16 May 2012, 16:29
އަންނަ މަހު ޕޮލެންޑާއި ޔޫކުރޭންގައި ފަށާ ޔޫއެފާ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ މެޗްތައް ލައިވްކޮށް ރާއްޖޭގެ އެކިކަންކޮޅުތަކަށް ދެއްކުމުގެ ގޮތުން "ޓެރެސްޓްރިއަލް ލައިސަންސް އެގްރީމެޓް"ގައި މީޑިއާނެޓާއެކު ޓީވީއެމް އަދި ވީޓީވީން މިއަދު އެއްބަސްވުމެއްގައި ސޮއި ކޮށްފި އެވެ.
މީޑިއާނެޓުގެ އޮފީހުގައި މިއަދު ބޭއްވި އެ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި ޓީވީއެމްގެ ފަރާތުން ސޮއި ކުރެއްވީ ސީއީއޯ އަހުމަދު އާސިފް (މޮންދު) އެވެ. މީޑިއާނެޓުގެ ފަރާތުން ފައިނޭންޝަލް ޑައިރެކްޓާ ޖެނެރަލް އަހުމަދު ނާޝިދު (އޭޑީކޭ ނާޝިދު) ސޮއި ކުރެއްވިއިރު، ވީޓީވީގެ ފަރާތުން ސޮއި ކުރެއްވީ ސީއީއޯ އިބްރާހިމް ހަލީލެވެ.
މިއަދު އެ އެއްބަސްވުމުގައި ސޮއި ކުރުމަށްފަހު ވީޓީވީގެ ސީއޯ ހަލީލް ވިދާޅުވީ، މުބާރާތް ދެއްކުމުގެ ކުރިން މުބާރާތާ ބެހޭ ކައުންޑައުން ސޯގެ ފުރަތަމަ ސޯ މިރޭ ފެށުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި ވީހާވެސް ބޮޑަކަށް އެސޯ ތަކުގައި ކުރިއަށްދާނީ މުބާރާތާ ބެހޭ އެކިއެކި މައުލޫމާތުތައް ކަމަށް ވެސް ހަލީލް ވިދާޅުވި އެވެ.
" މުބާރާތް ކުރިއަށްދާއިރު ކޮންމެ މެޗެއް ފެށުމުގެ ކުރިންއޮންނަ ސޯ ވެސް ވީޓީވީ ފަރާތުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވޭ. މުބާރާތުގެ ފޯރި އަޅުގަނޑުމެން ދިވެހިންގެ ތެރޭގައި ގަދަކުރުމަށްޓަކައި މިހާރުވެސް ވީޓީވީން ވަނީ މަސައްކަތް ފަށައިފަ. ޔޫރޯއާ ބެހޭ ފުރަތަމަ ކައުންޑައުން ސޯ މިރޭ ވީޓީވީން ފަށާނެ. ސޯ ތަކުގައި ބޮޑަށް އަލިއަޅުވާލައިފައި ވަނީ މުބާރާތާ ބެހޭ މައުލޫމާތުތައް ވީހާ ވެސް ބޮޑަށް ގެނެސް ދިނުމަށް" ހަލީލް ވިދާޅުވިއެވެ.
ޓީވީއެމްގެ ސީއީއޯ މުހައްމަދު އާސިފް ވިދާޅުވީ، މުބާރާތުގެ ކައުންޓްޑައުންގެ ފުރަތަމަ ސޯ މިމަހުގެ 20 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާއިރު، ޓީވީއެމްގެ ފަރާތުން ވެސް މުބާރާތާ ބެހޭ އެންމެ ފަހުގެ މައުލޫމާތުތައް ގެނެސްދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި ކުރިއެކޭ އެއްގޮތަށް "ދަނޑު ފޯރި" ވެސް މިފަހަރުގެ ކައުންޓްޑައުން ސޯގައި ގެނެސްދޭނެ ކަމަށާއި އެކަމަށް ހާއްސަ ކުރެވިފައިވާ ޓީމެއް ވެސް ޓީވީއެމްއިން މިހާރު ނަގާފައިވާ ކަމަށް އާސިފް ވިދާޅުވި އެވެ.
މީޑިއާނެޓުގެ ޓިރެކްޓާ ޖެނެރަލް އަހުމަދު ނާޝިދު ވިދާޅުވީ، މިއީ މިގޮތަށް ދެ ފަރާތަކަށް މިފަދަ ފުޓުބޯޅަ މުބާރާތެއް ދެއްކުމުގެ ހުއްދަ ލިބުނު ފުރަތަމަ ފަހަރު ކަމަށެވެ. އަދި އެހެން ފަހަރުތަކަށް ވުރެ، އެންމެ "ބެސްޓް ބްރައިޒެއް"ގައި ރައްޔިތުންގެ ވިންދާ ގުޅިފައިވާ ކުޅިވަރަކަށްވާތީ އެންމެ ބެސްޓް އަގު ހޯދައިގެން، އެ ލިބުނު އެއްޗަކާއެކު އެ ދެ ފަރާތް އެއްބަސްވާގޮތުގެ މަތިން ގެނެސްދޭ ލައިވެ އެއް ކަމަށެވެ.
"އީއެސްޕީއެން ކަހަލަ ބޮޑު ޗެންލް އޮޕަރޭޓަރެއްގެ ފަރާތުން ކުރިން ސިގްނަލް ހޯދައިގެން މެޗްތައް ގެނެސްދިން ކަމުގައި ވިޔަސް މިފަހަރުގެ މެޗްތަކުގެ ލައިވް ގެންނަން ހަމަޖެހިފައި ވަނީ ވަނީ ލައިވް ފީޑަކާއެކު. އެގޮތުން މެޗް ކުޅޭ ދަނޑުން ސީދާ ލައިވްކޮށް މިފަހަރުގެ މެޗްތައް ގެނެސްދޭނެ ކަމުގެ ޔަގީން ކަން އެބޮތް" ނާޝިދު ވިދާޅުވިއެވެ.
ޔޫރޯ ފުޓްބޯޅަ މުބާރާތަކީ ޔޫރަޕްގެ ގައުމުތަކުގައި ބާއްވަމުން އަންނަ އެންމެ ޝަރަފްވެރި އެއް މުބާރާތެވެ. އެގޮތުން މިމުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަނުން ނަކީ ސްޕެއިންނެވެ.