27 Oct 2023, 09:04
ގިނަ ބައެއްގެ މެދުގައި މަގުބޫލުކަން ހޯދައިފައިވާ ލަވަކިޔުންތެރިޔާ ޝަމްވީލް މުހައްމަދު (ބަރޯ) އަކީ ތަފާތު އެކި ކަހަލަ ލަވަތަކުގެ މުޅީން އާ ރެންޑިޝަން ހަދަން މޮޅު ފަންނާނެކެވެ. އެކި ލަވަތަކުގެ ރީމޭކުން ގިނަ ބައެއްގެ ލޯބި ހޯދާފައިވާ ޝަމްވީލް އަނެއްކާ މިއޮތީ ރީމޭކެއް ނެރެފައެވެ.
ޝަމްވީލް މަގުބޫލު ވެފައިވަނީ ކޮންމެ އަހަރެއްގެ ވެލެންޓައިންސް އާ ގުޅުވައިގެން ނެރޭ ޚާއްސަ މެޝަޕްތަކަށެވެ. އެގޮތުން ކޮންމެ އަހަރެއްގެ މެޝަޕްގައި ވެސް ލޯބީގެ ތަފާތު އެކި ލަވަތަކުގެ ރީމޭކްތައް ގެނެސްދެއެވެ. މިއީ ގިނަ ބަޔަކު ކޮންމެ އަހަރަކު ވެސް އިންތިޒާރުކުރަމުން އަންނަ މެޝަޕް ތަކެކެވެ.
ނަމަވެސް ދާދިފަހުން ޝަމްވީލް އާންމުކޮށްފައިވަނީ ތަފާތު ރީމޭކެކެވެ. މިފަހަރު ޝަމްވީލް ނެރެފައިވަނީ އަންތަރީސް ބޭންޑުގެ އައިކޮނިކް ލަވަ ކަމަށްވާ "ފެނި ފަތިހު ފިނި" އެވެ.
އަލަށް ނެރުނު ރިމޭކާއެކު އޮރިޖިނަލް ލަވައިގެ މޫޑް އެއްކޮށް ބަދަލު ކޮށްލައެވެ. ނަމަވެސް ލަވައިގެ އަސްލު ގެއްލުވައިި ނުލައި ލަވަ ތައްޔާރު ކޮށްފައިވާ ކަން ފާހަގަކުރެވެއެވެ.
ޝަމްވީލްގެ ރިމޭކްގެ މިއުޒިކް އެރޭންޖު ކުރުމުގެ މަސައްކަތް ވެސް ކޮށްފައިވަނީ އޭނާއެވެ. އަލަށް ނެރުނު ލަވަ ވަނީ މިއުޒިކް ވީޑިއޯއާއެކު ރިލީޒްކޮށްފައެވެ.
މި މިއުޒިކް ވީޑިއޯގައި ލަވައިގެ ތަފާތު ކޮރިއޮގްރަފީ ވެސް ފެނެއެވެ. ކޮރިއޮގްރަފީގެ މަސައްކަތް ކޮށްފައިވަނީ ހަތަރު ދުވަހުގެ ތެރޭގައެވެ. އެގޮތުން ކޮރިއޮގްރަފީ ތައްޔާރު ކޮށްފައިވަނީ ޝަރަފުލް އަމީރް (ކުޑަ ރިޗާޑް)އެވެ.
މި ލަވައިގެ މަންޒަރުތައް ނަގާފައިވަނީ ޝިވާޒު އަބްދުﷲ (މާސްކޭ)އެވެ. ލަވައިގައި ނެށުމުގައި ހިމެނެނީ "ވަން ޝޮޓް އެންޓަޓެއިންމެންޓް"ގައި ހިމެނޭ ޒުވާނުންނެވެ.
މިއީ ހަމަ ބަލާލަން ވަރަށް ސަޅި ލަވައެކެވެ.