްގައި ހޫނު ކޮފީއެއް ބޯންއިން ޒާދާގެ ލޮލުން ފައިބަމުން ދިޔަ ކަރުނަތައް އޭނަ އިރުއިރުކޮޅާ ފޮހެލައެވެ. ދުނިޔެއަކީ އަނިޔާވެރިތަނެކެވެ. އެއީ އަބަދުވެސް ޒާދާ އަޑުއަހާ އުޅޭ ވާހަކައެކެވެ. ނަމަވެސް ހަގީގަތަކީ އެއީއެއްވެސް ނޫނެވެ. ދުނިޔޭގެ މައްސަލައެއް އޮތީއެއްނޫނެވެ. ދުނިޔޭގެ އަހުލުވެރިންގެ ހުވަފެންތަކެވެ. ބައެއްމީހުންގެ ހުވަފެންތައް ކުލަތަކުން ފުރިފައިވާއިރު އަނެއްބަޔަަކަށް ކަޅާއި ހުދުންވެސް ފެންނަނީއެވެ. ހޭލެވޭއިރު އެހުރިހާ އެއްޗެއް ގެއްލި ހަގީގަތަށް ލޯ ހުޅުވެނީއެވެ. ދުނިޔެ އަނިޔާވެރީއެއް ނޫނެވެ. ދުނިޔެއަކީ ހުވަފެނެކެވެ. ކުރު ދުވަސްކޮޅެއްގެ މަންޒިލެކެވެ. ހުރިހާ ކަމެއް ބޭނުންގޮތަކަށް ނުރޭވި ހިނގައިދާނެއެވެ. އޭނަގެ އުއްމީދަކީ ކޮންމެވެސް ދުވަހަކުން މަންމައާއި ބައްޕަ އޭނަ ހުރިތަނަކުން ހޯދުމެވެ. އެންމެން އެކީގައި ހަޔާތުގެ ބާކީ ބައި އެކީގައި ވޭތުކުރުމެވެ.
ހާސްތަރިތަކުގެ އަލިން އުޑުމަތި ވިދާ ބަބުޅަމުން ދިޔައިރު އޭނަގެ ލޮލަށް ސިފަވަމުން ދިޔައީ އޭނައާއި ބާސިލްގެ ހަނދާންތަކެވެ. އެހުވަފެންތަކުގައި ކުލަ ނުޖެހި އަބަދަށްޓަކާ ވަކިވެގެން ދާން ޖެހުނީއެވެ.
ނިމުނީ
(ފަލަކީ ލޯބި އަދި ހާސްތަރިތަކުގެ އަލީގައި އަކީވެސް ސިލްސިލާ ވާހަކައަށްވާތީ މިއިންވެސް އަދި ބައެއް ސުވާލުތަކުގެ ޖަވާބު ނުލިބި ހިނގައިދާނެ. ސިލްސިލާ ތިންވަނަ ވާހަކަވެސް ވަރަށް އަވަހަށް ކިޔުންތެރިންނަށް ގެނެސްދޭނަން އިންޝާﷲ)