ރާއްޖޭގައި މި ވަގުތު ތިބި އިންޑިއާ ސިފައިން ރާއްޖެއިން ބޭލުމުގެ މަޝްވަރާތައް އިންޑިއާއާއެކު ކުރަމުން އަންނަކަމަށް އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ބޭރުގެ ނޫހެއްކަމަށްވާ ބްލޫމްބާގް ޓީވީއަށް ދެއްވި އިންޓަވިއުއެއްގައި އެ މަނިކުފާނުވަނީ ރާއްޖޭގައި އިންޑިއާ ސިފައިން ނުވަތަ، އެ ނޫން އެހެން އެއްވެސް ގައުމެއްގެ އަސްކަރީ ބަޔަކު ގާއިމްވެެގެން ތިބުމަށް ރުހިވަޑައިގެން ނުހުންނަވާނެކަމަށް ވިދާޅުވެފައެވެ.

އިންތިޚާބު ތެރޭ އެމަނިކުފާނު އެންމެ ބާރަށް ދެއްކެވި ވާހަކަފުޅުކަމަށްވާ އިންޑިއާ ސިފައިން ބޭލުމުގެ މަސައްކަތަށް، އިންޑިއާއާއެކު ކުރަމުން އަންނަ މަޝްވަރާ އަދި ފެންނަނީ ކާމިޔާބުކޮށް ކަމަށް ވެސް އެ މަނިކުފާނު އެ އިންޓަވިއުގައި ވިދާޅުވިއެވެ.

އެ މަނިކުފާނުވަނީ އިންޑިއާ ސިފައިން ރާއްޖޭގައި ހަރަކާތްތެރިވުމުގެ ފުރުސަތު ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ މި ސަރުކާރުން ދިނުމަކީ ރާއްޖޭގެ ދާޚިލީ މައްސަަލަތަކާ އެ ގައުމުން ވަދެ، ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތަށް އެޅި ސީދާ ހުރަހެއްގެ ގޮތުގައި ސިފަކުރައްވައިފައެވެ.

"އަޅުގަނޑުމެން ބޭނުންވަނީ ދެ ގައުމަށް ވެސް ފައިދާކުރާ، އެކުވެރި ގުޅުމެއް،" ޑރ. މުއިއްޒު ވިދާޅުވިއެވެ.

އެ މަނިކުފާނު ވިދާޅުވީ އިންޑިއާ ސިފައިން ރާއްޖެއިން ފޭބުމަށް އެންގުމަކީ، ޗައިނާ ސިފައިން ރާއްޖޭގައި ގާއިމްވުމަށް ހުއްދަ ދިނުން ކަމަށް ވެސް ނޫންކަމަށާއި އެ ފުރުސަތު ވެސް ނުދެއްވާނެ ކަމަށެވެ.

އަދި ރާއްޖެއިން، އިންޑިއާއާއި، ޗައިނާއާ ދެމެދު އޮތް ބާރުގެ ކޯޅުމުގެ ތެރެއަށް ވަނުމަކީ އެ މަނިކުފާނު ބޭނުންފުޅުވެވަޑައިގަންނަވާ ގޮތް ނޫންކަމަށް ވެސް ވިދާޅުވިއެވެ.

އިންތިޚާބުވެވަޑައިގަތުމަށްފަހު މި ފަހުން އެ މަނިކުފާނު ބައިނަލްއަގްވާމީ ބޮޑެތި މީޑިއާތަކަށް ދެއްވި ހުރިހާ އިންޓަވިއުއެއްގައި ވެސް ފާޅުކަން ބޮޑު ގޮތެއްގައި ވަނީ އިންޑިއާ އަސްކަރީ ސިފައިން ރާއްޖެއިން ބޭލުވުމުގެ ވާހަކަފުޅު ތަކުރާރުކުރައްވައިފައެވެ.

އަދި ޗައިނާއާއެކު އޮންނަ ގުޅުމުގައި ވެސް ދެ ގައުމަށް ފައިދާ ހުރި ގޮތްގޮތުން މަސައްކަތްކުރުން ނޫން އެހެން ޚާއްސަ ކަމެއް ނެތްކަމަށް އެ މަނިކުފާނު ވިދާޅުވެއެވެ.

ބޭރުގެ މީޑިއާތަކުން އެ މަނިކުފާނަކީ ޕްރޯ ޗައިނާ ބޭފުޅެއްގެ ގޮތުގައި ސިފަކުރި ނަމަވެސް، އެ ކަމަށް އެ މަނިކުފާނު ރައްދު ދެއްވަނީ އެ މަނިކުފާނަކީ ޕްރޯ މޯލްޑިވްސް ބޭފުޅެއްކަމަށް ވިދާޅުވެއެވެ.