ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ފައިސާއަށް އެ އިދާރާގެ އެއްވެސް ވެރިޔަކު އަދި މުވައްޒަފަކު ވެެސް ޚިޔާނާތްތެރިވެފައި ނުވާނެ ކަމަށްބުނެ، ފުލުހުންގެ ތަހުގީގު އަވަސްކޮށްދިނުމަށް އެ އިދާރާއިން އެދިއްޖެއެވެ.

މިދިޔަ އާދީއްތަ ދުވަހު ފުލުހުން ވަނީ ފައިސާގެ މައްސަލަތަކެއް ތަހުގީގުކުރުމަށް ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ)ގެ އޮފީހުގެ އެދުމުގެ މަތިން "އެފްއޭއެމް ހައުސް"އަށް ވަދެފައެވެ.

ފުލުހުންގެ ތަހުގީގާ ގުޅޭ ގޮތުން ޕީޖީން ބުނެފައިވަނީ ރާއްޖެއަކީ، ބޭރު ގައުމުތަކާއި ބައިނަލްއަގުވާމީ ޖަމިއްޔާތަކާ ގާތް ގުޅުމެއް ބާއްވާ ގައުމަކަށްވެފައި، އެ އިދާރާތަކުގެ އިތުބާރާއި ޔަގީންކަން ރާއްޖޭގެ ދައުލަތުގެ މުއައްސަސާތަކަށް އަބަދުމެ ލިބިފައި އޮތުމާއި، އެ ކަންކަން އެ މަގަށް ހިނގުމަށްޓަކައި، ދައުލަތުގެ އިދާރާތަކުގެ ނަޒާހާތްތެރިކަމާއި، އިންސާފުވެރިކަން އަބަދުމެ ކަށަވަރުވެފައި އޮތުމަކީ މުޅި ދިވެހި ދައުލަތުގެ ގައުމީ މަސްލަހަތާ ސީދާގޮތުން ގުޅުން ހުރި ކަމެއް ކަމަށެވެ.

އެހެންކަމުން، ރާއްޖެއާ މުއާމަލާތްކުރާ ބައިނަލްއަގުވާމީ އިދާރާތަކުން، ވަކި ހަމަތަކާއި އުސޫލުތަކެއްގެ ދަށުން ފޮނުވާ ފައިސާ، އެ ކަމަށް ރާއްޖޭގައި ހެދިފައިވާ އުސޫލުތަކާއި ގާނޫނުތަކާ ޚިލާފަށް، ކުށްކުރުމަށް ނުވަތަ ކުށްކުރުމަށް ފަހިވާގޮތަށް ބޭނުންކުރެވޭކަމުގެ ތުހުމަތެއް އޮތުމަކީ ޕްރޮސިކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ކަންބޮޑުވެވަޑައިގަންނަވާ ކަމެއް ކަމަށް އެ އޮފީހުން ބުންޏެވެ.

އެފްއޭއެމުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އެ މައްސަލައާ ގުޅިގެން ފީފާ އާއި އޭއެފްސީން ޖޮއިންޓް ސިޓީއެއް ފޮނުވާފައިވާ ކަމަށާއި ޖިނާއީ އަދުލުގެ ނިޒާމުގެ ތެރެއިން ސަރުކާރަށާއި ތަންފީޒީ އިދާރާތަކަށް އެފަދަ ތަންތަން ބަލައި ފާސްކުރުމުގެ އިހުތިސާސް އޮންނާނެކަން ގަބޫލުކުރި ނަމަވެސް, އެފަދަ އަމަލެއް ހިންގަންވާނީ ގާނޫނީ މަގުސަދަށްޓަކައި ގާނޫނީ އިންތަކުގެ ތެރެއިންކަން ގަބޫލުކުރާކަން އެ ސިޓީގައި ފާހަގަކޮށްފައިވާ ކަމަށެވެ.

އެފްއޭއެމަށް ފީފާ އާއި އޭއެފްސީން އެހީގެ ގޮތުގައި ލިބޭ ފައިސާ އެފްއޭއެމްގެ ވެރިންނާއި އަމިއްލަ ފަރާތްތަކުގެ އެކައުންޓުތަކަށް ޖަމާކުރެވިފައިވާ ކަމަށްބުނެ ކުރެވޭ ތުހުމަތުތަކާ ގުޅޭގޮތުން އެ ސިޓީގައި، ފީފާގެ ފޯވަޑް ޑިވެލޮޕްމަންޓް ޕްލޭނާއި އޭއެފްސީގެ އެންހޭންސް މެންބަރު އެސޯސިއޭޝަން ޕްލޭންގެ ދަށުން ދޫކުރެވޭ އެންމެހާ ފައިސާއަކީ ފީފާ އާއި އޭއެފްސީގެ ގަވާއިދުގެ ދަށުން ދެފުށްފެންނަ, ޓްރޭސްކުރެވޭ މިންގަނޑެއްގެ ތެރޭގައި ބޭނުންކުރެވޭ ފައިސާކަން ކަށަވަރުކުރުމަށް ކޮންމެ އަހަރަކު އޮޑިޓްކުރެވޭ އެހީތަކެއްކަން ފާހަގަކޮށްފައިވާ ކަމަށް އެފްއޭއެމްގެ ބަޔާނުގައި ބުންޏެވެ.

"ވުމާއެކު ދިވެހިރާއްޖޭގެ އެންމެހާ ލޮބުވެތި ރައްޔިތުންނަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން އަރުވާ ޔަގީންކަމަކީ ރާއްޖޭން ބޭރުގެ އެއްވެސް ޖަމިއްޔާ ޖަމާއަތަކުން އެފްއޭއެމަށް ލިބިފައިވާ އެއްވެސް ފައިސާއަކަށް މި އިދާރާގެ އެއްވެސް ވެރިޔަކުވެސް، މުވައްޒަފަކުވެސް އަދި މެންބަރަކުވެސް ޚިޔާނާތްތެރިވެފައި ނުވާނެކަމުގެ ޔަގީންކަމެވެ. އަދި މިފަދަ އެހީތަކަކީ އެދެއްވާ ފަރާތްތަކުން ކޮންމެ އަހަރަކު އޮޑިޓްކުރާ، އެހީގެ ގޮތުގައި ދެއްވާ އެންމެހާ ފައިސާއެއްގެ ފުރިހަމަ ތަފްސީލު އެ ފަރާތްތަކުން ބައްލަވާ އެހީތަކެއްކަން ފާހަގަކުރަމެވެ. އަދި މި ތަފްސީލުތަކަކީ އާންމުކުރެވޭ މައުލޫމާތުތަކެއްކަން ވެސް މި ފުރުސަތުގައި ފާހަގަކުރަމެވެ،" އެފްއޭއެމްގެ ބަޔާނުގައި ބުންޏެވެ.

އެފްއޭއެމުން ބުނީ މިއަދު އެ އިދާރާއަށް މާލީގޮތުން އިންތިހާއަށް ދަތި ހާލަތަކާ ކުރިމަތިވެފައިވީ ނަމަވެސް، އެފްއޭއެމްގެ މުދަލާއި ފައިސާއަށް އެ އިދާރާއަށް ނިސްބަތްވާ އެއްވެސް ފަރާތަކުން ޚިޔާނާތްތެރިވެފައި ނުވާނެ ކަމަށާއި އެފަދަ އަމަލެއް ހިންގާފައިވާ ކަމަށް ކުރެވޭ އެންމެހާ ތުހުމަތުތަކާ އެ އިދާރާގެ މެނޭޖްމަންޓުން، ފުޓުބޯޅައިގެ ހައްގުގައި ކެރިގެން ކުރިމަތިލާނެ ކަމަށެވެ. އަދި ގާނޫނީ ތަރަހައިގެ ބޭރުން އެއްވެސް އަމަލެއް ވެސް މުއާމަލާތެއް ވެސް އެފްއޭއެމްގެ ފަރާތުން ކޮށްފައިނުވާނެކަން އެ އިދާރާގެ މެންބަރުންނަށާއި ރާއްޖޭގެ ރައްޔިތުންނަށް ސާބިތުކޮށްދިނުމުގައި ފަަހަތަށް ނުޖެހޭނެ ކަމަށް ވެސް ބުންޏެވެ.

"މިވަގުތުގައި އެފްއޭއެމްގެ އެންމެ އިސް މަސްއޫލިއްޔަތެއް ކަމުގައި ދެކެނީ ތަހުގީގީ އިދާރާތަކަށް އެންމެ ފުރިހަމައަށް މިކަމުގައި އެއްބާރުލުން ދިނުމެވެ. ތަހުގީގުގެ މަރުހަލާ އަވަސްކޮށްދިނުމަކީ މި އިދާރާގެ ވަރަށް ބޮޑު އެދުމެކެވެ. އަދި ދިވެހި ފުޓުބޯޅައަށްޓަކައި ފީފާ އާއި އޭއެފްސީގެ ލަފާގެ މަތިން އެ ފަރާތްތަކާއި ދިވެހިރާއްޖޭގެ އިދާރާތަކާ ގުޅިގެން ކުރެވެން ހުރި އެންމެހާ މަސައްކަތްތައް މެދުކެނޑުމެއްނެތި ކުރުމުގައި ދެމިތިބޭނެކަމުގެ ޔަގީންކަން އަރުވަމެވެ،" އެފްއޭއެމުން ބުންޏެވެ.

އެފްއޭއެމުން އިތުރަށް ބުނީ އެ އިދާރާގައި ބޭނުންކުރާ ގިނަ އަދަދެއްގެ ލިޔެކިޔުމާއި މަސައްކަތުގެ މާހައުލުގައި ކޮންމެހެން ބޭނުންކުރަން ޖެހޭ އެތަކެއް އާލާތްތަކެއް ފުލުހުންގެ ތަހުގީގަށް ގެންގޮސްފައިވުމުގެ ސަބަބުން ދުވަހުން ދުވަހަށް ކުރަންޖެހޭ މަސައްކަތްތަކަށް ބުރޫއަރައި، ހުއްޓުމަކަށް އައިސްފައިވާ ކަމަށާއި މި ހާލަތުގައި ފުޓުބޯޅަ ލީގާއި އެހެނިހެން މުބާރާތްތައް ކުރިއަށްގެންދިއުމަކީ ކުރެވޭނެކަމެއް ނޫން ކަމަށެވެ.