ދާވިއަން ބޭއްވުމުގެ ކުރިން އޭނާއަށް ޖެހުނީ އެނދުގެ ބެޑްޝީޓު ރަނގަޅުކޮށްލާށެވެ. ދާވިއަން އެނދުގައި ބާއްވާފައި ޒައިލް އެނބުރުނުއިރު، ނިޔަމް ހުރީ އޭނާއާއި ދާދި ގާތުގައެވެ. އެކަކު އަނެކެއްގެ ގައިގައި ޖެހޭނުޖެހޭ ހިސާބުގައެވެ. ޒައިލްއަށް ވިސްނައިލާނޭ ފުރުސަތެއްވެސް ނުލިބުނެވެ. ނިޔަމް އޭނާގެ ގައިގައި ބައްދައިލިއެވެ.

********

ދެމީހުންގެ ހިތުގެ ތެޅުމުގެ އަޑު އެކަކު އަނެކަކަށް އިވެމުން ދިޔައެވެ. ޒައިލްގެ ތުންފަތުގައިވި ހިނިތުންވުން ފުންވިއިރު، އޭނާއަށް ދެލޯ މަރާލެވިއްޖެއެވެ. ނިޔަމްގެ ފަރާތުން އެފަދަ ގާތްކަމަކަށް އޭނާ ކުޑަކޮށްވެސް އުއްމީދެއް ނުކުރެއެވެ. ނިޔަމްގެ ރުހުން ލިބުނުކަމުގެ ފޮނި އިހުސާސް އޭނާއަށް ކުރެވުނެވެ. ޒައިލް މަޑުމަޑުން އަތް އުފުލައިލިއެވެ. އޭނާގެ ބާރުގަދަ ދެއަތް ނިޔަމްގެ އުނަގަނޑުގައި ވަށައިލިއެވެ.

"އައި ލަވް ޔޫ..." ޒައިލް ބުނެލީ ވައި އަޑުންނެވެ.

ގިނައިރެއްނުވެ އިވުނީ ނިޔަމްގެ މަޑު ގިސްލުމުގެ އަޑެވެ. ޒައިލްގެ ތުންފަތުގައިވި ހިނިތުންވުން ފަނޑުވިއެވެ. އޭނާ ހާސްވެފައި ނިޔަމް ދުރުކޮށްލަން އުޅުނެވެ. ނިޔަމް ކުރިއަށްވުރެ ބޮޑަށް ޒައިލްގެ މޭގައި ބޮނޑިވެލިއެވެ. އެ ކަރުނަތައް ޒައިލްއަށް ފެންނާކަށް އޭނާ ބޭނުމެއް ނުވިއެވެ. ނިޔަމް ބޭނުންވީ އޭނާގެ ވާހަކަތައް އަޑު އަހާލާނެ ބައިވެރިއެއްގެ މޭގެ ހިމާޔަތެވެ. ހިތް ފުރެންދެން އެގޮތުގައި ހުރެ ރޯލުމެވެ. ޒައިލްއަށް އެކަން ވިސްނުނެވެ.

"ބައްޕައަކީ ކާކުކަން އެނގުނީމަ އަހަރެންގެ ހިތަށް މިހާ ތަދު މިވަނީ ކީއްވެތަ؟..." ނިޔަމް ވާހަކަދެއްކީ ގިސްލަމުންނެވެ. "އަހަރެން ބޭނުމޭ އޭނައަށް ނަފުރަތުކުރަން... އޭނަދެކެ ރުޅި އަންނަން... އެކަމަކު، އެކަން ކުރަން އުނދަގޫވަނީ ކީއްވެތަ؟..."

ރޭގެ ހާދިސާ ޒައިލްއަށް ކިޔައިދިނީ އަރުޝާއެވެ. ނިޔަމްގެ އެކަނިވެރިކަމުން އަރައިގަތުމަށް އެކުވެރިއަކަށްވުރެ ބޮޑަށް ބޭނުންވާނީ ހަޔާތުގެ ބައިވެރިއެއްކަން އަރުޝާއަށް ވިސްނުނީއެވެ. ނިޔަމްގެ ކުރިމަތީގައި ޒައިލް އެކަން އެނގޭކަމަށް ނުހެދީ އަރުޝާ އެކަން ސިއްރުކުރުމަށް އެދިފައި އޮތުމުންނެވެ. ފޮށްޓާއިއެކީ ނިޔަމް ފެނުނު ހިސާބުން ވީގޮތް ޒައިލްއަށް އެނގުނެވެ. އެއީ އަރުޝާ ބިރުން އުޅުނު ކަންތަކެވެ. ޔާމީނުގެ ގޭގައި ނިޔަމް ނުހުންނާނެ ވާހަކަވެސް އަރުޝާ އޮތީ ޒައިލްގެ ކައިރީގައި ބުނެފައެވެ.

"މަންމައަށް އަނިޔާވެރިވި މީހަކަށް ދުވަހަކުވެސް ހިތްހެޔޮކުރާކަށް ބޭނުމެއް ނޫން..." ނިޔަމްގެ ހިތް ހަމައަކަށް ނޭޅުނެވެ. އޭނާ ދެރަވަނީއެވެ. ހުރިހާ މީހުންގެ ތެރެއިންވެސް ޔާމީން އޭނާގެ ބައްޕައަށް ވީ ކީއްވެ ހެއްޔެވެ؟ އޭނާގެ ބައްޕައަކީ ކޮންމެވެސް ނުދަންނަ އެހެން މީހެކޭ ބުނި ނަމަވެސް ނިޔަމްގެ ހިތަށް އެހާ އުނދަގުލެއް ނުވީހެވެ.

"އިރާދަކުރެއްވިއްޔާ އަދި ހުރިހާ ކަމެއްވެސް ރަނގަޅުވާނެ..." ނިޔަމްގެ ބުރަކަށީގައި މަޑުމަޑުން ޖަހައިލަމުން ޒައިލް ވާހަކަ ދެއްކިއެވެ. "ޏަމްއަކީ ވަރަށް ހިތްވަރުގަދަ ކުއްޖެއްނު..."

ޒައިލްގެ ފޯނު ރިންގްވާން ފެށިއެވެ. އެފަދަ މުހިއްމު ވަގުތެއްގައި ފޯނެއް އައުމުން ޒައިލްގެ މޫޑު ހަރާބުވިއެވެ. އޭނާ އަވަސްއަވަހަށް ޖީބުގެ މަތިން ފޯނުގައި އަތް ޖެއްސުމަށްފަހު، ރިންގު ކަނޑާލިއެވެ. ނިޔަމް ދުރަށްޖެހުނެވެ. ކަރުނަ ފޮހެލިއެވެ. ދެލޮލުގައިވި ކަރުނަތައް ފޮރުވުމަށް ނިޔަމް ހުރީ އިސްޖަހާލައިގެންނެވެ.

"ވަން މިނެޓް..." ފޯނު ނެގުމުގެ ކުރިން ޒައިލް ބުންޏެވެ. އޭނާ ފޯނު ނަގައި ކަންފަތުގައި ޖައްސައިލީ އެހާ ހެނދުނާ ޝަރަފް ގުޅުމުން ކުޑަކޮށް ހިތްހަމަނުޖެހިފައި ހުރެއެވެ.

"ބޭޑް ނިއުސް..." ޝަރަފްގެ އަޑުގައިވީ ނުތަނަވަސްކަމެވެ. "ސޮބާހުގެ ފޯނު ރިކަވާކުރެވިއްޖެ... ވަރަށް ސަކަރާތް... މިކޮޅަށް ޖައްސާލަބަލަ..."

ނިޔަމްއަށް ބަލައިލަމުން ޒައިލް ކޮޓަރިން ނުކުތެވެ. ވާހަކައިގެ ބާވަތުން ނިޔަމްގެ ކުރިމަތީގައި އެވާހަކަ ދައްކަން އޭނާއަށް ފަސޭހަ ނުވީއެވެ.

"އަޑީގަ ހުރި މީހެއް އެނގިއްޖެތަ؟..." ކެތްތެރިކަން ކުޑަ ރާގަކަށް ޒައިލް ސުވާލުކުރިއެވެ.

"އާދެބަލަ އަވަހަށް..." ޝަރަފް ފޯނު ކަނޑައިލިއެވެ.

ޒައިލް ދިޔުމުން ނިޔަމް ފެށީ ގޭތެރެ ސާފުކުރާށެވެ. ބައެއް ތަންތަނުގައި ތަރުތީބެއް ނެތް ނަމަވެސް ހިރަފުސް ފޮޅައި ސާފުކޮށްފައި ހުރިކަން ނިޔަމްއަށް ފާހަގަވިއެވެ. ބަދިގެތެރެ ސާފުކޮށްފައި ޒައިލް އަންނަންވާއިރަށް އެއްޗެއް ކެއްކޭތޯ ނިޔަމް މަސައްކަތްކުރިއެވެ. ކައްކަން ބޭނުންވާނޭ އެއްވެސް އެއްޗެއް ނެތުމުން އޭނާ ފުރަތަމަ ދިޔައީ ބާޒާރުކުރާށެވެ.

ޝަރަފް ހުރީ ޒައިލް ނުގޮސްގެންނެވެ. ވޭދަނައިގެ ފައިލު ދިއްކޮށްލިއެވެ.

"ތީ ދެމީހުން ކޮށްފަ ހުރި މެސެޖުތައް..." ޝަރަފް އިތުރު ތަފްސީލު ދިނެވެ. "ސޮބާހުގެ ފޯނަށް މެސެޖުތައް ފޮނުވާފަ ހުރި ނަންބަރު ބަލާބަލަ...."

"އާޔަތު..." ޒައިލްގެ ދެއަތް މުށްކެވުނެވެ.

"މި ލިބޭއިރަށް އަވަހަށް ކަލެއަށް މި ގުޅީ... މަށަކަށް ނޭނގެ މިވާހަކަ ފަޅައިގެންދާނެ ގޮތެއްވެސް... ސަރއާ ކުރިމަތިލާނެ ގޮތެއްވެސް ނޭނގެ..." ޝަރަފް ހުރީ ބޯގޮވާވަރުވެފައެވެ.

"ސަރގެ ކަންތައް އަހަރެން ހޭންޑްލް ކުރާނަން..." ޒައިލް ދޫކޮށްލީ ފުން ނޭވާއެކެވެ. "އިހަށް މިކަން ސިއްރެއްގެ ގޮތުގަ ބާއްވާ...."

********

ޔާމީން ގެއިން ބޭރަށް ނުކުތްއިރު ޒައިލްގެ ކާރު އޮތުމުން ހައިރާންވިއެވެ. ޒައިލް ކާރުން ފައިބައިގެން ޔާމީނުގެ ކައިރިއަށް ދިޔައެވެ. ޒައިލް ޔާމީނަށް އިތުބާރުކުރެއެވެ. އަމިއްލަ ދަރިއެއް ނަމަވެސް، ކުށްވެރިވެއްޖެނަމަ، އިންސާފުގެ މަގަށް ހާޒިރުކުރާނެކަން އެނގެއެވެ. އެކަމަކު އެވާހަކަ ދައްކާނެގޮތެއް ނޭނގިގެން ޒައިލް ހުރީ ނުތަނަވަސްވެފައެވެ. ހުރިހާ ކަމެއް އެއްފަހަރާ ދިމާވުމުން ޔާމީނަށް ވެދާނެ ގޮތަކާއިމެދު އޭނާއަށް ވިސްނުނެވެ. އެއްކޮޅުން ނުޒުހަތު ގެއިން ނުކުމެގެން ދިޔުމެވެ. އަނެއްކޮޅުން ނިޔަމްއެވެ. އާޔަތުގެ ބޮޑު މައްސަލައެއް އޮތްކަން އެނގުމުން ޔާމީންގެ ހިތް ކުދިކުދިވާނެއެވެ. ޒައިލް ފަސްޖެހުނެވެ. ވާހަކަ ފަށާނެގޮތެއް ނޭނގިގެން އުޅެނިކޮށް، ގޭތެރެއަށް ވަނުމަށް ޔާމީން އެދުނެވެ.

"ސަރ އަޅުގަނޑު ވާހަކައެއް ދައްކާލަން..." ޒައިލްގެ ޖުމުލަ ފުރިހަމަކުރުމުގެ ކުރިން ޔާމީން އަތުގެ އިޝާރާތުން އެވާހަކަ ހުއްޓުވިއެވެ.

"އަހަރެންގެ ދަރިއަކަށްވިޔަސް ކުށެއް ކޮށްފިއްޔާ، ހައްގު އަދަބު ލިބެންވާނެ..." ޒައިލް ދައްކަން އުޅުނު ވާހަކަ އެނގިގެން ޖަވާބު ދޭ ފަދައިން ޔާމީން ވާހަކަ ދެއްކިއެވެ.

"ސަރ...." ޒައިލް އިސްޖަހައިލިއެވެ.

ޔާމީންގެ މޫނުން ފެނުނު ރިހުމާއި ވޭން ޒައިލްގެ ހިތަށް އުނދަގޫކުރިއެވެ. އާއިލާއެއް ބީވެދިޔުމަކީ ކިހާ ވޭނީ ކަމެއްކަން އޭނާއަށްވެސް އިހުސާސްކުރެވެއެވެ.

********

ގޭގެ ދޮރު ހުޅުވުނު ވަގުތު ދުވި މީރު ވަހުން ޒައިލްގެ ކުޅު ދިޔާވިއެވެ. މަޑުމަޑުން ކުރިއަށް ފިޔަވަޅު އަޅަމުންދިޔައިރު، އޭނާގެ ނަޒަރު އަމާޒުވެފައިވަނީ ބަދިގެތެރޭގައި ހަރަކާތްތެރިވަމުންދިޔަ އަންހެންކުއްޖާއަށެވެ. ކިހާ އުފާވެރި މަންޒަރެއް ހެއްޔެވެ؟ މަސައްކަތް ނިންމާލާފައި ގެއަށް އަންނައިރު ގޭގައި އޭނާއަށް އިންތިޒާރުކުރާނެ ބަޔަކު މިއަދު އެބަ ތިއްބެވެ. އޭގެ ކުރިން ޒައިލް އުޅުނީ އެކަނިއެވެ. ގެއަށް އަންނަންޖެހޭ އެއްވެސް ސަބަބެއް ނެތެވެ. އެކަމަކު މިއަދު އޭނާ އެންމެ ލޯބިވާ ދެމީހުން އެތިބީ އޭނާއާއި އެއްފުރާޅެއްގެ ދަށުގައެވެ. ޒައިލްއަށް ހިނިތުންވެލެވުނެވެ. ނިޔަމްގެ ފުރަގަހުން ގޮސް އެ އަންހެންކުއްޖާގެ ގައިގައި ބައްދައިލިއެވެ. ނިޔަމް ދިޔައީ ސިއްސައިގެންނެވެ. ޒައިލް ފޮޅުވާލަން އުޅެފައި ކާކުކަން އެނގުމުން ހިމޭންވިއެވެ.

ނިޔަމް ހުރީ މަސް ހަނާކުރާށެވެ. މުޅި ގޭތެރޭގައި ހިފާލާފައި ހުރީ އޭގެ މީރުވަހެވެ.

"ގައިގަ ވަސް ހިފާފާނެ..." ނިޔަމް މަޑުމަޑުން ބުންޏެވެ.

"މި ކުއްޖާވެސް ކާލާހިތްވެއްޖެ..." ނިޔަމްގެ ކޮނޑުގައި ދަތްދޮޅި ވިއްދާލަމުން ޒައިލް ބުނެލިއެވެ. ނިޔަމްގެ މޫނު ލަދުން ރަތްވިއެވެ. މުޅި ހަށިގަނޑުގައިވާ ހުރިހާ ލެޔެއް އޭނާގެ މޫނަށް ޖަމާވި ކަހަލައެވެ.

"މަންމިއެއް ނުކާލާނެއޭ ޑެޑީ..." ދާވިއަންގެ އަޑު އިވުމުން ޒައިލް އަވަހަށް ނިޔަމް ދުރުކޮށްލިއެވެ.

ޒައިލްއަށާއި ނިޔަމްއަށް އެކަކު އަނެކެއްގެ މޫނަށް ބަލައިލެވުނެވެ. ނިޔަމްއަށް ހެވެން ފެށުމުން އަވަހަށް ކުރަންހުރި މަސައްކަތައިގެން މަސްއޫލުވިއެވެ. ދާވިއަން ހުރިކަން ޒައިލްއަށް ނޭނގުނީއެވެ. އެނގުނުނަމަ، އޭނާ ނިޔަމްއާއި އެފަދަ ސަމާސާއެއް ނުކުރީހެވެ.

"އަހަނ... ޑެޑީގެ ޕޮލިސްވެސް އެބަހުރިތަ؟... އާދެބަލަ އުރާލާނަން..." ޒައިލް ދާވިއަން އުރާލިއެވެ. ކޮލުގައާއި ނިތްކުރީގައި ބޮސްދިނެވެ. "ވަރަށް މިސްވޭ..."

"ދާންވެސް ކާލާނަންތަ ޑެޑީ؟..." ދާވިއަން މައުސޫމުގޮތަކަށް އަހައިލިއެވެ.

ޒައިލް ރީއްޗަށް ރަކިވިއެވެ. އޭނާ ވާހަކަ އޮޅުވާލަން އުޅުމުންވެސް ދާވިއަން ދެއްކީ އެވާހަކައެވެ. ނިޔަމްގެ ހިނިގަނޑު ފަޅައިގެން ދިޔައެވެ. ޒައިލްމެން ބަލައިލުމުން ކެއްސައިލާކަމަށް ހެދުނެވެ. ޒައިލްއަށް ދޫކޮށްލެވުނީ ހަމަޖެހުމުގެ ނޭވާއެކެވެ. ހެނދުނު ނިޔަމް ރުއިމުން އޭނާ ހުރީ ހާސްވެފައެވެ. އެކަމަކު، މިހާރު ނިޔަމްގެ މޫނުން ހިތާމައިގެ އަސަރެއް ފެންނާކަށް ނެތެވެ.

ތިން މީހުން ހެނދުނުގެ ސަޔަށް އިންސާފުކުރަމުން ދިޔައިރު، މެންދުރުވާން ކައިރިވެއްޖެއެވެ. ރޮއްޓާއި ކުޅިމަހުގެ އިތުރުން ނިޔަމް ހުރީ ރިހާކުރުވެސް މީރުކޮށްފައެވެ. ޒައިލްއަށް އެންމެ ކަމުދާ ކެއުމެވެ. ކެވުނީ ކިތައް ރޮށި ކަމެއްވެސް ޒައިލްއަކަށް ނޭނގުނެވެ. ކައި ނިމެންދެންވެސް އޭނާ ނިޔަމްއަށް ތައުރީފުކުރިއެވެ. ކައި ނިންމިގޮތަށް ދާވިއަން ދިޔައީ ކޮޓަރީގައި ހުރި މަސްޓޭންކު ކައިރިއަށެވެ. ޒައިލްގެ ގެ ދާވިއަންއަށް ވަރަށް ކަމުދިޔައެވެ.

ޒައިލް ކޭ ތަށި ހިފައިގެން ނިޔަމް ސިންކާއި ދިމާއަށް ހިނގައިގަތެވެ. ޒައިލް ނިޔަމްގެ އަތުގައި ހިފެހެއްޓިއެވެ. ނިޔަމްގެ ހިތުގެ ހިނގުން މަޑުޖެހިލިއެވެ. ޒައިލްގެ އެފަދަ ކުދިކުދި ގޯނާތަކުން އޭނާގެ ހިތަށް ބުނެދޭން ނޭނގޭ އެތައް ގޮތެއް ވެއެވެ. ވަކީން ހާއްސަކޮށް އެ ގޭގައެވެ. ކައިވެންޏަށްފަހު މުޅި ހަޔާތުގައިވެސް ނިޔަމް ހޭދަކުރި އެންމެ އުފާވެރި ދުވަސްތައް ހޭދަކުރީ އެ ގޭގައެވެ. އޭނާގެ އުފާވެރި ކޮންމެ ހަނދާނެއް ގުޅިފައިވަނީ އެގެއާއެވެ.

"ހުރިހާ އެއްޗެއްވެސް ވަރަށް މީރު... ތޭންކް ޔޫ..." ޒައިލް މަޑުމަޑުން ބުނެލިއެވެ.

"ކިތައް ފަހަރުތަ ތިވާހަކަ ބުނާނީ..." ނިޔަމް މަޑުމަޑުން ހީލި އަޑު ޒައިލްއަށް އިވުނެވެ.

"ޏަމް ނުބުނާށޭ ބުނަންދެން..." ޒައިލް ސަމާސާކޮށްލިއެވެ. "އެހާވެސް ލޯބިވޭ..."

ނިޔަމް އެގެއިން ދިޔަފަހުން ޒައިލްއަށް މީރުކޮށް ކެވުނު އެއީ ފުރަތަމަ ފަހަރެވެ. އެއީ ހުވަފެނެއްހެންވެސް ޒައިލްއަށް ހީވިއެވެ. އެހެންވެއްޖެނަމަ ދުވަހަކުވެސް އެ ހުވަފެނުން ހޭލާކަށް އެނާ ބޭނުމެއް ނުވެއެވެ. ނިޔަމް ފަސްއެނބުރި ޒައިލްއަށް ބަލައިލިއެވެ. ޒައިލްގެ ދެލޮލުން ފެނުނީ ތެދުވެރިކަމެވެ.

"އަދި ކިތައް ޕޮއިންޓް ހަމަކޮށްގެންތަ މެރީކުރެވޭނީ؟... އަހަރެން ބޭނުން ޏަމް އަހަރެންގެ މީހަކަށް ހަދަން..." ޒައިލްގެ ދެލޮލުން ބުނެދިނީ އޭނާ ކެތްތެރިކަން ކުޑަވެފައިވާ މިންވަރެވެ.

ނިޔަމްއާއި ކައިވެނިކޮށްގެން އުފާވެރި ދިރިއުޅުމެއް އުޅެން ޒައިލް ބޭނުންވެއެވެ. އެކަން ކުރެވޭނީ ދެމީހުންގެ މެދުގައިވި ބޯ ފާރުން މިންޖުވެގެންނެވެ. ނިޔަމް ޖަވާބެއް ނުދެއެވެ. އެކަމަކު ހިނިތުންވެލިއެވެ. އޭގެ މާނަ ނަގާނެގޮތެއް ޒައިލްއަކަށް ނޭނގުނެވެ.

********

"އަދިވެސް ޒައިލް ކައިރީ ނުބުނަންތަ؟..." އަރުޝާއާއި ނިޔަމް ތިބީ ރެސްޓޯރެންޓެއްގައެވެ.

ދެމީހުންގެ ކުރިމަތީގައި އާވި އަރައަރާ ހުރި ދެ ކޮފީތަށި ހުއްޓެވެ.

"އަހަންނަކަށް ނޭނގެ ބުނާނެ ގޮތެއް..." ނިޔަމް އިސްޖަހައިލިއެވެ.

"ޏަމް!... ބުނަންތަ ވަރަށް ރަނގަޅު ވާހަކައެއް..." އަރުޝާ މަސައްކަތްކުރީ ނިޔަމްއަށް ވިސްނައިދޭށެވެ. "ލޯބިވަންޏާ ފުރުސަދު ދޭންވާނެ... އެހާ ހިތްހަރު ކުރާ އެއްޗެއް ނޫން..."

"އަރޫއަށް ހީވޭތަ މާމަ ގަބޫލުވާނެހެން؟..." ނިޔަމް ހަށިފުރާ ނޭވާއެއް ދޫކޮށްލިއެވެ. ކޮފީފޮދެއް ބޯލިއެވެ. "ޒެލް ކަންތައްކުރިގޮތުން މާމަ ހުރީ ވަރަށް ހިތްހަމަނުޖެހިފަ..."

"ޔަމް ދާއިރު ޒައިލް ގެންދަންވީނު..." އަރުޝާ ހިޔާލުދިނެވެ. "އޭރުން މާމަގެ ރުހުންވެސް ލިބިދާނެއެއްނު..."

ނިޔަމް ވަގުތުން ދެކޮޅުހެދިއެވެ.

"ތިހެން އުޅެނިކޮށް ޒައިލް ގެއްލިއްޖެއްޔާ؟..." އަރުޝާ މަސައްކަތްކުރީ ނިޔަމް ބިރުގަންނުވައިލާށެވެ.

"އަރޫގަނޑާ... ތިވާހަކަ ދައްކަންތަ އެވަރަކުން ތި ގެނުވީ މިތަނަށް..." ނިޔަމް ބޯ ހޫރައިލިއެވެ.

"ނޫނޭ... އިތުރު މީހަކުވެސް އެބަ އާދޭ... ހާދަ ލަސްވެއްޖެއޭ..." އަރުޝާ ވާހަކަދެއްކީ ދޮރާއި ދިމާއަށް ބަލަން އިނދެއެވެ. "ހަމަ ބުނާއިރަށް އެއައީ..." އަރުޝާ ކޮޅަށް ތެދުވިއެވެ. އެމީހަކަށް އަތުން ހަނާ އަޅައިލިއެވެ.

(ނުނިމޭ)