ފަލަސްތީނަށް ތާއީދުކުރާ ކޮންޓެންޓް ސެންސަރުކުރާ ކަމަށް ބުނާ މައްސަލައިގައި މެލޭޝިއާއިން ޓިކްޓޮކްއާއި މެޓާއަށް އިންޒާރު ދޭން ނިންމައިފިއެވެ.

ސޯޝަލް މީޑިއާ ކުންފުނިތައް ކަމަށްވާ ޓިކްޓޮކް އަދި މެޓާގެ ޕްލެޓްފޯމްތަކުގައި ފަލަސްތީނަށް ތާއީދުކުރާ ކޮންޓެންޓް ބްލޮކް ކުރި ކަމުގެ ތުހުމަތުތަކާ ގުޅިގެން މެލޭޝިއާގެ ކޮމިއުނިކޭޝަން ރެގިއުލޭޓަރުން، އެ ކުންފުނިތަކަށް އިންޒާރު ދޭން ނިންމިކަން އިއުލާން ކުރެއްވީ މެލޭޝިއާގެ ކޮމިއުނިކޭޝަން މިނިސްޓަރު ފަހުމީ ފަދްޒިލްއެވެ.

ފޭސްބުކްގެ މައި ކުންފުނި މެޓާ އިން ވަނީ އެ ތުހުމަތުތަކަށް ރައްދު ދީފައެވެ. ފޭސްބުކްގެ ޕްލެޓްފޯމްގައި އެފަދަ ކޮންޓެންޓެއް ގަސްތުގައި އުނިކޮށްފައި ނުވާނެކަމަށް މެޓާއިން ވަނީ ބުނެފައެވެ.

އެހެންނަމަވެސް ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުން ފަލަސްތީނަށް ތާއީދުކުރާ ކޮންޓެންޓް ލިމިޓްކުރާ ކަމަށް ބުނެ މެލޭޝިއާގެ ކޮމިއުނިކޭޝަން މިނިސްޓަރު ފަހުމީ ވަނީ ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ.

ކުރިން ޓްވިޓާގެ ނަމުން މަޝްހޫރުވެފައިވާ ސޯޝަލް މީޑިއާ ޕްލެޓްފޯމް އެކްސްގައި އާންމުކޮށްފައިވާ ބަޔާނެއްގައި ފަހުމީ ވަނީ މި މައްސަލައަށް އިހުމާލުވެއްޖެ ނަމަ ފިޔަވަޅު އަޅަން ފަސް ނުޖެހޭނެ ކަމުގެ އިންޒާރު ދެއްވާފައެވެ. އެކަމާ ގުޅޭ ވަކި ތަފްސީލެއް ނުދެއްވި ނަމަވެސް ފަލަސްތީނަށް ތާއީދުކުރާ ކޮންޓެންޓަށް ހުރަސް އެޅި ކަމަށް ބުނެ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކާ މެދު ފިޔަވަޅު އެޅުމަށް ގިނަ ފަރާތްތަކަކުން ސަރުކާރަށް ގޮވާލާފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.

މެޓާގެ ތަރުޖަމާނަކު ވަނީ އެ ވާހަކަތައް ދޮގުކޮށް، އެ ވާހަކަތަކުގައި އެއްވެސް ހަގީގަތެއް ނެތް ކަމަށާއި އެ ކުންފުނިން މަސައްކަތް ކުރަނީ ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ދަމަހައްޓައި، އެ ކުންފުނީގެ އެޕްތަކުގައި ރައްކާތެރި މާހައުލެއް ގާއިމުކުރުމަށް ކަމަށް ބުނެފައެވެ.

ކުރު ވީޑިއޯތަކަށް މަޝްހޫރު ޕްލެޓްފޯމް ޓިކްޓޮކްއިން މިކަމާ ގުޅިގެން މިހާތަނަށް ވަކިއެއްޗެއް ބުނެފައެއް ނުވެއެވެ. މިނިސްޓަރު ފަހުމީ ވިދާޅުވީ ފަލަސްތީނާ ގުޅޭ ގޮތުން މެލޭޝިއާގެ ރައްޔިތުންނަށް ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ހައްގު ލިބިގެންވާ ކަމަށާއި އެ ހައްގު ދަމަހައްޓާނެ ކަމަށެވެ.

އެ ކަންބޮޑުވުންތަކަށް ހައްލެއް ގެނައުމުގެ ގޮތުން ފަހުމީ ވަނީ އަންނަ ހަފުތާގައި ޓިކްޓޮކްގެ މަންދޫބުންނާ ބައްދަލުކޮށް އެކަމާ ބެހޭ ގޮތުން މަޝްވަރާ ކުރަން ނިންމާފައިވާކަން އިއުލާން ކުރައްވާފައެވެ.

ފަލަސްތީނަށް ތާއީދުކުރާ ކޮންޓެންޓް ލިމިޓްކުރާ މައްސަލަ ފެންމަތިވެފައި މިވަނީ، ޓިކްޓޮކުން މެލޭޝިއާގެ ގާނޫނުތަކަށް ގޮންޖަހައި، އަބުރު ކަތިލާ ނުވަތަ އޮޅުވާލާ ކޮންޓެންޓަށް ފުރުސަތުދޭ ކަމަށް ފަހުމީ ވިދާޅުވިތާ ދެ ހަފުތާ ފަހުންނެވެ. ޓިކްޓޮކުން ވަނީ އެ މައްސަލަތައް ހައްލުކުރުމަށް ފިޔަވަޅުތަކެއް އަޅާނެ ކަމަށް ބުނެފައެވެ.

ފަލަސްތީނަށް ތާއީދުކުރާ ކޮންޓެންޓް ސެންސަރުކުރާ ކަމަށް ބުނާ މައްސަލައާ ގުޅިގެން އުފެދިފައިވާ ޚިޔާލު ތަފާތުވުމަކީ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި ކޮންޓެންޓް މޮޑަރޭޝަން ބެލެންސް ކުރުމުގައި ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކަށް ކުރިމަތިވެފައިވާ ގޮންޖެހުންތައް ހާމަކޮށްދޭ ކަމެކެވެ. އަދި މި ޕްލެޓްފޯމްތަކުގެ ސިޔާސަތުތަކާއި އަމަލުތަކަށް ޖަވާބުދާރީ ކުރުވުމުގައި ސަރުކާރުތަކާއި ރެގިއުލޭޓަރުންގެ ދައުރަށް ވެސް އަލިއަޅުވާލެވޭ ކަމެކެވެ.