27 Oct 2023, 14:59
ޓޫރިޒަމް މިނިސްޓްރީން މި މަހުގެ ނިޔަލަށް ކަނޑައަޅައިފައިވާ ފަތުރުވެރިންގެ އަދަދު ހަމަވާން ބާކީ އަންނަން އޮތީ 13،000 ފަތުރުވެރިންކަން އެ މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
މިނިސްޓްރީގެ މި ހަފުތާގެ ތަފާސްހިސާބުތަކުގައިވާ ގޮތުން މި އަހަރުގެ މިހާތަނަށް 1،487،099 ފަތުރުވެރިންވަނީ ޒިޔާރާތްކޮށްފައެވެ.
އެ މިނިސްޓްރީން އަންދާޒާ ކުރަނީ މި މަހުގެ ނިޔަލަށް 1.5 މިލިއަން ފަތުރުވެރިން ރާއްޖެ އަންނާނެ ކަމަށާއި މި އަހަރުގެ ނިޔަލަށް އެ އަދަދު 1.8 މިލިއަނަށް އަރާނެ ކަމަށެވެ.
މާކެޓުތަކަށް ބަލާއިރު، އެއްވަނައިގައި މި ހަފުތާ ވެސް އޮތީ ރަޝިއާއެވެ. އެގޮތުން މި މަހު މިހާތަނަށް އެ ގައުމުން 170،097 ފަތުރުވެރިންވަނީ ޒިޔާރާތްކޮށްފައެވެ. ދެވަނައަށް އެންމެ ގިނަ ފަތުރުވެރިން އައީ އިންޑިއާއިންނެވެ. އެއީ 161،627 ފަތުރުވެރިންނެވެ. ތިންވަނައިގައި ޗައިނާ އޮތްއިރު އެ ގައުމުން މިހާތަނަށް 161،488 ފަތުރުވެރިން އައިސްފައިވެއެވެ.
މި ހަފުތާގައި ޗައިނާ ތިންވަނައަށް ދިޔައީ، އިންޑިއާއިން އިތުރު 200 އެއްހައި ފަތުރުވެރިން އައުމުންނެވެ.
ރާއްޖެއަށް ބޭރުގެ 33 އެއާލައިނަކުން އަންނަނީ ދަތުރުކުރަމުންނެވެ.
ތަފާސްހިސާބުން ދައްކާ ގޮތުގައި ޓޫރިސްޓުންނަށް ޚިދުމަތް ދިނުމަށް ރަޖިސްޓްރީ ކޮށްފައިވާ 1،272 ތަނެއްގައި 62،680 އެނދު މިހާރު އެބަ ހިންގައެވެ. އޭގެ ތެރެއިން ބޮޑު ޕަސެންޓަކީ ރިސޯޓްތަކުގައި ރަޖިސްޓްރީ ކޮށްފައިވާ އެނދެވެ.