26 Oct 2023, 19:36
ދިވެހިބަހުގެ އެކެޑަމީއަކީ މުޅި ރާއްޖެއަށް ހުޅުވާލައިގެން މަސައްކަތްތައް ކުރިއަށް ގެންދާނެ ތަނަކަށް ހެދުމަށް އެ އެކެޑަމީން ވިސްނާފައިވާ ކަމަށް، އެކެޑަމީގެ ރައީސް ޑރ. އަޝްރަފް އަބްދުއްރަޙީމް ވިދާޅުވެއްޖެއެވެ.
ރާއްޖެ އިސްލާމްވީ ދުވަހުގެ މުނާސަބަތާ ގުޅިގެން މިއަދު އިސްލާމީ މަރުކަޒުގައި ބޭއްވި ޚާއްޞަ ސެޝަންގައި ވާހަކަދައްކަވަމުން ޑރ. އަޝްރަފް ވިދާޅުވީ، ބަހުގެ އެކެޑަމީ އަކީ ހަމައެކަނި މާލޭގައި ހުރި އޮފީސް އިމާރާތެއްގެ ބަދަލުގައި މުޅި ރާއްޖެއަށް ހުޅުވިފައިވާ އިދާރާއަކަށް ހެދުމަކީ އެ އެކެޑަމީގެ މައިގަނޑު ވިސްނުން ކަމަށެވެ.
"އަޅުގަނޑުމެންގެ ހުރިހާ ސެޝަންތަކެއް، ޅެން ހަދަން ދަސްކޮށްދިނަސް، ވާހަކަ ލިޔަން ދަސްކޮށްދިނަސް، ވާހަކަދެއްކުމުގެ މުބާރާތެއްކަމުގައި ވިޔަސް، އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް ތަނުގައި މުޅި ރާއްޖެއަށް އަމާޒުކޮށްގެން އަޅުގަނޑުމެންގެ މުބާރާތްތައް ކުރިއަށް ގެންދާނީ،" އެ ސެޝަންގައި ހާޒިރުވެ ތިބި ސްކޫލް ދަރިވަރުންނާ މުޚާތަބުކުރައްވާ ޑރ. އަޝްރަފް ވިދާޅުވިއެވެ.

ރާއްޖެ އިސްލާމްވީ ދުވަހުގެ މުނާސަބަތާ ގުޅިގެން މިއަދު އިސްލާމީ މަރުކަޒުގައި ބޭއްވި ޚާއްޞަ ސެޝަންގެ ތެރެއިން -- ސަން ފޮޓޯ/ މުޙައްމަދު ޝާތިއު އަބްދުﷲ
ގައުމީ ޅެން ހެދުމުގެ މުބާރާތާއި، ގައުމީ މަޒުމޫނު ލިޔުމުގެ މުބާރާތާއި ގައުމީ ވާހަކަ ލިޔުމުގެ މުބާރާތް އަންނަ މަހު ފެށުމަށް ހަމަޖެހިފައިވާކަން ފާހަގަކުރައްވާ ޑރ. އަޝްރަފް ވިދާޅުވީ، އެކަމަށް ޚާއްޞަ ސެޝަންތަކެއް އަންނަ ހޮނިހިރު ދުވަހު ފަށާނެ ކަމަށެވެ.
"ޅެމާއި ބަނދި ހަދަން ދަސްކޮށްދޭ ކްލާސްތަކެއް ވެސް ފަށާނެ. ރާއްޖޭގެ ހުރިހާ ސްކޫލްތަކެއްގެ ކުދިންނަށް އޮންލައިންކޮށް ބައިވެރިވެވޭނެ ޒޫމް މެދުވެރިކޮށް. އެ ވަސީލަތްތައް އެ ގޮތުގައި ފޯރުކޮށްދޭނަން،" ޑރ. އަޝްރަފް ވިދާޅުވިއެވެ.
ޑރ. އަޝްރަފް ވިދާޅުވީ އެ ކްލާސްތަކުގައި ބައިވެރިވާ ދަރިވަރުންނަށް އެ ތިބެވެނީ އެ ކްލާސްތައް ނަގައިދޭ މުދައްރިސުންނާ ދުރުގައިކަން އިހުސާސްވުމުގެ ފުރުސަތެއް ނޯންނާނެ ކަމަށެވެ.

ރާއްޖެ އިސްލާމްވީ ދުވަހުގެ މުނާސަބަތާ ގުޅިގެން މިއަދު އިސްލާމީ މަރުކަޒުގައި ބޭއްވި ޚާއްޞަ ސެޝަންގެ ތެރެއިން -- ސަން ފޮޓޯ/ މުޙައްމަދު ޝާތިއު އަބްދުﷲ
ހަމައެއާއެކު އަންނަ މަހު ބާއްވާ މުބާރާތްތަކުގައި ބައިވެރިވުމަށް ކޮންމެހެން މާލެ އަންނަން ނުޖެހޭނެ ކަމަށާއި އެ ރަށެއްގައި ތިބެ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު އެބައޮތް ކަމަށް އަޝްރަފް ވިދާޅުވިއެވެ.
މި މުބާރާތްތަކުގައި ބައިވެރިވުމުގެ ސުންގަޑިއަކީ އަންނަ އާދީއްތަ ދުވަހުގެ 13:00އެވެ.
މި މުބާރާތްތައް އޮންނާނީ އަންނަ މަހުގެ 24ވަނަ ދުވަހާއި 25ވަނަ ދުވަހުއެވެ. މުބާރާތްތައް އޮންނާނެ ތަނާއި ވަގުތެއް މުބާރާތް ބޭއްވުމުގެ ފަސް ދުވަސް ކުރިން ބަހުގެ އެކެޑަމީން ބައިވެރިންނަށް އަންގާނެއެވެ.
މި މުބާރާތްތަކުގައި ބައިވެރިވާން އެދޭ ފޯމާއި މުބާރާތްތަކާ ގުޅުން ހުރި އެހެނިހެން ލިޔެކިޔުންތައް ބަހުގެއެކެޑަމީ ވެބްސައިޓްމެދުވެރިކޮށް ލިބެން ހުންނާނެއެވެ.