އެން.ބީ.އޭ. ބާސްކެޓް ބޯޅަ މުބާރާތުގައި މިލްވައުކީ ބަކްސް އާއި ފިލަޑެލްފިއާ ސެވަންޓީ ސިކްސާސް ބައްދަލު ކުރި މެޗް އެއް ޕޮއިންޓްގެ ތަފާތުން ބަކްސް ކާމިޔާބުކޮށްފިއެވެ.

ދެ ޓީމްގެ ފަރާތުން ވާދަވެރި އަދި އެހާމެ ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗް ބަކްސް ކާމިޔާބުކުރީ 118 ޕޮއިންޓް 117 ޕޮއިންޓުންނެވެ.

މި މެޗްގައި ބަކްސްގެ ތަރިއަކަށް ވެގެންދިޔައީ މި ސީޒަންގައި އެ ޓީމަށް އަލަށް ގުޅި ބަކްސްގެ ޖާޒީގައި އަލަށް ކުޅުނު ޑާމިއަން ލިލާޑްއެވެ. އޭނާ ވަނީ މި މެޗްގައި 39 ޕޮއިންޓް ހޯދާދީ 8 ރީބައުންޑް ނަގާދީ ހަތަރު އެސިސްޓް ކޮށްފައެވެ. އަދި މިއާއެކު އޭނާ މި ވަނީ ބަކްސްގެ ތާރީހްގައި އެ ޓީމަށް ކުޅުނު ފުރަތަމަ މެޗްގައި އެންމެ ގިނަ ޕޮއިންޓް ހޯދާދިން ކުޅުންތެރިޔާއަށް ވެގެން ގޮސްފައެވެ.

މީގެ ކުރިން ފުރަތަމަ މެޗްގައި އެންމެ ގިނަ ޕޮއިންޓް އެ ޓީމަށް ހޯދާދީފައިވަނީ 1984 ވަނަ ސީޒަންގައި 34 ޕޮއިންޓް ހޯދާދީގެން ޓެރީ ކަމިންގްސްއެވެ. މީގެ އިތުރުން މި މެޗްގައި ބަކްސްގެ ޖިއާނިސް އެންޓެޓޮކޮއުމްޕޯވަނީ 23 ޕޮއިންޓް ހޯދާދީ 13 ރީބައުންޑް ނަގާދީ ތިން އެސިސްޓް ކޮށްފައެވެ.

މިއާއެކު ބަކްސްއަށް އެންމެ ގިނަ ބާސްކެޓް އެޅުމުގެ ރިކޯޑް މި ވަނީ އެންޓެޓޮކޮއުމްޕޯ މުގުރާލާފައެވެ. އޭނާ މިހާތަނަށް ވަނީ 5،905 ބާސްކެޓް ބަކްސްއަށް އަޅާދީފައެވެ. މި ލަގަބު މިހާތަނަށް އޮތީ 1969 ވަނަ އަހަރާއި 75 ވަނަ އަހަރާއި ދެމެދު 5،902 ބާސްކެޓް ބަކްސްއަށް ކާމިޔާބު ކޮށްދީފައިވާ ކަރީމް އަބްދުލް ޖައްބާރެވެ.

މި މެޗްގައި ސިކްސާސްއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 31 ޕޮއިންޓް ހޯދާދީ ހަތަރު ރީބައުންޑް ނަގާދީ އަށް އެސިސްޓް ދިން ޓައިރީސް މެކްސީއެވެ. އަދި ކެލީ އޮބްރޭ ޖޫނިއާ 27 ޕޮއިންޓް ހޯދާދިން އިރު ޖޮއެލް އެމްބިޑްވަނީ 24 ޕޮއިންޓް ހޯދާދީފައެވެ.

މި މުބާރާތުގައި ލޮސް އެންޖަލިސް ލޭކާސް އާއި ފީނިކްސް ސަންސް ބައްދަލުކުރިމެޗް 100 ޕޮއިންޓް 95 ޕޮއިންޓުން ކާމިޔާބުކުރީ ލޭކާސްއެވެ. މި މެޗްގައި ލޭކާސްއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 30 ޕޮއިންޓް ހޯދާދީ 12 ރީބައުންޑް ނަގާދީ ދެ އެސިސްޓް ދިން އެންތަނީ ޑޭވިސްއެވެ. އަދި ސަންސްއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 39 ޕޮއިންޓް ހޯދާދީ 11 ރީބައުންޑް ނަގާދީ ދެ އެސިސްޓް ދިން ކެވިން ޑުރާންޓްއެވެ.