އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން (އައިއޭސީ)އިން އިއްޔެ ޣައްޒާގައި ކާބޯތަކެތީގެ 1،000 ޕެކޭޖު ބަހައިފިއެވެ.

މީގެ ދެ ދުވަސް ކުރިން އައިއޭސީންވަނީ ޣައްޒާގައި ބަހަން ކާބޯތަކެތީގެ ޕެކޭޖުތައް ތައްޔާރުކުރަމުން ދާ މަންޒަރު ފެންނަ ފޮޓޯތަކެއް ސޯޝަލް މީޑިއާގައި ހިއްސާކޮށްފައެވެެ. މިއަދު އެޖަމްއިއްޔާއިން ބުނީ އެ ޕެކޭޖުތައް އިއްޔެ ބަހަން ފަށާފައިވާ ކަމަށެވެ.

އިއްޔެ އެ ޕެކޭޖުތައް ބަހާފައިވަނީ އިސްރާއީލުގެ ހަމަލާތަކުގެ ސަބަބުން ހާލުގައި ޖެހި، ގެދޮރު ގެއްލިފައި ތިބި ފަލަސްތީނު ރައްޔިތުންނަށް ކަމަށް އައިއޭސީން ބުންޏެވެ. އެގޮތުން ތިން ތަނަކަށް އެ ޕެކޭޖުތައް ބެހި ކަމަށާއި އެއީ އަލްޝަތީ ކޭމްޕްގެ އަބޫ އަސީ ސްކޫލާއި، ދޭރް ބަލަޙްގެ ރުފީދާ ސްކޫލުގެ އިތުރުން ބައެއް މީހުން ވަގުތީ ހިޔާއެއްގެ ގޮތުގައި ބޭނުންކުރާ ދޭރް ބަލަޙް ސާރްވިސް ސްޕޯޓްސް ކްލަބްއަށް ކަމަށް އެ ޖަމްއިއްޔާއިން ބުންޏެވެ.

ޣައްޒާ ރައްޔިތުންނަށް ކާބޯތަކެތީގެ ޕެކޭޖުތައް ފޯރުކޮށްދެނީ _ ފޮޓޯ: އައިއޭސީ

ޣައްޒާގެ ރައްޔިތުންނަށް އެހީ ފޯރުކޮށްދިނުމުގައި އެއްވެސް ވަރަކަށް މަޑު ނުޖެހޭނެ ކަމަށާއި ޔަހޫދީންގެ ހަމަލާތަކަށް އައިއޭސީގެ ޓީމު ބިރު ނުގަންނާނެ ކަމަށް އަައިއޭސީން ބުންޏެވެ.

މިކަމާއި ގުޅޭ ގޮތުން މައުލޫމާތު ދެއްވަމުން އައިއޭސީގެ އޮފިޝަަލަކު "ސަން"އަށް ވިދާޅުވީ، ދިވެހި ރައްޔިތުންގެ އެހީ ފޯރުކޮށްދެމުން ދަނީ ވަރަށް ބައިވަރު ދަތިތަކާއެކުގައި ކަމަށެވެ.

"އަސްލު ޕެކޭޖުތައް ބަހަން ނިންމީ އިއްޔެއަކު ނޫން ކުރިން ދުވަހު. އެކަމަކު ދިމާވި ދަތިތަކާ ގުޅިގެން އިއްޔެއަށް ޑިލޭ ވީ." އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ދިވެހި ރައްޔިތުން އެ ޖަމްއިއްޔާއާއެކު ތިބިހާ ހިނދަކު އައިއޭސީން މަސައްކަތް ކުރާނީ ދިވެހިންގެ އެހީ އޭގެ ހައްގުވެރި ފަރާތްތަކަށް ފޯރުކޮށްދިނުމުގެ މަސައްކަތުގައި ދެމިތިބުމަށް ކަމަށެވެ.

އިސްރާއީލާ ދެކޮޅަށް ރާއްޖޭގެ ރައްޔިތުން އަންނަނީ އެކި ހަރަކާތްތައް ހިންގަމުންނެވެ. ފަލަސްޠީނާ އެކު ދިވެހިން ތިބިކަން އަންގައިދިނުމަށް މި ފަހުން ވެސް ވަނީ ބޮޑު އެއްވުމަކާއި ސައިކަލު ބުރެއް ވެރިރަށް މާލޭގައި ބާއްވައިފައެވެ. އަދި މުޅި ރާއްޖޭގައި ވެސް އެއްވުންތައް ކުރިއަށް ގެންގޮސްފައިވެއެވެ.

ޣައްޒާ ރައްޔިތުންނަށް ކާބޯތަކެތީގެ ޕެކޭޖުތައް ފޯރުކޮށްދެނީ _ ފޮޓޯ: އައިއޭސީ

އިސްރާއީލުން ފަލަސްތީނާ ދެކޮޅަށް އިއުލާނުކޮށްފައިވާ ހަނގުރާމައިގައި މިހާތަނަށް 7000 އަށްވުރެ ގިނަ ފަލަސްތީނު މީހުން ވަނީ ޝަހީދުކޮށްލައިފައެވެ. އޭގެތެރޭގައި 2900އަށްވުރެ ގިނަ ކުޑަކުދިންނާއި 1700އަށް ވުރެ ގިނަ އަންހެނުން އަދި 300އަށްވުރެ ގިނަ އުމުރުން ދުވަސްވީ މީހުން ހިމެނެއެވެ.