އަންނަ މަހު އެޅުވުމަށް ހަމަޖެހިފައިވާ "ނޮވެމްބަރު"ގެ ސައުންޑްޓްރެކުން އާ ލަވަައެއް ރިލީޒް ކޮށްފިއެވެ.

ސިންގަޕޫރުގައި ކުޅެފައިވާ ފިލްމު "ނޮވެމްބަރު" އަކީ ޑާކްރެއިން އެންޓަޓެއިންމެންޓުން މިއަހަރު އެންމެ ފޯރިއާއެކު ނެރުމަށް ހަމަޖެހިފައިވާ އެއް ފިލްމެވެ. މި ފިލްމަކީ މަރިޔަމް މަޖުދާ އާއި މުހައްމަދު ޖުމައްޔިލު ނިމާލް ލީޑުން ފެންނަ ފިލްމެކެވެ.

މި ފިލްމު ރިލީޒް ކުރުމުގެ ތާރީޚު ކައިރި ވަމުން އަންނަ އިރު އިތުރު ޕްރޮމޯޝަނަލް މަސައްކަތްތައް ދަނީ ކުރަމުންނެވެ. އެގޮތުން ދާދިފަހުން ވަނީ ފިލްމުގެ ސައުންޑްޓްރެކުން މުޅިން އާ ލަވައެއް ރިލީޒް ކޮށްފައެވެ. މިއީ "ލަފްޒު" އެވެ.

އަލަށް ނެރުނު ލަވަ ލަފްްޒަކީ ޝައްމޫން މުހައްމަދު ކިޔައި ލިރިކްސް ލިޔެފައިވާ ލަވައެކެވެ. މި ލަވައިގެ މިއުޒިކްގެ މަސައްކަތް ކޮށްފައިވަނީ ހުސައިން ތައުފީގެވެ.

ލަވައިގެ އޯޑިއޯ ސޯޝަލް މީޑިއާއަށް ދޫކޮށްލިއިރު އާ ލަވައަކީ އަޕްބީޓް ލޯބީގެ ލަވައެކެވެ. މޫޑީ ވާން ބޭނުން ނުވާ ނަމަ މިއީ އަޑު އަހާލަން ރަނގަޅު ލަވައެކެވެ.

މީގެކުރީން ވެސް ވަނީ ނޮވެމްބަރު ސައުންޑްޓްރެކުން ތިން ލަވައެއް ނެރެފައެވެ. އެއީ "މޫސުން" އާއި "ސަމުގާ" އަދި "މާމަލުން" އެވެ. މި ފިލްމުގެ ސައުންޑްޓްރެކްގެ ގިނަ ލަވަތަކުގެ ލިރިކްސްގެ މަސައްކަތް ކޮށްފައިވަނީ ޝައްމޫނެވެ.

ކޮވިޑަށް ފަހު 2021 ވަނަ އަހަރު ފުރަތަމަ ދެއްކުމަށް ތާވަލުކުރި މި ފިލްމު ވަނީ އެކި ސަބަބުތަކާ ގުޅިގެން ޑިލޭ ވެފައެވެ. ނަމަވެސް އެންމެފަހުން މިހާރު ރެޑީ ވަނީ އަންނަ ޑިސެމްބަރު މަހުގައި ފިލްމު ދައްކާށެވެ. ޑާކްރެއިން އިން ހާމަކޮށްފައިވާ ގޮތުގައި މި ފިލްމު ރިލީޒް ކުރުމަށް ހަމަޖެހިފައިވަނީ ޑިސެމްބަރު މަހުގެ ހަތަރަކުންް ފެށިގެންނެވެ.