27 Oct 2023, 10:55
ފުލުހުންގެ ތަހުގީގަށް ލިޔެކިޔުންތައް ގެންދިއުމުގެ ސަބަބުން މުބާރާތްތައް ކުރިއަށް ނުގެންދެވޭނެ ކަމަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ބުނެފިއެވެ.
މިދިޔަ އާދީއްތަ ދުވަހު ފުލުހުން ވަނީ ފައިސާގެ މައްސަލަތަކެއް ތަހުގީގުކުރުމަށް ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ)ގެ އޮފީހުގެ އެދުމުގެ މަތިން "އެފްއޭއެމް ހައުސް"އަށް ވަދެފައެވެ.
ފުލުހުންގެ މައްޗަށް ޕީޖީން ކޮށްފައިވާ އަމުރުގައި ވަނީ، އެފްއޭއެމްއަށް އެކި ފަރާތްތަކުން ދޭ ފައިސާއަށް އެ އެސޯސިއޭޝަންގެ އިސްވެރިން ހިޔާނާތްތެރިވެ، އިތުރު ކުށުގެ އަމަލުތައް ހިންގާކަމަށް ތުހުމަތުކުރެވޭ މައްސަލައިގެ އެއްވެސް ހިސާބެއްގައި މަނީ ލޯންޑަރިންއާއި، ވައްކަމާއި، ޚިޔާނާތާއި، މަކަރާ ޙީލަތުގެ ނުވަތަ އެ ނޫން ވެސް ޖިނާއީ ކުށެއްގެ މައްސަލައެއް ހިނގަމުންދާނަމަ، އެ ކަމެއް ތަހުގީގުކޮށްދެއްވައި، އެ މައްސަލައިގައި ދައުވާއެއް ކުރެވެން އޮތް ބައެއްގެ މައްޗަށް ދައުވާކުރުމަށް ފޮނުވުމަށެވެ.
އެފްއޭއެމްގެ ފައިސާއަށް އެ އިދާރާގެ އެއްވެސް ވެރިޔަކު އަދި މުވައްޒަފަކު ވެސް ހިޔާނާތްތެރިނުވާނެ ކަމަށްބުނެ، އެ އިދާރާ އިން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ އެފްއޭއެމް ހައުސް ބަލައި ފާސްކޮށް، ފުލުހުން ވަނީ ގިނަ އަދަދެއްގެ ލިޔެކިޔުމާއި ސާވާ ބެކަޕް އަދި ހާޑް ޑިސްކް ފަދަ އާލާތްތައް ގެންގޮސްފައި ކަމަށެވެ.
"މި އިދާރާގައި ބޭނުންކުރާ ގިނަ އަދަދެއްގެ ލިޔެކިޔުމާއި މަސައްކަތުގެ މާހައުލުގައި ކޮންމެހެން ބޭނުންކުރަން ޖެހޭ އެތަކެއް އާލާތްތަކެއް ފުލުހުންގެ ތަހުގީގަށް އެ ފަރާތުގެ ބެލުމުގެ ދަށަށް ގެންދެވިފައިވުމުގެ ސަބަބުން މި އިދާރާގައި ދުވަހުން ދުވަހަށް ކުރަންޖެހޭ މަސައްކަތްތަކަށް ބުރޫއަރައި މިވަނީ ހުއްޓުމަކަށް އައިސްފައެވެ. އަދި މި ހާލަތުގައި ފުޓުބޯޅަ ލީގާއި، ރޭވިފައި ހުރި އެނޫންވެސް އެހެނިހެން މުބާރާތްތައް ކުރިއަށްގެންދިއުމަކީ ކުރެވޭނެ ކަމެއް ނޫން ކަމުގައި ހިތާމައާއެކު ފާހަގަކުރަމެވެ..،" އެފްއޭއެމްގެ ބަޔާނުގައި ބުންޏެވެ.
އެ ތަހުގީގާ ގުޅޭގޮތުން މިދިޔަ ހޯމަ ދުވަހު ފުލުހުންގެ މީޑިއާ އޮފިޝަލް "ސަން"އަށް ވިދާޅުވެފައިވަނީ އެފްއޭއެމް ހައުސަށް ވަދެ، ކުރި މަސައްކަތުން މައްސަލައާ ގުޅުންހުރި ބައެއް ތަކެތި ފެނިފައިވާ ކަމަށާއި އެތަކެތި އެނަލައިސް ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
އެފްއޭއެމުން އިއްޔެ ނެރުނު ބަޔާނުގައި ވަނީ ފުލުހުންގެ ތަހުގީގު އަވަސްކުރުމަށް ވެސް އެދިފައެވެ. އަދި އެ މައްސަލައިގައި ތަހުގީގީ އިދާރާތަކަށް ފުރިހަމަ އެއްބާރުލުން ދޭނެ ކަމަށް ވެސް ވަނީ ބުނެފައެވެ.