26 Oct 2023, 22:45
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު މަޖިލިސް ރައީސްކަމުގެ މަގާމުން ވަކިކުރުމަށް އެމްޑީޕީން މަސައްކަތްކުރަނީ އެ ޕާޓީގެ ކޮރަޕްޝަންގެ މައްސަލަތައް ދަ ޑިމޮކްރެޓްސްއިން ފަޅާ އަރުވާނެތީ ކަމަށް އެ ޕާޓީގެ ވަގުތީ ޗެއާޕާސަން ހަސަން ލަތީފް ވިދާޅުވެއްޖެއެވެ.
ދަ ޑިމޮކްރެޓްސްއިން މިރޭ ބޭއްވި ހަރުގެ ޖަލްސާގައި ވާހަކަދައްކަވަމުން ހަސަން ލަތީފް ވިދާޅުވީ، ނަޝީދު މަޖިލިސް ރައީސް ކަމުގެ މަގާމުން ވަކިކުރާ ވާހަކަ އެކި ގޮތްގޮތަށް އެމްޑީޕީން ދައްކާ އަޑު އިވޭ ކަމަށެވެ.
އެ ދައްކާ ވާހަކަތަކަށް ވިސްނާ ފިކުރު ކުރުމުން އޭގެއިން އެނގިގެން ދަނީ އެ ޕާޓީގެ ކޮރަޕްޝަންގެ މައްސަލަތައް އިންތިހާއަށް ބޮޑުކަން ކަމަށާއި އެ މައްސަލަ ބަލާނެ ހަމައެކަނި ފަރާތަކީ ޑިމޮކްރެޓްސްއިން ކަމަށްވުމުން ރައީސް ނަޝީދު މަގާމުން ވަކިކުރަން އެމްޑީޕީން އުޅެނީ ކަމަށް ހަސަން ލަތީފް ތުހުމަތުކުރެއްވިއެވެ.
"އެކަން ބަލަން ރައްޔިތުންގެ މަޖިލީހުގައި ހަމައެކަނި މަސައްކަތް ކުރާ ޕާޓީ އަކީ ޑިމޮކްރެޓްސް. އެކަން ބަަލާފާނެތީ ފަޅާ އަރުވާނެ ތީ އެހެންވެ އެތާ އެ މަގާމުގަ ރައީސް ނަޝީދު ނުބައިންދަން ވެގެން ކަނޑައެޅިގެން ކުރާ ކަމެއް،" ހަސަން ލަތީފް ވިދާޅުވިއެވެ.
"ރައީސް ނަޝީދު މަގާމުން ވަކިކުރަން އުޅެނީ އެމްޑީޕީގެ ކޮރަޕްޝަން ފަޅާ އަރުވާނެތީ. އެއީ މައިގަނޑު ސަބަބު."
ހަސަން ލަތީފް ވިދާޅުވީ މިހާރުވެސް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގައި އެމްޑީޕީގެ އެތައް މައްސަލައެއް އެބައޮތް ކަމަށެވެ. އެގޮތުން ފެނަކައިގެ ދަރަނީގެ މައްސަލައަކީ އޭގެ ކުޑަ މިސާލެއް ކަމަށް އޭނާ ވިދާޅުވިއެވެ.
"އަޅުގަނޑުމެންގެ މެންބަރުން ރައްޔިތުންގެ މަޖިލީހުގައި ވެސް ފެނަކައިގެ ވާހަކަ ދެއްކީމަ އޭސީސީން އެބަ ބުނޭ އެ މައްސަލަ ބަލާ ވާހަކަ. ފެނަކައިގެ މައްސަލައަކީ އޭސީސީގައި ހުރި އެމްޑީޕީގެ މައްސަލަތަކުގެ ތެރެއިން އަދި ކޯވަރެއްގެ ކޯވަރެއް،" ހަސަން ލަތީފް ވިދާޅުވިއެވެ.
މީގެ އިތުރުން ހަސަން ލަތީފް ވަނީ، އެމްޑީޕީން ރައީސް ނަޝީދަށް އެއްވެސް އިރެއްގައި އިތުބާރު ނުކުރާކަމަށް އިއްޔެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވިވިދާޅުވުމަށް ރައްދު ދެއްވައިފައެވެ.
ރައީސް ވިދާޅުވީ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ކުރިން މަޖިލީހަށް ވައްދާފައި އޮތް ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ނެގީ އިންތިޚާބުގެ ތެރޭގައި އެހެން ބޮޑު ހަަލަބޮލިކަމެއްގެ ތެރެއަށް ދާން މަގުފަހިވާ އެއްވެސް ކަމެއް އެ ދުވަސްވަރު ކުރައްވަން އެ މަނިކުފާނު ވެސް ބޭނުންފުޅުވެވަޑައި ނުގަންނަވާތީ ކަމަށެވެ.
އެއީ ވަގުތީ ގޮތުން ކުރެއްވި ކަމެއްކަމަށާއި އެއިރަކު ވެސް އިތުބާރު އޮވެގެން ކުރި ކަމެއް ނޫން ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
ހަސަން ލަތީފް ވިދާޅުވީ، އެކަމުން ހާމަވަނީ ރައީސް ޞާލިޙުގެ "ބޭވަފާތެރިކަން" ކަމަށެވެ.
"އެހެންވީމަ އަޅުގަނޑު މި ދަންނަވަނީ ކުރިއަށް އޮތް ފަސް އަހަރު ރައީސް ޞާލިޙާއެކު ނޫޅުމަށް ރައްޔިތުން ނިންމި މި ނިންމުމަކީ މި ފަހުގެ ތާރީޚުގައި ރައްޔިތުން ނިންމި އެންމެ ފުރިހަމަ ނިންމުން،" އޭނާ ވިދާޅުވިއެވެ.
ނަޝީދުގެ އިތުބާރު ނެތް ކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލަ ވަނީ އަންނަ އާދިއްތަ ދުވަހަށް މަޖިލީހުން އެޖެންޑާ ކޮށްފައެވެ. އާއްމު ކޮމެޓީން ނިންމާފައި ވަނީ ނަޝީދުގެ އިތުބާރު ނެތް ކަމަށް ބުނެ ހުށަހަޅާފައިވާ ގަރާރަށް ބަހުސް ކުރާއިރު އެ މަނިކުފާނަށް ޖަވާބުދާރީވާން 30 މިނެޓު ދިނުމަށެވެ.
މަޖިލީހުގެ ގަވައިދުގައި ބުނާ ގޮތުން، މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލައިގެ ރިޔާސަތު ބަލަހައްޓަވާނީ މަޖިލީހުގެ ނައިބު ރައީސެވެ. މަޖިލީހުގެ ނައިބު ރައީސް ވަޑައިނުގަންނަވާ ހާލަތެއްގައި ވާނެ ގޮތެއް ގަވާއިދުގައި ސާފުކޮށް ބުނެފައެއް ނެތެވެ.
އާދިއްތަ ދުވަހަށް މި މައްސަލަ ތާވަލުކޮށްފައިވާ އިރު ޑިމޮކްރެޓްސްއިން ބުނި ގޮތުގައި މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ އުޅުއްވަނީ އާލާސްކަންފުޅާއެވެ. އެހެންކަމުން އެ ޖަލްސާ ބޭއްވޭނެ ކަމާ މެދު ވަނީ ސުވާލު އުފެދިފައެވެ.