27 Oct 2023, 18:02
ޔަހޫދީ އިސްރާއީލުން ފަލަސްތީނުގެ ޣައްޒާއަށް އަމާޒުކޮށް ދެމުންގެންދާ ހަމަލާތަކުގައި 1950 މީހުން އަދިވެސް ތިބީ އިމާރާތްތަކުގެ ދަށުގައި ތާށިވެފައި ކަމަށް ފަލަސްތީނުގެ ގައުމީ ސަލާމަތާ ބެހޭ ވުޒާރާގެ ތަރުޖަމާނު އިޔާދު އަލް ބަޒްމް އިއްޔެ ވިދާޅުވެއްޖެއެވެ.
ސިވިލް ޑިފެންސް އަދި އެމްބިއުލާންސް ޓީމުތަކުން ވަނީ ޣައްޒާގެ ޔަރްމޫކް މައިދާނުން 120 ޝަހީދުންނާއި ޒަޚަމްވެފައިވާ ގާތްގަނޑަކަށް 260 މީހުންގެ ހަށިގަނޑު ކާމިޔާބުކަމާ އެކު އިމާރާތުގެ ދަށުން ނެރެފައިކަން އިޔާދު ފާހަގަކުރެއްވިއެވެ. ނަމަވެސް އިމާރާތްތަކުގެ ދަށުގައި އަދިވެސް 300 އެއްހާ މީހުން ހަމައެކަނި އެ ސަރަހައްދުގައި އެބަ ތިއްބެވެ.
މީހުން ސަލާމަތްކުރުމުގެ މަސައްކަތް ކުރިއަށްދިޔަ ނަމަވެސް އިސްރާއީލްގެ ހަމަލާތައް އަމާޒުވަމުންދާތީ އެކަމަށް ބުރޫއަރާ ކަމަށް އިޔާދާ ހަވާލާދީ އަލްމަޔާދީން ނޫހުން ރިޕޯޓުކުރެއެވެ.
އިސްރާއީލުގެ މި ލާއިންސާނީ އަމަލުތައް މިހާރުން މިހާރުން ހުއްޓުވުމަށް މުޅި ދުނިޔެއަށާއި އަރަބި ދުނިޔެއަށް އިޔާދު ވަނީ ގޮވާލައްވައިފައެވެ. އަދި، މިއީ ހުޅަނގުގެ ގައުމުތަކުގެ ތާއީދު ލިބިގެން ހިންގާ ލާއިންސާނީ އަމަލުތަކެއް ކަމަށް ވެސް އިޔާދު ފާހަގަ ކުރެއްވިއެވެ.
މީގެ އިތުރުން، ފަލަސްތީނު ސަރުކާރުގެ މީޑިއާ އޮފީހުގެ ވެރިޔާ ސަލާމާ މަރޫފާ ހަވާލާދީ އަލްމަޔާދީނުން ރިޕޯޓުކޮށްފައިވާ ގޮތުގައި ލާއިންސާނީ ހަމަލާތައް ފެށި ފަހުން ފަލަސްތީނުގެ އާއިލާތަކާ ދެކޮޅަށް ޔަހޫދީން ވަނީ 688 ފަހަރު ގަތުލު އާންމު ހިންގާފައެވެ.
އިސްރާއީލުން ބޮން އެޅުމުގެ ސުންނާފަތިވެފައިވާ ޣައްޒާގެ އަލް އަހްލީ އަރަބި ހޮސްޕިޓަލް ފޮޓޯ/އަލްޖަޒީރާ
ފަލަސްތީނުގެ ސިއްހީ ވުޒާރާއިން އާންމުކުރި ޝަހީދުންގެ އަދަދާ މެދު ސުވާލު އުފެއްދި މީހުންނަށް ޖަވާބު ދެއްވަމުން އެ ވުޒާރާގެ ތަރުޖަމާނު އަޝްރަފް އަލް ޤުދްރާ ވަނީ އެ ވުޒާރާ ހިނގާ ގޮތް ބަލަން އިލްތިމާސް ކުރައްވައިފައެވެ. އަޝްރަފް މިހެން ވިދާޅުވިއިރު، ފަލަސްތީނުން ޝަހީދުވާ ކަމަށް އެ ގައުމުގެ ސިއްހީ ވުޒާރާއިން އާންމުކުރާ އަދަދާ މެދު ސުވާލު އުފެދޭ ކަމަށް އެމެރިކާގެ ރައީސް ޖޯ ބައިޑެން ވެސް ވަނީ ވިދާޅުވެފައެވެ.
މި ކަމާ ގުޅިގެން ފަލަސްތީނުގެ ސިއްހީ ވުޒާރާއިން ވަނީ ޝަހީދުވި މީހުންގެ ނަމާއި، އައިޑީ ކާޑު ނަންބަރު، އުމުރު އަދި ޖިންސު ވެސް އެނގޭހެން ލިސްޓެއް އާންމުކޮށްފައެވެ.
އިސްރާއީލުން އުޅެނީ ގަސްދުގައި ފަލސްތީނުގެ ސިއްހީ ނިޒާމު ފުޑާލަން ކަމަށާއި އެކަން އެގޮތަށް ވިޔަ ނުދިނުމަށް އަޝްރަފް ވަނީ ގޮވާލައްވައިފައެވެ. ވޭތުވެދިޔަ 24 ގަޑިއިރު ތެރޭގައި ޣައްޒާއިން ޝަހީދުވި 481 މީހުން ހިމެނޭ ގޮތަށް އިސްރާއީލުން ޣައްޒާއަށް ދޭ މި ހަމަލާތަކުގައި ޖުމްލަ 7028 މީހުން މިހާތަނަށް ވަނީ ޝަހީދުވެފައެވެ.