އާސަންދައިގެ ދަށުން ދޫކުރާ ބޭސް ސިޓީއަށް ބޭސް ނަގަން ނުދަނީސް ބިލް ކުރުން ހުއްޓުވުމަށް ޓަކައި، ބޭސް ނަގަންދާ މީހާގެ ފޯނަށް ޑިސްޕެންސިން ކޯޑެއް ދާގޮތަށް އާސަންދައިން ހަމަޖައްސައިފިއެވެ.

މިކަމާ ގުޅިގެން އާސަންދައިގެ މީޑިއާ އޮފިޝަލް އާޝިޔާ ސޯލިހް "ސަން"އަށް ވިދާޅުވީ، މި އުސޫލުން އަމަލު ކުރާނީ އަދި މާލޭގެ ބައެއް ފާމަސީތަކުގައި ކަމަށެވެ. ނަމަވެސް ކުރިއަށް އޮތް ތަނުގައި ހުރިހާ ފާމަސީއެއްގައި މި އުސޫލު ތަންފީޒުކުރަން ފަށާނެ ކަމަށް އާޝިޔާ ވިދާޅުވިއެވެ.

އެގޮތުން މިހާރު ބޭސް ސިޓީއަށް ބޭސް ނަގަންދާ މީހާގެ އައިޑީކާޑު ނަމްބަރާއި ފޯނު ނަމްބަރު ދިނުމަށް ފާމަސިސްޓު އެދޭނެއެވެ. މި މައުލޫމަތު އާސަންދަ ޕޯޓަލްގައި ޖެހުމުން ބޭސް ނަގަންދާ މީހާގެ ފޯނަށް އެ ޕޯޓަލްއިން ޑިސްޕެންސިން ކޯޑު ފޮނުވާނެއެވެ. ބޭހުގެ ޓްރާންސެކްޝަން ހެދޭނީ މި ކޯޑު ޕޯޓަލްގައި ޖެހުމުންނެވެ.

އާޝިޔާ ވިދާޅުވީ، ފުރަތަމަ މިކަން ޓްރަޔަލް އުސޫލުން ފެށީ މޭ މަހު ކަމަށެވެ. ނަމަވެސް ބައެއް ބޭސް ފިހާރަތަކުން ރަސްމީކޮށް މިިކަން ފަށާފައި ވަނީ މިމަހު ކަމަށް އާސިޔާ ވިދާޅުވިއެވެ.

އާސަންދައިގެ ދަށުން ބޭސް ނެގުމަށް ކުރިން ބޭނުންކުރަނީ ހަމައެކަނި ޑޮކްޓަރު ދޭ ބޭސް ސިޓީއެވެ.