އިސްރާއީލުން ފަލަސްތީނަށް އަމާޒުކޮށް ދެމުންދާ ހަމަލާތަކުގައި، ގެއްލުން ލިބޭ އާންމު ރައްޔިތުންނަށް އިންސާނީ އެހީގެ ގޮތުގައި ގާތްގަޑަކަށް 2.05 މިލިއަން އެމެރިކާ ޑޮލަރުގެ އެހީ ފޯރުކޮށްދޭނެ ކަމަށް ޗައިނާއިން ބުނެފިއެވެ.

ޗައިނާ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް ކޯޕަރޭޝަން އޭޖެންސީ (ސީއައިޑީސީއޭ)އިން ނެރުނު ބަޔާނަކާ ހަވާލާދީ ސީއެންއެންއިން ރިޕޯޓުކޮށްފައިވާ ގޮތުން މި އެހީގެ ތެރޭގައި ކާބޯތަކެއްޗާއި ބޭހާއި އެނޫން ވެސް ކޮންމެހެން ބޭނުންވާ ތަކެތި ހުންނާނެއެވެ.

މިއީ ޗައިނާއިން މީގެކުރިން ޣައްޒާއަށް ފޯރުކޮށްދީފައިވާ އެއް މިލިއަން އެމެރިކާ ޑޮލަރުގެ އެހީގެ އިތުރުން ފޯރުކޮށްދޭ އެހީއެއް ކަމަށްވެސް އެ ބަޔާނުގައިވެއެވެ.

ޣައްޒާގެ އާންމުންނަށް ބޭނުންވާ ކާބޯތަކެއްޗާއި ބޭހާއި ވަގުތީ ހިޔާތައްވެސް ފަލަސްތީނުގައި ހުންނަ އދ.ގެ ރީލިފް އެންޑް ވޯކްސް އޭޖެންސީ (އުނުރްވާ) އާ ހަވާލުކުރާނެ ކަމަށް ޗައިނާއިން މީގެކުރިން ވަނީ ބުނެފައެވެ. ނަމަވެސް އެއީ ކިހާ ވަރެއްގެ އެހީއެއް ކަމެއް އޭރު ހާމަކޮށްފައެއްނުވެއެވެ.

އިންސާނީ އެހީ ފޯރުކޮށްދޭނެ ކަމަށް ޗައިނާއިން ބުނިއިރު، ފަލަސްތީނުގައި މިހާރު ހިނގަމުންދާ ހަނގުރާމަ ނިމުމަކަށް ގެނެވޭނީ ދެ ފަރާތުންވެސް ސުލްހައިގެ ވާހަކަތައް ދައްކައިގެން ކަމަށް ޗައިނާއިން މެދުއިރުމައްޗަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޒައި ޖޫން ވަނީ ވިދާޅުވެފައެވެ.

ޗައިނާއިން މެދުއިރުމައްޗަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޒައި ޖޫން ފޮޓޯ/އަރަބި ނޫސް

އިސްރާއީލާއި ފަލަސްތީނުގެ މައްސަލައިގައި ޣައްޒާއަށް އެހީ ފޯރުކޮށްދިނުމަކީ ޗައިނާއަށް ދުނިޔޭގެ ގައުމުތަކުގެ ތާއިދު ލިބޭނެ ކަމެއް ކަމަށް ސީއެންއެން އިން ބުނެއެވެ. ހަނގުރާމައިގެ މައްސަލައިގައި އިސްރާއީލް ފަޅިއަށް އެމެރިކާ އަރާފައިވާއިރު، ޗައިނާއާއި އެމެރިކާގެ ގުޅުން އޮތީ ވަރަށް ގޯސްވެފައެވެ.