27 Oct 2023, 13:15
ހެއްކެއް ގަރީނާއެއް ނެތި ބަޔަކު ބަދުނާމު ކުރުމުގެ ނުބައި ނިޔަތުގައި ކުރާ ކަންކަމާއި ދައްކާ ވާހަކަތަކަކީ، މީހާ ނަރަކަވަންތަވެރިއަކަށް ވުމަށް ފުދި އިތުރުވާނޭ އަމަލުތަކެއް ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ.
ޚުތުބާގައި ބުނީ މުޅި އިސްލާމް ދީން ބިނާވެފައި ވަނީ މުއާމަލާތުގެ ރިވެތިކަމުގެ މައްޗަށް ކަމަށެވެ.
"އަޅުކަންތައްތައް އަދާކުރުމުގެ އިތުރަށް، ދޭދޭ އަފުރާދުންގެ މެދުގައި ކުރެވޭ މުއާމަލާތް ރަނގަޅު ނުކޮށް، އާޚިރަތް ބާއްޖަވެރިއެއް ނުވާނެއެވެ." ޚުތުބާގައި ބުންޏެވެ.
ދޭދޭ އަފުރާދުންގެ މެދުގައި ކުރެވޭ މުއާމަލާތުގައި ހިމެނެނީ ހަމައެކަނި ސީދާސީދާ ކުރެވޭ މުއާމަލާތް ނޫންކަމަށް ޚުތުބާގައި ބުންޏެވެ. އެގޮތުން ނުސީދާކޮށް އެކިއެކި މީޑިއާތަކުގައި ފަތުރާ ވާހަކަތައް ވެސް ހިމެނޭނީ މުޢާމަލާތުގެ ތެރޭގައި ކަމަށާއި، ހޮޅުއަށިތަކާއި މައިޒާންތަކުގައި ދައްކާ ވާހަކައަކީ ވެސް މުއާމަލަތްކަމުގައި ޚުތުބާގައި ބުންޏެވެ.
އެހެންކަމުން އެ ހުރިހާ ވާހަކަތަކާއި، މުއާމަލާތެއް ވެސް ވާން ޖެހޭނީ، އިސްލާމީ ޝަރީއަތް ހުއްދަކުރާ މިންގަނޑަށް ފެތޭ އެއްޗަކަށް ކަމަށް ޚުތުބާގައި ބުންޏެވެ.
މީގެ އިރުތުން ޚުތުބާގައި ބުނީ، އިސްލާމް ދީނަކީ މީހުން ބިނާކުރުމުގެ ދީން ކަމަށެވެ. އެހެންކަމުން ތަޅައި ފޮޅުމާއި، އަރާރުންވުމާއި، އެކަކު އަނެކަކަށް ފުރަގަސްދިނުން އިސްލާމް ދީނުގައި މަނާކުރައްވާފައި ވާކަމަށެވެ. އަދި އެއްވެސް ގައުމަކަށް ކުރިއަށް ދެވޭނީ އެ ގައުމެއްގެ ރައްޔިތުން އެކަތިގަނޑަކަށް ވެގެން ކަމަށާއި ތަރައްގީ އާއި ތަހުޒީބުގެ މައިދާނުގައި ކުރި ހޯދޭނީ، ރައްޔިތުންގެ މެދުގައިވާ ގުޅުންތައް ހަރުދަނާ ކޮށްގެން ކަމަށް ވެސް ޚުތުބާގައި ބުންޏެވެ.
"އަހަރެމެންގެ ބިނާ ހަރުދަނާ ކުރެވޭނީ ލޯތްބާއި، ކުލުނުން އެއްބަޔަކު އަނެއްބަޔަކާއެކު މުއާމަލާތު ކޮށްގެން. މާތް ﷲއަށް ކިޔަމަން ގަތުމުގެ އަސާސުތަކުގެ މަތީގައި ރައްޔިތުންނާއި، ޙާކިމާއާ ދެމެދުގައިވާ ގުޅުން ބަދަހި ކޮށްގެން،" ޚުތުބާގައި ބުންޏެވެ.
ޚުތުބާގައި ބުނީ، ބަސްމަގަކީ ވާހަކަ ދެއްކުމުގެ ތެރެއިން ދަސްވާ އެއްޗެއް ކަމަށެވެ. އެގޮތުން، އާއިލާގެ ތެރޭގައި ރިވެތި ބަހުން ވާހަކަ ދައްކާނަމަ ދަރިން ރިވެތި ބަހުން ވާހަކަ ދައްކާނެކަމަށާއި ހުތުރު ބަހުން ވާހަކަ ދައްކާ ނަމަ، ދަރިންނަށް ދަސްވާނީ އެބަހުރުވަ ކަމަށް ޚުތުބާގައި ބުންޏެވެ.
އެހެންކަމުން މީސްތަކުންނާ ވާހަކަ ދައްކާއިރު، އެކުވެރިކަން ދެމެހެއްޓޭ ގޮތަށް ރިވެތި ބަހުން ވާހަކަ ދެއްކުމަށް ޚުތުބާގައި ވަނީ ގޮވާލަފައެވެ. އަދި އެންމެ ރަނގަޅު އުސްލޫބުތައް ބޭނުން ކުރުމަށް ވަނީ ގޮވަލާފައެވެ.