27 Oct 2023, 17:26
ޔުއޭފާ ޔޫރޮޕާ ލީގު ގްރޫޕު ބީގައި އިންގްލިޝް ޕްރިމިއާ ލީގުގެ ބްރައިޓަން އެންޑް ހޯވް އެލްބިއަން އާއި ޑަޗް އެރެޑިވިސީގެ އަޔެކްސް އެމްސްޓަޑަމް ބައްދަލުކުރި މެޗު ބްރައިޓަންއިން ކާމިޔާބު ކޮށްފިއެވެ.
ބްރައިޓަންގެ ދަނޑުގައި ކުޅުނު މި މެޗު އެ ޓީމުން ކާމިޔާބުކުރީ 2-0 ގެ ނަތީޖާއަކުންނެވެ.
މިއީ މި ފަހަރުގެ ޔޫރޮޕާ ލީގުގައި ބްރައިޓަންއަށް ކާމިޔާބު ކުރެވުނު ފުރަތަމަ މެޗެވެ. ދެ ޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާތަކެއް އުފައްދާފައިވަނީ ބްރައިޓަންއިންނެވެ. މި ސީޒަންގައި މާ ރަނގަޅު ކުޅުމެއް ދެއްކެމުން ނުދާ އަޔެކްސްއިން މެޗުގައި ބޮޑަށް ބެލީ ޑިފެންޑް ކޮށްފައި ލިބޭ ފުރުސަތުގެ ބޭނުން ހިފުމަށެވެ. މިގޮތުން ބަރައިޓަންއިން އުފެއްދޭތޯ މަސައްކަތް ކުރި ގިނަ ހަމަލާތަކެއް ވަނީ އަޔެކްސްގެ ޑިފެންސް ލައިނުން ހުއްޓުވައިފައެވެ.
މެޗުގައި ބްރައިޓަންއިން މެޗުގެ ފުރަތަމަ ލަނޑު ކާމިޔާބުކުރީ މެޗުގެ 42 ވަނަ މިނެޓްގައި ކައުރޫ މޮޓޯމާ އަޔެކްސްގެ ގޯލަށް ފޮނުވާލި ހަމަލާއެއް އެ ޓީމުގެ ކީޕަރު އަތުގައި ޖެހިފައި ނުކުތް ވަގުތު ޖާއޮ ޕެޑްރޯ ގޯލްތެރެއަށް ފޮނުވާލައިގެންނެވެ. މި ލަނޑާ އެކު ބްރައިޓަންއިން ހަމަޖެހިލިއިރު ދެވަނަ ހާފުގައި އަންސޫ ފާތީ ވަނީ މެޗުގެ 53 ވަނަ މިނެޓްގައި ލަނޑެއް ޖަހައި، އެ ޓީމަށް ލީޑު ފުޅާކޮށްދީފައެވެ. މެޗުގައި އަޔެކްސްއަށް މާ އެދެވޭ ކުޅުމެއް ނުދެއްކުނު ނަމަވެސް ރަނގަޅު ދެ ހަމަލާއެއްވަރު އުފައްދާފައިވެއެވެ.
މެޗަށް ފަހު ވާހަކަ ދައްކަމުން ބްރައިޓަންގެ ކޯޗް ރޮބާޓޯ ޑި ޒާބީ ބުނީ މިއީ ކްލަބާއި ސަޕޯޓަރުންނަށް ވަރަށް ހާއްސަ ދުވަހެއް ކަމަށާއި މި ދުވަސް އެ ފަރާތްތަކަށް ފޯރުކޮށްދެވުނީތީ ޓީމުގެ ހުރިހާ ކުޅުންތެރިން ވެސް ފަހުރުވެރިވާ ކަމަށެވެ.
މި ކާމިޔާބީއާ އެކު ބްރައިޓަން މިހާރު ވަނީ ކުޅުނު ތިން މެޗުން ލިބިފައިވާ ހަތަރު ޕޮއިންޓާ އެކު ގްރޫޕްގެ ތިންވަނައަށް ކުރިއަށް ޖެހިލައިފައެވެ. އެ ޓީމުން ކުޅުނު ފުރަތަމަ މެޗުން ބަލިވިއިރު ދެވަނަ މެޗުގައި އޮލިމްޕިކް މާސޭ އާއި ވަނީ އެއްވަރުވެފައެވެ. މި މެޗުން ބަލިވުމުން އަޔެކްސް އުޅެނީ ދެ ޕޮއިންޓާ އެކު ގްރޫޕްގެ އެންމެ ފަހަތުގައެވެ.