16 May 2012, 16:27
ދިރާގް ދިވެހި ލީގް ފުޓްބޯޅަ މުބާރާތުގެ ފުރަތަމަ ބުރުގައި މިދިޔަ ހޯމަ ދުވަހު ވެލެންސިޔާއާ ދެކޮލަށް ވީބީ އައްޑޫ އެފްސީން ކުޅުނު މެޗަށްފަހު ކުޅިވަރުގެ ރޫހާ ހިލާފް އަމަލުތަކެއް ދަނޑުތެރޭ ހިންގާ މެޗުގެ އޮފިސަލުންނާ ދިމާކޮށް، އެފްއޭއެމްގެ އޮފިސަލަކަށް ހަމަލާދިން ކަމަށް ބުނެ، ވީބީގެ މެނޭޖަރު އިބްރާހިމް ރަޝީދު (ސަތޯ) ދިހަ މެޗަށް ސަސްޕެންޑްކޮށް 5000ރ އިން ސަތޯ ޖޫރިމަނާ ކޮށްފި އެވެ.
ވެލެންސިޔާއާ ދެކޮޅަށް ވީބީ އެދުވަހު ކުޅުނު މެޗުގެ ފުރިހަމަ ވަގުތުގެ ކުޅުން ނިމުނުއިރު، މެޗުގެ ނަތީޖާ ނިކުތީ ދެޓީމްވެސް 2-2 ލަނޑުން އެއް ވަރު ވެގެންނެވެ.
ރާއްޖޭގެ ފުޓްބޯޅައާ ބެހޭ މައި އިދާރާއިން މިއަދު ނެރުނު ކުރު ނޫސް ބަޔާނެއްގައި ބުނެފައި ވަނީ، ވީބީގެ މެނޭޖަރު ސަތޯ ސަސްޕެންޑް ކޮށްފައި ވަނީ މިދިޔަ ހޯމަ ދުވަހު ވެލެންސިޔާއާ ދެކޮޅަށް ކުޅުނު މެޗަށް ފަހު، ކުޅިވަރުގެ ރޫހާ ހިލާފް އަމަލުތަކެއް ހިންގާ، މެޗުގެ އޮފިސަލުންނާ ދިމާކޮށް، އެފްއޭއެމްގެ އޮފިޝަލަކަށް ހަމަލާދީފައިވާތީ، އެފްއޭއެމްގެ ޑިސިޕްލިނަރީ ކޯޑުގެ 37 ވަނަ މާއްދާގެ ދަށުން ކަމަށެވެ.
އެގޮތުން ކުރިއަށް އޮތް 10 މެޗަށް ސަތޯ ސަސްޕެންޑް ކޮށްފައިވާއިރު، ޖޫރިމަނާގެ ގޮތުގައި އެފްއޭއެމްއަށް ދައްކަން ޖެހޭ 5000 ރުފިޔާ ސަސްޕެންސަންގެ މުއްދަތު ހަމަ ވުމުގެ ކުރިން ދައްކާ ހަލާސް ކުރަން ޖެހޭނެ ކަމަށް ވެސް އެފްއޭއެމްއިން މިއަދު ނެރުނު ބަޔާނުގައި ބުނެފައި ވެއެވެ.