27 Oct 2023, 14:37
އިންޑިއާގައި މިހާރު ކުރިއަށްދާ އައިސީސީ ކްރިކެޓް ވޯލްޑް ކަޕްގައި އެންމެ ފަހުގެ ޗެމްޕިއަން އިންގްލަންޑާއި ސްރީލަންކާ ބައްދަލުކުރި މެޗް ސްރީލަންކާ ކާމިޔާބު ކޮށްފިއެވެ.
ބެންގަލޯގައި ކުޅުނު މިމެޗުން އިންގްލަންޑް ބަލިވީ އަށް ވިކެޓުންނެވެ. މިނާކާމިޔާބީއާއެކު ތަށި ދިފާއު ކުރުމަށް ނުކުތް އިންގްލަންޑް މިފަހަރުގެ ވޯލްޑް ކަޕުން ކަޓާފާނެކަމުގެ ބިރު މިހާރުވަނީ ހީވެފައެވެ.
ގިނަ ބަޔަކު ގަބޫލް ކުރާ ގޮތުގައި އިންގްލަންޑަށް މިމުބާރާތުގައި ކުރިއަށް ދިއުމަށް ދެން އޮތީ ވަރަށް ހަނި ފުރުސަތެކެވެ. އެއީ އެޓީމް ބާކީ ކުޅެން ޖެހޭ ހުރިހާ މެޗަކުން މޮޅުވުމުގެ އިތުރުން އެހެން މެޗްތަކުގެ ނަތީޖާ އިންގްލަންޑްއަށް ފައިދާވާ ގޮތަށް ނިމުމެވެ. ނަމަވެސް މިވަގުތު އިންގްލަންޑްގެ ޓީމުން ދައްކަމުންދާ ކުޅުމަށް ބަލާއިރު ބާކީ ހުރި ހުރިހާ މެޗެއް ކާމިޔާބު ކުރެވިދާނެކަމަށް ދެކޭ މީހުން ވަރަށް މަދެވެ.
އެ ޓީމަށް ބާކީ ހުރި މެޗްތަކުގެ ތެރޭގައި، މިފަހަރުގެ މުބާރާތުން މިހާތަނަށް ބަލިނުވެ އޮތް އިންޑިއާއާ ދެކޮޅަށް އަންނަ އާދިއްތަ ދުވަހު ކުޅޭ މެޗްވެސް ހިމެނެއެެވެ.
ސްރީލަންކާއާ ދެކޮޅަށް ކުޅުނު މެޗްގައި ޓޮސް ދިމާވެގެން އިންގްލަންޑްއިން ނިންމީ އެންމެ ފުރަތަމަ ބެޓް ކުރާށެވެ. މިގޮތުން އެޓީމުން އެންމެ ފުރަތަަމަ ކުޅެން އަރާ 33 އޯވަރު ދެ ބޯޅައަށް ހުރިހާ ކުޅުންތެރިން ނުބައިވެގެން ހެދުނީ 156 ލަނޑެވެ. އިންގްލަންޑް ޓީމަށް އެންމެ ރަނގަޅަށް ކުޅުނީ 43 ލަނޑު ހަދާދިން ބެން ސްޓޯކްސްއެވެ. އަދި ޖޮނީ ބެއާސްޓޯވަނީ 30 ލަނޑު ހަދައިދީފައެވެ. މިއީނިންގްސްގައި ސްރީލަންކާ ޓީމުން އެންމެ ރަނގަޅަށް އުކާފައިވަނީ ހަތް އޯވަރު 35 ލަނޑަށް ތިން ވިކެޓް ނަގަދިން ލަހިރު ކުމާރާއެވެ. އަދި އެންޖެލޯ މެތިއުސް އާއި ކަސުން ރަޖީތާއިން ކުރެ ކޮންމެ ކުޅުންތެރިއެއް ވަނީ ދެ ވިކެޓް ނަގައިދީފައެވެ.
ޖަވާބުގައި ކުޅެން އަރާ ސްރީލަންކާއިން 25 އޯވަރު ހަތަރު ބޯޅައަށް ދެ ކުޅުންތެރިން ނުބައިވެގެން 160 ލަނޑު ހަދާ މެޗް ކާމިޔާބު ކުރިއެވެ. އެޓީމަށް އެންމެ ރަނގަޅަށް ކުޅެފައިވަނީ ނުބައިނުވެ 77 ލަނޑު ހަދާދިން ޕަތުމް ނިސާންކައެވެ. އަދި ސަދީރާ ސަމަރަވިކްރަމާ ވަނީ ނުބައިނުވެ 65 ލަނޑު ހަދާދީފައެވެ. އިންގްލަންޑް ޓީމަށް އެންމެ ރަނގަޅަށް އުކާފައިވަނީ ފަސް އޯވަރު 30 ލަނޑަށް ދެ ވިކެޓް ނަގަދިން ޑޭވިޑް ވިލޭއެވެ.
މިކާމީޔާބީއާއެކު ސްރީލަންކާއިން މިވަނީ ކުޅުނު ފަސް މެޗުން ލިބިފައިވާ ހަތަރު ޕޮއިންޓާއެކު ތާވަލްގެ ފަސް ވަނައަށް ކުރިއަށް ޖެހިލާފައެވެ. އަދި އިންގްލަންޑް އުޅެނީ ދެ ޕޮއިންޓާއެކު ނުވަ ވަނައިގައެވެ.